ރެއާލް މެޑްރިޑްގެ އިނގިރޭސި ތަރި ޖޫޑް ބެލިންހަމް އާ ސީޒަނުގައި އޭނާގެ އެންމެ މޮޅު ފޯމަށް އެނބުރި އައުމަށް ބޭނުންވީ އެންމެ ތިން މެޗެވެ. ރޯޔަލް ކްލަބާއެކު އޭނާ ކުޅުނު ފުރަތަމަ ސީޒަން ކަމަށްވާ 2023-2024 ގައި ދެއްކި ބިރުވެރި މޮޅު ކުޅުން މިހާރު އަލުން ހޯދާފައިވާކަން މިވަނީ ކަށަވަރުވެފައެވެ.
އުމުރުން 23 އަހަރުގެ ބެލިންހަމް ވަނީ ލަލީގާގައި މިހާތަނަށް ކުޅުނު ފުރަތަމަ ތިން މެޗުގައި ހަތަރު ގޯލު ޖަހައި ދެ ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ. މިއާއެކު، ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރީ ސީޒަނުގައި ގެއްލުނު ހާއްސަ ފޯމަށް އޭނާ އަލުން އެނބުރި އައިސްފައިވާކަން ވަނީ ސާބިތުކޮށްދީފައެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ ”އޭއެސް“ އިން ބުނާ ގޮތުގައި، ބެލިންހަމްގެ މި ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރަކީ ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ އޭނާއަށް ދީފައިވާ އާ ރޯލެވެ. މަލާގާ އަތުން މޮޅުވި މެޗަށް ފަހު ރެއާލް މެޑްރިޑް ޓީވީއަށް ދިން އިންޓަވިއުއެއްގައި ބެލިންހަމް ބުނީ، ”މިހާރު ކުޅެނީ ތަންކޮޅެއް މިނިވަންކަމާއެކު، ބޭނުންވާ ގޮތަށް ކުރިއަށް ނުވަތަ ފަހަތަށް ދިއުމުގެ މިނިވަންކަމާއެކު،“ ކަމަށެވެ.
މޮރީނިއޯގެ ކާމިޔާބު ފޯމިއުލާ
ހޯސޭ މޮރީނިއޯއަށް މިވަނީ ބެލިންހަމްގެ އެންމެ މޮޅު ކުޅުން ނެރެދޭނެ ރަނގަޅު ރެސިޕީ ނުވަތަ ފޯމިއުލާ ހޯދިފައެވެ. ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ބުނި ގޮތުގައި، ”އަހަރެން އޭނާއާ އެއްބަސްވީ ގާތްގަނޑަކަށް ދެވަނަ ލެފްޓް ބެކެއްގެ ގޮތުގައި ޑިފެންސް ކުރާތަން ދެކެން ބޭނުން ނުވާތީ، އެތައް ފަހަރަކު އެކަން ކުރާތަން ފެނުމުންނެވެ. މިދިޔަ ސީޒަނުގައި ބެންފިކާއާ އެކު މޮޅުވި މެޗުގައި ކަނާތު ފަރާތުން ޑިފެންސް ކުރަން ދަނޑުގެ މެދުން ނުކުންނަން ޖެހުމުން ފުރިހަމަ ފައިދާ ނެގި،“ ކަމަށެވެ.
މޮރީނިއޯ އިތުރަށް ހާމަކުރި ގޮތުގައި، 4-2-3-1 ޕްލޭންގެ ތެރޭގައި ޕްލޭމޭކަރުގެ މަގާމުގައި ބެލިންހަމް ކުޅޭ ދައުރަށް އިޝާރާތްކޮށް ބުނީ، ”އަހަރެމެން ޓީމު އިންތިޒާމްކުރީ ތަފާތު ގޮތަކަށް، އޭނާއަށް ކުރަންޖެހޭ ކަންތައްތައް ސީދާ އެނގޭނެ ގޮތަށް އަދި ވަރަށް އަރާމުކޮށް އިހުސާސް ކުރެވޭ ގޮތަށް،“ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ކުރިއެރުން
ސީޒަން ފެށުނު ފަހުން ރެއާލް މެޑްރިޑްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި ބެލިންހަމް އޮތީ ދެ ގޯލު ޖަހައި ދެ އެސިސްޓް ދީގެންނެވެ. އޭނާ ވަނީ ސްޕެނިޝް ލީގުގައި އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިންގެ ލިސްޓުގެ ލީޑު ޓީމުގެ އެކުވެރިޔާ ވިނިޝިއަސް ޖޫނިއާއާ އެކު ހިއްސާކޮށްފައެވެ.
މީގެ އިތުރުންވެސް، އެހެން ގިނަ ތަފާސްހިސާބުތަކުން ބެލިންހަމްގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ 11 ފަހަރު ބޯޅަ ރިކަވަރ ކޮށްފައެވެ. މިއީ ވިނިސިއަސް ހާސިލްކުރި އަދަދާ އެއްވަރު އަދަދަކަށްވާއިރު، އެންމެ ގިނައިން (13 ފަހަރު) ރިކަވަރީ ހެދި އެޑޫއާޑޯ ކަމަވިންގާއަށް ވުރެ އެންމެ ދެ ފަހަރު މަދު އަދަދެކެވެ.
ހަމައެއާއެކު، ބެލިންހަމް ވަނީ 7 ފުރުސަތު އުފައްދައި ކާމިޔާބު 7 ޑްރިބްލް ފުރިހަމަކޮށްފައެވެ. މިއީ ކައިލިއަން އެމްބާޕޭ ހެދި އަދަދާ އެއްވަރު އަދަދެކެވެ. އަދި ހަތަރު ޑްރިބްލް ހެދި ވިނިޝިއަސް އަށް ވުރެ އިތުރު އަދަދެކެވެ. މީގެ އިތުރުން، އިދިކޮޅު ޓީމުގެ ހާފުގައި އޭނާ ވަނީ 81 ސައްހަ ޕާސް ދީފައެވެ. މި ލިސްޓުގައި އޭނާގެ ކުރީގައި އުޅެނީ 109 ޕާސް ފުރިހަމަކުރި ފެޑެރީކޯ ވަލްވާޑޭ އެކަންޏެވެ.

