ބުދަ. ސެޕްޓެ 2nd, 2026

ފުޓްބޯޅަ ކުޅުންތެރިންގެ މުސާރަ: ޔޫރަޕްގެ ލީގުތަކުގެ މެދުގައި ބޮޑެތި ތަފާތުތަކެއް އުފެދެނީ ކީއްވެ؟

ފޮޓޯ އަލް ޖަޒީރާ

ޔޫރަޕްގެ ގަދަ 5 ލީގުގައި ކުޅޭ ފުޓްބޯޅަ ކުޅުންތެރިންނަށް ލިބޭ ބޮޑެތި މުސާރަތަކަކީ ހަމައެކަނި ދަނޑުމަތީގައި އެ ކުޅުންތެރިން ދައްކާ ހުނަރުގެ އަގު ކަމަށް ބެލެވުނު ނަމަވެސް، މިއީ ވަރަށް ފުޅާ އިގްތިސާދީ ނިޒާމަކާ ގުޅިފައިވާ ކަމެކެވެ. މީގެ ތެރޭގައި ކްލަބުތަކުގެ އާމްދަނީ، ބްރޯޑްކާސްޓިން އަދި ސްޕޮންސަޝިޕް ހައްގުތައް، ބްރޭންޑް ވެލިއު، ކުޅުންތެރިން ހޯދުމުގެ ވާދަވެރިކަން، ޓެކްސްގެ ނިޒާމުތައް އަދި މާލީ ދެމެހެއްޓެނިވި އުސޫލުތައް ހިމެނެއެވެ.

އުޖޫރައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެއް ލީގެއްގެ ތެރޭގައި ހިމެނޭ އެއް ކްލަބަކުން ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް އަހަރަކު އެތައް މިލިއަން ރުފިޔާއެއް ދައްކާއިރު، ހަމަ އެ ލީގުގެ އެހެން ކްލަބަކަށް އެ އަދަދުގެ ކުޑަ މިންވަރެއް ވެސް ނުދެވޭ ސަބަބު ސާފުވެގެންދެއެވެ. ކުޅުންތެރިންގެ އަސާސީ މުސާރައިގެ އިތުރުން ބޯނަސް، އިންސެންޓިވްސް އަދި އިމޭޖް ރައިޓްސް ފަދަ ކަންކަމުން މުސާރައިގެ ފަރަގު އިތުރަށް ބޮޑުވެގެންދެއެވެ.

ބިލިއަން ޔޫރޯގެ ބޮޑު މާކެޓެއް

ފާއިތުވި އަހަރުތަކުގައި ޔޫރަޕްގެ ފުޓްބޯޅަ ބޮޑު ސިނާއަތަކަށް ބަދަލުވެފައިވާއިރު، ކްލަބުތަކުގެ ވަރުގަދަކަން ކަނޑައަޅަނީ ހަމައެކަނި ޓިކެޓް ވިއްކައިގެން ލިބޭ އާމްދަނީއަކުން ނޫނެވެ. ޑެލޮއިޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔޫރަޕްގެ ފުޓްބޯޅަ މާކެޓުގެ އާމްދަނީ ވަނީ ފުރަތަމަ ފަހަރަށް 40 ބިލިއަން ޔޫރޯއަށް ވުރެ މައްޗަށް އަރާފައެވެ. އަދި ގަދަ 5 ލީގުގެ ޖުމްލަ އާމްދަނީ 2024/2025 ސީޒަނުގައި ގާތްގަނޑަކަށް 21.6 ބިލިއަން ޔޫރޯއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ކުރީ ސީޒަނާ އަޅާބަލާއިރު %6 ގެ ކުރިއެރުމެކެވެ. މީގެ އެންމެ ކުރީގައި އޮތީ އިނގިރޭސި ޕްރިމިއާ ލީގެވެ. ނަމަވެސް އާމްދަނީ ބޮޑުވި ނަމަވެސް، ކުޅުންތެރިން ހޯދުމަށާއި މުސާރައަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ޕްރިމިއާ ލީގު: މާލީ ގޮތުން އެންމެ ކުރީގައި

ކެޕޮލޮޖީގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، ޕްރިމިއާ ލީގުގައި އެންމެ ބޮޑު މުސާރައެއް ލިބެނީ މެންޗެސްޓާ ސިޓީގެ އެރްލިންގް ހާލަންޑަށެވެ. އޭނާގެ އަހަރީ އަސާސީ މުސާރައަކީ 27.30 މިލިއަން ޕައުންޑް (ގާތްގަނޑަކަށް 36.9 މިލިއަން ޑޮލަރު) އެވެ. ބޯނަސްތަކާއެކު އޭނާގެ މުޅި އާމްދަނީ 45.50 މިލިއަން ޕައުންޑަށް (61.63 މިލިއަން ޑޮލަރު) އިތުރުވެގެން ދެއެވެ.

މެންޗެސްޓާ ސިޓީއަކީ މުސާރައިގެ ގޮތުގައި އަހަރަކު 314.8 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރާ ކްލަބެކެވެ. މި ލިސްޓުގައި ލިވަޕޫލްގެ ވާޖިލް ވެން ޑައިކް (18.2 މިލިއަން ޕައުންޑް)، ސިޓީގެ ޖެކް ގްރީލިޝް، ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އަދި އާސެނަލްގެ ބުކާޔޯ ސަކާ (ކޮންމެ ކުޅުންތެރިއަކަށް 15.6 މިލިއަން ޕައުންޑް) ހިމެނެއެވެ. މީގެ އިތުރުން ޗެލްސީގެ ވެސްލީ ފޮފާނާއަށް ވެސް އަހަރަކު 10.4 މިލިއަން ޕައުންޑް ލިބެއެވެ. މިއިން އެނގެނީ އިންގްލެންޑުގައި ބޮޑު މުސާރަ ދިނުމުގެ ގާބިލްކަން ގިނަ ކްލަބުތަކެއްގެ މެދުގައި ބެހިފައިވާ ކަމެވެ.

ސްޕެއިން: ރެއާލް އާއި ބާސާގެ ތަފާތު ހާލަތް

ސްޕެއިންގެ ލަލީގާގައި ރެއާލް މެޑްރިޑަކީ ދުނިޔޭގައި ވެސް މުސާރައަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ކްލަބެވެ (އަހަރަކު 340 މިލިއަން ޑޮލަރު). ރެއާލްގެ ކީލިއަން އެމްބާޕޭއަށް ބޯނަސް ނުލައި 31.25 މިލިއަން ޔޫރޯގެ އަސާސީ މުސާރައެއް ލިބޭއިރު، ބޯނަހާއެކު މިއަދަދު 71.67 މިލިއަން ޔޫރޯއަށް އަރައެވެ. ވިނީޝިއަސް ޖޫނިއާ އާއި ޖޫޑް ބެލިންހަމްއަށް ވެސް ބޮޑެތި މުސާރަތަކެއް ލިބެއެވެ.

އަނެއްކޮޅުން މާލީ ދަތިތަކާ ކުރިމަތިލަމުންދާ ބާސެލޯނާގައި ރޮޑްރީ އަދި ލަމީން ޔަމާލް ފަދަ ކުޅުންތެރިންނަށް ބޯނަހާއެކު 31.25 މިލިއަން ޔޫރޯއާ ހަމައަށް އާމްދަނީ ލިބޭއިރު، ރަފީނިއާ އާއި ޖޫލްސް ކޫންޑޭ އަދި ފްރެންކީ ޑި ޔޮންގް ވެސް އުޅެނީ ބޮޑު މުސާރައިގެ ލިސްޓުގައެވެ. މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑްގެ ޔެން އޮބްލަކްއަށް އަހަރަކު 20.83 މިލިއަން ޔޫރޯ ލިބެއެވެ. މިއިން ދައްކުވައިދެނީ ރެއާލުން މާލީ ގޮތުން ޕްރިމިއާ ލީގާ ވާދަކުރާއިރު، ބާސެލޯނާ އުޅެނީ މާލީ ދަތިތަކާއެކު ވެސް ތަރިން ހިފެހެއްޓުމުގެ މަސައްކަތުގައެވެ.

ޖަރުމަނު: ބަޔާންގެ ކޮންޓްރޯލް

ޖަރުމަނު ލީގަށް ބަލާއިރު ބޮޑެތި މުސާރަތައް ފެންނަނީ ހަމައެކަނި ބަޔާން މިއުނިކުންނެވެ. ބަޔާންގެ އެންމެ ކުރީގައި އުޅެނީ އަހަރަކު 25 މިލިއަން ޔޫރޯގެ އަސާސީ މުސާރައަކާއެކު ހެރީ ކޭން އެވެ. ދެން އުޅެނީ ޖަމާލް މުސިއާލާ (22.83 މިލިއަން ޔޫރޯ) އަދި ޖޯޝުއާ ކިމިކް (20 މިލިއަން ޔޫރޯ) އެވެ.

އިނގިރޭސިވިލާތާ ޚިލާފަށް ޖަރުމަނުގައި ބަޔާން ފިޔަވައި އެހެން ކްލަބުތަކުގެ މުސާރައިގެ ފެންވަރު ވަރަށް ބޮޑަށް ދަށެވެ. އެގޮތުން ޑޯޓްމަންޑްގެ ނިކޯ ޝްލޮޓަބެކްއަށް 9.43 މިލިއަން ޔޫރޯ ލިބޭއިރު، ލެވަކޫސަންގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިންނަށް ލިބެނީ ގާތްގަނޑަކަށް 7.55 މިލިއަން ޔޫރޯއެވެ.

މި ހުރިހާ ކަމަކުން އެނގިގެންދަނީ ޔޫރަޕްގެ ފުޓްބޯޅައިގައި މުސާރައިގެ ފަރަގުތައް އުފެދެނީ ހަމައެކަނި ކުޅުންތެރިންގެ ފެންވަރަކުން ނޫން ކަމަށާއި، އެ ކްލަބަކާއި ލީގެއްގެ އިގްތިސާދީ އަދި މާލީ ހިންގުމުގެ ނިޒާމު އޮންނަ ގޮތުން ކަމެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *