މެދުތެރެއާއި އިރުމަތީ ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނާއި ހަނަފަސްކަމުގެ ސަބަބުން، މަޝްހޫރު ޑޭނިއުބް ކޯރުގެ ފެންގަނޑު އިންތިހާއަށް ދަށަށް ގޮސް، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަޑިއަށް ގޮސްފައިވާ ނާޒީ ޖަރުމަނުގެ ގިނަ އަދަދެއްގެ ހަނގުރާމަމަތީ މަނަވަރުތަކުގެ ބައިތައް ފެންމަތިވެ ހާމަވެއްޖެއެވެ.
މި ހަނަފަސްކަމާ ގުޅިގެން ކޯރުގެ ފެންގަނޑު ރެކޯޑް މިންވަރަކަށް ތިރިވެފައިވާއިރު، ސާބިއާ އަދި ރޫމޭނިއާ ހިމެނޭ ސަރަހައްދުތަކުން، ދަގަނޑު ބޯޓުތަކުގެ ބައިތަކާއި ފަޅައިގެން ގޮސްފައިވާ މާސްޓްތައް މިހާރު ފެނުން މައްޗަށް ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. އެ ސަރަހައްދުގެ ރައްޔިތުން ބުނާ ގޮތުގައި އެއްގަމުން ބަލާއިރު އެކަނިވެސް ތަފާތު ސައިޒުގެ މަދުވެގެން 20 ހަނގުރާމަ މަނަވަރު މިހާރު ލޮލަށް ފެންނަން އެބަހުއްޓެވެ. ބައެއް އަހަރުތަކުގެ ހޫނު މޫސުމުގައި ކޮންމެވެސް ވަރަކަށް މި ބޯޓުތައް ފެނުނު ނަމަވެސް، މިއަހަރު ފެންގަނޑު ދަށްވި މިންވަރުން މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ވަރަށް ބޯޓުތަކުގެ ބޮޑެތި ބައިތައް ވަނީ ހާމަވެފައެވެ.
ސޯވިއެޓުންގެ ދުވެލި މަޑުޖައްސާލުމަށްޓަކައި އަޑިއަށްލި ފްލީޓެއް
މި ބޯޓުތަކުގެ ތާރީޚު ގުޅިފައިވަނީ 1944 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއެވެ. އެ ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުކޮޅު، ބަލްކަން ސަރަހައްދުން ސޯވިއެޓް ރެޑް އާމީ ކުރިއަރަމުން ދިޔުމުން، ޖަރުމަނު ސިފައިން ރޫމޭނިއާއިން ފަހަތަށް ޖެހެމުން ދިޔަ ވަގުތެވެ. ސޯވިއެޓް ސިފައިން ފަހަތުން އަރައި ޖަރުމަނު ސިފައިން ހިފެހެއްޓިޔަ ނުދިނުމަށާއި، އަދި ސޯވިއެޓުންގެ ދަތުރުގެ ދުވެލި މަޑުޖައްސާލުމުގެ ބޭނުމުގައި، ނާޒީ ޖަރުމަނުގެ ”ބްލެކް ސީ ފްލީޓް“ ގެ 200 އަށް ވުރެ ގިނަ ހަނގުރާމަ މަނަވަރު ޕްރަހޯވޯ ކައިރިއަށް ގަސްތުގައި ވަނީ އަޑިއަށް ފައްތާލާފައެވެ.
ފާއިތުވި 80 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި މި ބޯޓުތައް ކޯރުގެ އަޑީގައި އޮތްއިރު، މިއަދު އެ ތަކެތި ވެފައިވަނީ ކޯރުން ދަތުރުކުރާ އުޅަނދުފަހަރަށް ކުރިމަތިވެފައިވާ ބޮޑު ހުރަހަކަށެވެ. އަދި ބައެއް ބޯޓުތަކުގައި އަދިވެސް ގޮވާތަކެއްޗާއި ހަތިޔާރު ހުރުމުގެ ސަބަބުން، އެތަކެތި ނެގުމަކީ ނުރައްކާތެރި އަދި ބޮޑު ޚަރަދެއް ހިނގާނެ ކަމެކެވެ.
އާންމުންގެ ސަމާލުކަމާއި ކަންބޮޑުވުން
ކޯރުގެ ފެންގަނޑު ދަށްވެ، ފެންމަތިވަމުންދާ މި ބޯޓުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އާންމު ރައްޔިތުން ދަނީ އެ ސަރަހައްދަށް ޖަމާވަމުންނެވެ. މި މަންޒަރުން ދެވަނަ ބޮޑު ހަނގުރާމައިގެ ހަނދާންތައް އަލުން އާކޮށްދިން ނަމަވެސް، ކޯރުގެ ފެން ދަށްވުމުގެ ސަބަބުން ބޯޓު ކެޕްޓަނުންނަށާއި ކޯރުގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި މިއީ މޫސުމީ ބަދަލުތަކާއި ޔޫރަޕަށް ކުރިމަތިވަމުންދާ ހަނަފަސްކަމުގެ ނުރައްކާ ހާމަކޮށްދޭ ބިރުވެރި ނިޝާނެއް ކަމަށް ތިމާވެށީގެ މާހިރުން ފާހަގަކުރެއެވެ.

