ޔޫރަޕްގެ ގައުމުތަކުގައި މައިނޯރިޓީތަކާއި އިމިގްރޭޝަނާ ދެކޮޅަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސިލްސިލާއަށް މިހާރު މިވަނީ ޕޯޗުގަލް ވެސް އިތުރުވެފައެވެ. ޔޫރަޕިއަން ޔޫނިއަންގެ ތެރޭގައި ވަޒީފާ ހޯދަން އުޅޭ މީހުންނަށް ގިނަ ދުވަސްތަކެއް ވަންދެން މަރުހަބާ ކިޔަމުން އައި ޕޯޗުގަލް އިން މިހާރު ވަނީ އާންމު ތަންތަނުގައި މޫނު ނިވާކުރުން މަނާކުރާ ހަރުކަށި ގާނޫނެއް ފާސްކޮށް، ކަނާތުފިޔައިގެ ސިޔާސަތުތަކަށް ތާއީދުކޮށްފައެވެ.
ލޯކަލް މީޑިއާތަކުން ”ބުރުގާ ގާނޫނު“ ގެ ނަމުން ނަންދީފައިވާ މި ގާނޫނުގެ ފައިނަލް ވާޝަން ޕޯޗުގަލްގެ ރައްޔިތުންގެ މަޖިލީހުން މިދިޔަ ޖުލައި މަހު ފާސްކުރީ ކަނާތުފިޔައިގެ އަދި އެންމެ ކަނާތުފިޔައިގެ ސަރުކާރު ކޯލިޝަންގެ ފުރިހަމަ ވޯޓުންނެވެ. މި ގާނޫނު ތަސްދީގު ކުރައްވާފައިވަނީ ސޯޝަލިސްޓް ޕާޓީގެ މަންދޫބެއްގެ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޕޯޗުގަލްގެ ރައީސް އެންޓޯނިއޯ ހޯސޭ ސެގޫރޯ އެވެ. އަންގާރަ ދުވަހުގެ ހަވީރު ނެރުއްވި ބަޔާނެއްގައި ރައީސް ސެގޫރޯ ވިދާޅުވީ، ”މޫނަކީ އިންސާނީ އައިޑެންޓިޓީ އާއި މުވާސަލާތުގެ މުހިންމު އެއްޗެއްގެ ގޮތުގައި ބަލަން ޖެހޭ“ ކަމަށެވެ.
މި ގާނޫނުގެ ދަށުން އާންމު ތަންތަނުގައި މޫނު ފޮރުވަން ނުވަތަ މީހާ ދެނެގަތުން ހުއްޓުވުމަށް ފަރުމާކޮށްފައިވާ ހެދުން އެޅުން މަނާވެއެވެ. މީގެ އިތުރުން ޖިންސާއި، ދީނާއި، އުމުރާއި އަދި އަސްލާ ގުޅުން ހުރި ސަބަބުތަކާ ހުރެ އެއްވެސް މީހަކު މޫނު ނިވާކުރަން މަޖުބޫރު ކުރުމަކީ ވެސް މި ގާނޫނުން މަނާކުރާ ކަމެކެވެ. މިއާއެކު ޕޯޗުގަލް ވެގެން ގޮސްފައިވަނީ ފްރާންސް، ބެލްޖިއަމް، ޑެންމާކް އަދި އޮސްޓްރިއާ ފަދަ މޫނު ނިވާކުރާ ފޭރާމާއި ބުރުގާ އެޅުމަށް ހުރަސްއަޅާފައިވާ ޔޫރަޕްގެ ގައުމުތަކުގެ ސަފަށެވެ.
ހުޅަނގު ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ މުސްލިމް އާބާދީއެއް އޮންނަ ޕޯޗުގަލްގައި މިފަދަ ގާނޫނެއް ހެދުމުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ދެކޭގޮތުގައި މިއީ އަންހެނުން ލާންވީ ހެދުން ޑިކްޓޭޓްކޮށް، އަމިއްލަ މިނިވަންކަމާއި ހައްގުތަކަށް އަރައިގަތުމެކެވެ. މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ސެގޫރޯ ވަނީ މި މައްސަލައަކީ ”އިޖުތިމާއީ އަދި ސަގާފީ ގޮތުން ވަރަށް ނާޒުކު“ މައްސަލައެއް ކަމަށް އެއްބަސްވެވަޑައިގެންފައެވެ.
މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް 150 ޔޫރޯ އާއި 3،000 ޔޫރޯއާ (ގާތްގަނޑަކަށް 170 ޑޮލަރާއި 3،500 ޑޮލަރާ) ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. ނަމަވެސް، ސިއްހީ، ޕްރޮފެޝަނަލް، ޓެކްނިކަލް، ނުވަތަ މޫސުމާ ގުޅުންހުރި ބޭނުންތަކަށް މޫނު ނިވާކުރުން މި ގާނޫނުން އިސްތިސްނާ ވެއެވެ. އަދި އަޅުކަންކުރާ ތަންތަނުގެ ތެރޭގައްޔާއި، ޑިޕްލޮމެޓިކް މިޝަންތަކާއި މަތިންދާބޯޓުތަކުގެ ތެރޭގައި ވެސް މި ގަވާއިދު ހިނގުމުން ވަނީ އިސްތިސްނާ ކުރެވިފައެވެ.
ހުޅަނގުގެ ގައުމުތަކުގައި ދީނީ މިނިވަންކަމާއި ސަގާފީ ތަފާތުތަކަށް ހުރަސްއެޅުމުގެ ސިޔާސަތުތައް ފުޅާވަމުން އަންނައިރު، ޕޯޗުގަލްއިން މި އެޅި ފިޔަވަޅަކީ އެ ގައުމުގައި ދިރިއުޅޭ މުސްލިމް އަދި އެހެނިހެން މައިނޯރިޓީ ދަރިކޮޅުތަކުގެ ހައްގުތަކަށް އެޅުނު ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

