އިޓަލީއަށް ދަތުރުކުރުމަށް މަސައްކަތްކުރި ހިޖުރަވެރިންގެ ދޯންޏެއް ޓިއުނީޝިއާގެ އައްސޭރިފަށަށް އަޑިއަށް ގޮސް، އެ ގައުމުގެ މަދުވެގެން 13 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ކަމާބެހޭ ސްޕެޝަލައިޒްޑް ޓީމުތަކުން ކުރި މަސައްކަތުން މި ހާދިސާގައި އަޑިއަށް ދިޔަ ދޯނިން މިހާތަނަށް ސަލާމަތް ކުރެވިފައިވަނީ ދެ މީހުންނެވެ.
ޓިއުނީޝިއާގެ އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ވެރިޔާ މުސްތަފާ އަބްދުލް ކަބީރު މަޢުލޫމާތު ދެއްވި ގޮތުގައި މި ދޯނި ފުރާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އަދި ސަލާމަތްވި މީހުންގެ ތެރެއިން ލޯކަލް ދޯންޏަކުން ސަލާމަތްކުރި މީހަކު ބުނެފައިވާ ގޮތުގައި، ދޯނި ބަންޑުން ޖަހާލުމަށްފަހު އެމީހުން އެތައް ގަޑިއިރެއް ވަންދެން ކަނޑުމަތީގައި ތާށިވެފައި ތިބެން ޖެހުނެވެ.
މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖުރަކުރަން ބޭނުންވާ މީހުން ދަތުރު ފަށާ މައިގަނޑު އެއް މަންޒިލަކީ ޓިއުނީޝިއާއެވެ. ނަމަވެސް އެ ގައުމުގައި ހިޖުރަވެރިންނާ މެދު އަމަލުކުރާ ގޮތާމެދު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ހިއުމަން ރައިޓްސް ވޮޗް، އެމްނެސްޓީ އިންޓަނޭޝަނަލް އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެހެނިހެން ޖަމިއްޔާތަކުން މިދިޔަ ޖުލައި މަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި، ޓިއުނީޝިއާގައި ހިޖުރަވެރިންނާއި ހިމާޔަތް ހޯދާ މީހުންނާ ދެކޮޅަށް ހިންގާ ބޮޑެތި ލާއިންސާނީ އަމަލުތައް އިތުރަށް ގޯސްވެފައިވާ ކަމަށް ބުނެފައިވެއެވެ.
މި ބަޔާނާ ގުޅިގެން ޓިއުނީޝިއާގެ ރަސްމީ އިދާރާތަކުން ސީދާ ޖަވާބެއް ދީފައި ނުވި ނަމަވެސް، އެ ގައުމަކީ ހިޖުރަކުރުމުގެ ނުރައްކާތެރި ދަތުރުތަކުގެ އެންމެ ބޮޑު ބުރަ އުފުލަންޖެހޭ އެއް ގައުމު ކަމަށް ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އަދި 2023 ވަނަ އަހަރު ޓިއުނީޝިއާގެ ރައީސް ކައިސް ސައިދު ވަނީ މިފަދަ ހިޖުރަކުރުންތަކުގެ އަޑީގައިވާ މަގުސަދަކީ އެ ގައުމުގެ ޑިމޮގްރަފިކް ނުވަތަ އާބާދީގެ އޮނިގަނޑު ބަދަލުކުރުން ކަމަށް ތުހުމަތު ކުރައްވާފައެވެ.
މެޑިޓެރޭނިއަން ކަނޑަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ހިޖުރަކުރުމުގެ މަގެވެ. އެފްރިކާ އާއި މެދުއިރުމަތީގެ ގައުމުތަކުގައި އޮތް ހަމަނުޖެހުންތަކާއި ފަގީރުކަމުން ސަލާމަތްވުމަށްޓަކައި، ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ކަނޑު ދަތުރުފަތުރަށް އެކަށީގެންނުވާ، ތޮއްޖެހިފައިވާ ނުރައްކާތެރި ކުދި ދޯނިފަހަރުގައި ޔޫރަޕަށް ދިއުމަށް މި ނުރައްކާތެރި ދަތުރު ކުރެއެވެ. މީގެ ސަބަބުން ކަނޑުމައްޗަށް ދޯނިފަހަރު ބަންޑުން ޖަހާލައި، އެތައް ބައެއްގެ ފުރާނަ ގެއްލުމުގެ ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ.

