ބުރާ. ޖުލައި 16th, 2026

އެމީހުން ވެއްޓުނީ ޑޮމިނޯ ފަދައިން… އިރާގުގައި ”ކޮރަޕްޝަން ކިންގްޕިންސް“ ހައްޔަރުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ފޮޓޯ : އަލް ޖަޒީރާ

ބަޣްދާދު: އިރާގުގެ ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންނާއި ސިޔާސީ ނުފޫޒުގަދަ ފަރާތްތަކުން ހިމެނޭހެން، 2003 ވަނަ އަހަރުގެ ފަހުން އެ ގައުމުގައި ހިންގާ ކޮރަޕްޝަނާ ދެކޮޅު އެންމެ ބޮޑު އޮޕަރޭޝަން ބަޣްދާދުގައި ފަށައިފިއެވެ.

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފެށި މި އޮޕަރޭޝަނާ އެކު ބަޣްދާދުގެ މަގުތަކުން ފެނިގެންދިޔައީ އާދަޔާ ހިލާފު މަންޒަރުތަކެކެވެ. އިރާގުގެ ކައުންޓަރ ޓެރަރިޒަމް ފޯސްތަކާއި ސިފައިން، އަބްރަމްސް ޓެންކްތަކާ އެކު ސިޔާސީ ވެރިންގެ ގެތަކަށް އަމާޒުކޮށް ރޭޑްތައް ކުރިއަށް ގެންދިޔައެވެ. ފަތިހުގެ ފުރަތަމަ އަލިކަމާ އެކު، ގްރީން ޒޯނަށް ވަންނަ ހުރިހާ މަގުތަކެއް ބަންދުކޮށް، ހަތިޔާރު އެޅި ސަލާމަތީ ބާރުތަކުން ވަނީ މުޅި ސަރަހައްދު ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ޓެރަރިޒަމް ސާވިސްއާއި، އިރާގު ސިފައިން އަދި އިންޓެގްރިޓީގެ މައްސަލަތަކަށް ޚާއްޞަ އިދާރާތައް ގުޅިގެންނެވެ. މެންދުރު ވަންދެން ދެމިގެންދިޔަ މި ހަރަކާތްތަކުގެ ސަބަބުން ބަޣްދާދުގެ މަގުތަކުގައި ކާރުތަކުގެ ދިގު ސަފުތައް އުފެދި، ސަލާމަތީ ފިޔަވަޅުތައް ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ.

މި ބޮޑު ހައްޔަރުކުރުންތައް ފެށިފައިވަނީ ތެޔޮ މިނިސްޓްރީގެ ކުރީގެ އަންޑަ ސެކްރެޓަރީ އަދުނާން އަލް ޖުމައިލީ ހައްޔަރުކޮށް، އޭނާވީ އިއުތިރާފުތަކުގެ މައްޗަށް ބިނާކޮށެވެ. އަލް ޖުމައިލީ ހައްޔަރުކުރީ ނޯތު ރިފައިނަރީސް ކޮމްޕެނީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުން ވަކިކުރިތާ މާގިނަ އިރުތަކެއް ނުވަނީސް، އޭނާގެ އަތުގައި ގާތްގަނޑަކަށް 11 މިލިއަން އެމެރިކާ ޑޮލަރު ހުރިކަން ފަޅާއެރުމާ ގުޅިގެންނެވެ.

އިންޓެގްރިޓީ އިންވެސްޓިގޭޝަން ކޯޓުގެ މަތީ ފަންތީގެ މަސްދަރަކުން ހާމަކުރި ގޮތުގައި، މިހާތަނަށް ސިޔާސީ އަދި މަޖިލީހުގެ 35 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މަތީ މަގާމުތަކުގެ އޮފިޝަލުންނާއި، ގަވަރުނަރުންނާއި، ސިޔާސީ ބްލޮކެއްގެ ވެރިޔަކު ވެސް ހިމެނެއެވެ. ބޮޑުވަޒީރު އަލީ އަލް ޒައިދީ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ މި އޮޕަރޭޝަނުގައި، މަޖިލީހުގެ ރިސެސްގައި ތިއްބެވި މެންބަރުންގެ އިމްތިޔާޒު، މަޖިލީހުގެ ރައީސް ހައިބަތު އަލް ހަލްބޫސީ ވަނީ އުވާލަދެއްވާފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *