ޔޫރަޕްގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އާދަޔާޚިލާފު ގަދަ ހޫނުގެ ސަބަބުން، ފްރާންސާއި ސްޕެއިންއިން އެތައް ސަތޭކަ ބަޔަކު މަރުވެ، ބައެއް ގައުމުތަކުގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފިއެވެ. މި ހޫނު ރާޅާއެކު ޔޫރަޕްގެ ގިނަ ގައުމުތަކަކުން މިހާރު ވަނީ އެލާޓްގެ ހާލަތު އިއުލާންކޮށްފައެވެ.
ވޭތުވެދިޔަ ހޮނިހިރު ދުވަހު ޔޫރަޕްގެ ބޮޑު ބަޔަކަށް ގަދަ ހޫނުގެ އަސަރު ކޮށްފައިވާއިރު، ފްރާންސުން ފެށިގެން ޕޮލެންޑާ ހަމައަށް އަދި ކްރޮއޭޝިއާގެ އެޑްރިއޭޓިކް ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ވެސް ވަނީ މީގެ އަސަރު ފޯރާފައެވެ. މި ހޫނު ރާޅު އިރުއުތުރު ޔޫރަޕަށް ބަދަލުވަމުންދާތީ، ފްރާންސް، ސްވިޒަލޭންޑް، ޖަރުމަނު، އޮސްޓްރިއާ، ހަންގޭރީ އަދި ރޫމިނިއާ ފަދަ ގައުމުތައް ވަނީ ”ހައި އެލާޓް“ ގައެވެ.
މި ފަހަރުގެ ހޫނު ރާޅުގައި ގިނަ ގައުމުތަކަކުން ވަނީ ތާރީޚީ ރެކޯޑްތައް މުގުރާލާފައެވެ. އެގޮތުން 1874 ވަނަ އަހަރު ޑޭޓާ ރެކޯޑްކުރަން ފެށިފަހުން ފުރަތަމަ ފަހަރަށް ޑެންމާކުގެ ފިނިހޫނުމިން ވަނީ 37 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. ޗެކް ރިޕަބްލިކްގައި ފުރަތަމަ ފަހަރަށް ފިނިހޫނުމިން 40.6 ޑިގްރީއަށް އެރިއިރު، ޖަރުމަނުގައި މިހާތަނަށް ރެކޯޑްކުރެވުނު އެންމެ މަތީ ފިނިހޫނުމިން ކަމަށްވާ 41.5 ޑިގްރީއަށް ވަނީ އަރާފައެވެ. މީގެ އިތުރުން ސްވިޒަލޭންޑްގެ ބާސެލް ސިޓީގައި ޖެހިޖެހިގެން ތިން ދުވަހު 39 ޑިގްރީ ސެލްސިއަސްގައި ފިނިހޫނުމިން ހުއްޓެވެ
ހޫނުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ އެއް ގައުމަކީ ފްރާންސެވެ. ފްރާންސްގެ ވެރިރަށް ޕެރިހުން އެކަނިވެސް 109 މީހުން މަރުވެފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ. ފިނިހޫނުމިން 40 ޑިގްރީއަށް ވުރެ މައްޗަށް ދިއުމުގެ ސަބަބުން ރޭލު ދަތުރުފަތުރާއި ކަރަންޓް އުފެއްދުމަށް ވެސް ވަނީ ބުރޫއަރާފައެވެ. ޕެރިހުގެ ހޮސްޕިޓަލްތަކުގައި އެމަޖެންސީ ޕްލޭން އެކްޓިވޭޓްކޮށް، ޗުއްޓީގައި ތިބި މުވައްޒަފުން ވަޒީފާއަށް ނެރެ، އަވަސް ނޫން ސާޖަރީތައް ވަނީ ފަސްކޮށްފައެވެ.
ސްޕެއިންގައި ވެސް ހޫނުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި، ދިގުމުއްދަތުގެ ބަލިތައް ހުންނަ މީހުންނާއި ކުޑަކުދިންނެވެ. މީގެ ތެރޭގައި ގަދަ ހޫނުގެ ސަބަބުން ހާޓް އެޓޭކް ޖެހިގެންނާއި ހައިޕަރތަރމިއާ ފަދަ ކަންކަން ދިމާވެގެން މަރުވި މީހުން ހިމެނެއެވެ.
އިނގިރޭސިވިލާތުގައި ވެސް ޖޫން މަހުގެ ރެކޯޑްތައް ވަނީ މުގުރާލާފައެވެ. ދެކުނު ލަންޑަނުގެ ފިނިހޫނުމިން 35.7 ޑިގްރީއަށް އެރިއިރު، މިއީ 1976 ވަނަ އަހަރުގެ ރެކޯޑަށް ވުރެ މަތީ މިންވަރެކެވެ. އިޓަލީގެ ހެލްތު މިނިސްޓްރީން ވެސް ވަނީ ރޯމް އާއި މިލާން ހިމެނޭހެން 18 ސިޓީއަކަށް ރެޑް އެލާޓް ނެރެފައެވެ.
މި ނުރައްކާތެރި ހޫނުން ސަލާމަތްވުމަށްޓަކައި ޔޫރަޕްގެ ރައްޔިތުން ދަނީ ކޯރުތަކާއި ފައުންޓަންތަކަށް އެރި، ޗާޗުތަކާއި ބިންގަރާސްތަކުގެ ހިޔާވަހިކަން ހޯދަމުންނެވެ. ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ލަފާކުރާ ގޮތުގައި މި ހޫނު ރާޅު މަޑުމަޑުން މިމަހުގެ ފަހުކޮޅު މެދުތެރޭ ޔޫރަޕާއި ބަލްކަން ސަރަހައްދާ ދިމާލަށް ދަތުރުކުރާނެއެވެ.

