ބުރާ. ޖުލައި 16th, 2026

ޣައްޒާގެ ހިސާރުގައި ޝަހީދުވި އާއިލާގެ މެންބަރުންގެ ހަށިގަނޑުތައް ފިނިކުރާ ފޮށްޓާއި ފަންކާގެ އެހީގައި ރައްކާތެރިކޮށްފި

ފޮޓޯ އަލް ޖަޒީރާ

ޣައްޒާ ސިޓީ: އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި، މާޗް 2024 ގައި އަލްޝިފާ މެޑިކަލް ކޮމްޕްލެކްސް ސަރަހައްދު ވަށާލައިގެން ހިންގި އަސްކަރީ އޮޕަރޭޝަންގެ ސަބަބުން، ޝަހީދުވި މީހުން ވަޅުލުމުގެ ފުރުސަތު ނުލިބި، އާއިލާތަކުން ހަށިގަނޑުތައް ގޭގައި ރައްކާތެރިކުރަން މަޖުބޫރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާތަކުގެ ތެރެއިން ސައިދާ އަބްދުލް ހާދީ އަލް ޒައަނީން އާއި މަހްމޫދު އަލް ހިންދީގެ ވާހަކައަކީ އިންސާނީ ތާރީޚު ނުދެކޭ ފަދަ ވޭންދެނިވި ހާދިސާތަކެކެވެ.

ފިނިކުރާ ފޮށީގައި ހަ ދުވަސް: ސައިދާގެ ޝަހީދުވުން

މާޗް 18، 2024 ގައި އިސްރާއީލުގެ ޓެންކްތަކާއި ސްނައިޕަރުން ޣައްޒާގެ ހުޅަނގު ސަރަހައްދު ވަށާލި ވަގުތު، ސައިދާ އަބްދުލް ހާދީ ހުރީ އޭނާގެ ނުވަ ކުދިންނަށް ކާއެއްޗެހި ތައްޔާރުކުރުމަށެވެ. އެންމެ ހަތަރު މަހުގެ ދަރިފުޅަށް ކިރުދިނުމަށްފަހު، ބެލްކަނީގައި ހެދުން ހިއްކަން ހުއްޓާ އިސްރާއީލުގެ ސްނައިޕަރެއްގެ ވަޒަން އޭނާގެ މޭމައްޗަށް އަރައި، ދަރިންގެ ކުރިމަތީގައި ޝަހީދުވިއެވެ.

ބޭރުގައި ސްނައިޕަރުން ތިބުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ވަޅުލުމަށް ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް އާއިލާއަކަށް ނުލިބުނެވެ. އެހެންކަމުން، ހަށިގަނޑު ކަفنކޮށް، އާއިލާއިން ބޭނުންކުރި ބޮޑު އައިސްކްރީމް ފިނިކުރާ ފޮށްޓެއް ހުސްކުރުމަށްފަހު، ހަށިގަނޑު އޭގެ ތެރެއަށް ލައި ރައްކާތެރިކުރިއެވެ. ސައިދާގެ ދަރިފުޅު ހަނީން ކިޔައިދިން ގޮތުގައި، ހަ ދުވަސް ވަންދެން އޭނާގެ ކޮއްކޮމެން އެ ފިނިކުރާ ފޮށި ކައިރީގައި ތިބެ މަންމައަށް ގޮވައި، ދޮރުގައި ޓަކިޖަހައި ހެދިއެވެ. ހަ ދުވަސް ފަހުން އިސްރާއީލު ސިފައިން އެ ސަރަހައްދުން ދިއުމުން، އޭނާގެ ހަށިގަނޑު ވަނީ ޖަބަލިއާގެ އަލްފާލޫޖާ ސަހަރާގައި ވަޅުލާފައެވެ.

ފަންކާއެއްގެ ކުރިމަތީގައި: ނަރުސް މަހްމޫދުގެ ވަކިވުން

ސައިދާގެ އަވަށްޓެރި، އަދި އޭނާ ޝަހީދުވިކަން ކަށަވަރުކޮށްދިން ނަރުސް މަހްމޫދު އަލް ހިންދީވެސް ވަނީ އޭގެ ދިހަ ދުވަސް ފަހުން އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ޝަހީދުވެފައެވެ. އޭނާގެ ދަރިފުޅު އާމިރާ ކިޔައިދިން ގޮތުގައި، ބައްޕަ ޝަހީދުވީ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުއްޓާ ޑްރޯންއަކުން ފޮނުވާލި ހަ ވަޒަން ހަށިގަނޑަށް އަރައިގެންނެވެ.

މަހްމޫދުގެ ހަށިގަނޑުވެސް ވަޅުލެވޭނެ ގޮތެއް ނެތުމުން، އާއިލާއިން ޖެހުނީ ކާބޯތަކެތި އޮޅާ ނައިލޯން ބޭނުންކޮށްގެން ހަށިގަނޑު ބަންދުކޮށް، ފަންކާއެއްގެ ކުރިމަތީގައި ބާއްވާށެވެ. ތިން ދުވަސް ވަންދެން އެ ހަށިގަނޑު ގޭގެ ބަދިގޭގައި ބޭއްވިއިރު، ހަށިގަނޑު ކުނިވާން ފަށައި ވަސްދުވާތީ ދޮރުތަކާއި ކުޑަދޮރުތައް ބާރަށް ބަންދުކުރަން ޖެހުނެވެ.

މި ހާދިސާތަކަކީ ޣައްޒާގެ ރައްޔިތުން އުފުލަމުންދާ ބޭއިންސާފު އަދި ލާއިންސާނީ އަނިޔާވެރިކަމުގެ ހިތްދަތި ހެކިތަކެކެވެ. ދިރިތިބި މީހުންނަށް ކާނާއާއި ބޯފެން ނުލިބި ހިސާރުވެފައި ތިބިއިރު، މަރުވި މީހުންނަށް އޮތީ ގޭގެ ފިނިކުރާ ފޮށިތަކާއި ކޮޓަރިތަކުގެ ތެރޭގައި ވަޅުލެވޭނެ ވަގުތެއްގެ އިންތިޒާރުގައި އޮތުމެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *