ބުރާ. ޖުލައި 16th, 2026

ނިއުކްލިއާ ހަތިޔާރު އުފެއްދުން އަވަސްކުރުން: ކިމް ޖޮންގް އުންގެ މިސްރާބު ހުރީ ކޮން ދިމާލަކަށް؟

ފޮޓޯ : އަލް ޖަޒީރާ

އުތުރު ކޮރެއާއިން އެގައުމުގެ ނިއުކްލިއާ ސިނާއަތް ފުޅާކޮށް، ހަތިޔާރު އުފެއްދުމުގެ މަސައްކަތް ބާރުުސްޕީޑެއްގައި ކުރިއަށްގެންދަން ފަށައިފިއެވެ. މިއީ އެމެރިކާއިން ކުރިމަތިވަމުންދާ ނުރައްކާތަކާ ދެކޮޅަށް ”ޑިޓަރެންސް“ ނުވަތަ ދިފާއީ ބާރު ހަރުދަނާކުރުމަށް ކަނޑައަޅާފައިވާ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެގައުމުން ސިފަކުރެއެވެ.

މި ސްޓްރެޓެޖީގެ ވަރުގަދަކަން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ތަކުރާރުކޮށް ދައްކަވަމުންދާ ވާހަކަފުޅުތަކުން ހާމަވެއެވެ. މިހާރު ނިއުކްލިއާ ހަތިޔާރުގެ ސިޔާސަތަކީ އެގައުމުގެ ގާނޫނު އަސާސީގައިވެސް ކަނޑައެޅި ބަޔާންވެގެންވާ ކަމެކެވެ.

ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ އުންމީދު ކެނޑުން

ދަ ގާޑިއަން ނޫހުން ކުރި ތަހުލީލެއްގައި، ކޮރެއާ އިންސްޓިޓިއުޓް ފޯ ޑިފެންސް އެނަލިސިސްގެ ދިރާސާވެރިޔާ ލީ ހޯ ރިއޮންގް އާ ހަވާލާދީ ބުނެފައިވަނީ، ޕިއޮންގްޔަންގްގެ އަމާޒަކީ ”ޑިނިއުކްލިއަރައިޒޭޝަން“ ނުވަތަ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ ވާހަކައަކީ ދެން އެގައުމަށް ފެތޭނެ ކަމެއް ނޫންކަން ބައިނަލްއަގުވާމީ މުޖުތަމައަށް އެންގުން ކަމަށެވެ. ލީ ވިދާޅުވި ގޮތުގައި، މިއީ މިހާރު މަޝްވަރާކޮށްގެން ފަހަތަށް ޖައްސާލެވޭނެ ނުވަތަ ހުއްޓުވޭނެ މައްސަލައެއް ނޫން ކަމަށް އުތުރު ކޮރެއާއިން ދެކެއެވެ.

މިކަމާ ގުޅޭގޮތުން ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔުންގްގެ ސަރުކާރުން ނިއުކްލިއާ ހަތިޔާރު ނައްތާލުމަކީ ސިޔާސަތުގެ ބިންގާ ކަމަށް ބެލި ނަމަވެސް، އަމަލީ ގޮތުން މިހާރު ފޯކަސް ބަދަލުވަމުންދަނީ ”ހަތިޔާރު މަދުކުރުމަށް“ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވެސް މި އަމާޒަށް ތާއީދުކުރެއްވި ނަމަވެސް، އެންމެ ފަހުން ޝީ ޕިއޮންގްޔަންގަށް ކުރެއްވި ޒިޔާރަތުގައި މިކަމާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.

އީރާނުގެ ފިލާވަޅާއި އާސަނަލްގެ ވަރުގަދަކަން

ތަހުލީލުވެރިން ގަބޫލުކުރާ ގޮތުގައި، އެމެރިކާ އިސްވެ އޮވެ އީރާނަށް ދިން ހަމަލާތަކުން އުތުރު ކޮރެއާއަށް މުހިންމު ފިލާވަޅެއް ލިބުނެވެ. އެއީ ފުރިހަމަ ނިއުކްލިއާ ގާބިލްކަން ނެތް ގައުމުތަކަކީ އަބަދުވެސް ހަމަލާގެ ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކެއް ކަމެވެ.

މިހާރު އުތުރު ކޮރެއާގެ އަސްކަރީ ގާބިލްކަން ހުރީ ފުރަތަމަ ހަމަލާއަކުންވެސް ސަލާމަތްވެ، ރައްދު ހަމަލާ ދެވޭ ފަދަ ވަރުގަދަ ފެންވަރެއްގައެވެ. މީގެ ތެރޭގައި ބިމުގެ އަޑީގެ ފެސިލިޓީތަކާއި، ރޭލުން މޮބައިލްކޮށް ފޮނުވާލެވޭ މިސައިލްތަކާއި، ސަބްމެރިން ފްލީޓްތައް ހިމެނެއެވެ. މިއަހަރު އެގައުމުން ވަނީ 5،000 ޓަނުގެ އާ ޑިސްޓްރޯޔަރަކުން ނިއުކްލިއާ ގާބިލްކަން ހުރި ކްރޫޒް މިސައިލްތައް ޓެސްޓްކޮށްފައެވެ. އަދި ކުރިއަށް އޮތް 5 އަހަރު، ކޮންމެ އަހަރަކު 2 މަނަވަރު ބަނުމަށް ކިމް ވަނީ ވައުދުވެވަޑައިގެންފައެވެ.

ކިމްގެ ޒަމާނުގައި ހަލުވިކަމާއެކު ކުރިއަށް

2011 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ކިމް ޖޮންގް އުންގެ ދަށުން، އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ނިއުކްލިއާ ޕްރޮގްރާމް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. 2017 ވަނަ އަހަރުގެ ފަހުން ނިއުކްލިއާ ޓެސްޓެއް ކޮށްފައި ނުވި ނަމަވެސް، މިސައިލް ޓެކްނޮލޮޖީ ވަނީ އިންތިހާއަށް ކުރިއަށް ޖައްސާފައެވެ.

ބައިނަލްއަގުވާމީ އެޖެންސީތަކުން ލަފާކުރާ ގޮތުގައި އުތުރު ކޮރެއާގެ އަތުގައި މިހާރު ގާތްގަނޑަކަށް 50 އެއްހާ ނިއުކްލިއާ ވޯހެޑް އެބަހުއްޓެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (IAEA) ގެ ވެރިޔާ ރަފައެލް ގްރޮސީ ވަނީ އުތުރު ކޮރެއާގެ މި ކުރިއެރުންތަކަކީ ”ވަރަށް ނުރައްކާތެރި“ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން، ޔޮންގްބިއޯންގައި ޔޫރޭނިއަމް މުއްސަނދިކުރާ އާ ފެސިލިޓީއަކާއި ކަންގްސަންގައި ހުރި ސިއްރު ފެސިލިޓީތަކެއްގެ މަސައްކަތް ނިމިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔުންގް ހާމަކުރެއްވި ގޮތުގައި، އުތުރު ކޮރެއާއިން މިހާރު އަހަރަކު 10 އާއި 20 އާ ދެމެދުގެ އަދަދަކަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ވަނީ ހޯދާފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *