އަން. ޖޫން 23rd, 2026

ލުބުނާނުގައި ހިންގާ އޮޕަރޭޝަންތައް ހަނިކުރުމަށާއި އުތުރުން ”ތައްޔާރީ ޓީމުތައް“ އަނބުރާ ގެންދިއުމަށް އިސްރާއީލުން އަމުރުކޮށްފި

ފޮޓޯ އަލް ޖަޒީރާ

ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ހަނިކޮށް، ”ދިފާއީ އޮނިގަނޑަކަށް“ ބަދަލުކުރުމަށް އިސްރާއީލުގެ އަސްކަރީ ލީޑަޝިޕުން އާ އިރުޝާދުތަކެއް ނެރެފިއެވެ. ނިއުޔޯކް ޓައިމްސް އިން އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ ހިޒްބުالله އާއެކު ވެފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން ނިންމި ނިންމުމެކެވެ.

މި އާ އިރުޝާދުތަކުގެ ދަށުން، އިސްރާއީލުގެ ސިފައިންގެ ޖެނެރަލް ސްޓާފުންގެ ހާއްސަ ހުއްދައެއް ނެތި ނުވަތަ ސީދާ އިންޒާރެއް ކުރިމަތިވެއްޖެ ހާލަތެއްގައި މެނުވީ ބަޑިޖެހުން ވަނީ މަނާކޮށްފައެވެ. އަދި ލުބުނާނުގެ ދެކުނަށް އެނބުރިދާ އާންމުން ސިފައިންނާ ގާތްނުވާހާ ހިނދަކު، އެމީހުންނަށް އަމާޒުކޮށް އިންޒާރުގެ ބަޑިޖެހުން ވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އަސްކަރީ އިސް ކޮމާންޑަރުންގެ ޚާއްޞަ ހުއްދައަކާ ނުލައި، ”ސެކިއުރިޓީ ޒޯން“ ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ހުރި ގެދޮރާއި އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ހަމަލާދިނުން ވެސް މި އަމުރުތަކުގެ ދަށުން ވަނީ މަނާކޮށްފައެވެ.

”ރޫޓިން ޑިފެންސިވް އެޕްރޯޗެއް“

މީގެ އިތުރުން، އިސްރާއީލުގެ ”ޔެޑިއޮޓް އަހަރޮނޮޓް“ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ ހަފްތާއިން ފެށިގެން އުތުރުގެ ރަށްތަކުގައި ގާއިމުކޮށްފައިވާ ”ގާޑް ޓީމް“ ނުވަތަ ”ރެޑިނެސް ޓީމް“ ތައް އުވާލުމަށް ވަނީ ނިންމާފައެވެ. އިސްރާއީލުގެ ޗެނަލް 12 އިން ހާމަކުރި ގޮތުގައި، މި ޔުނިޓްތައް އަންނަ ހުކުރު ދުވަހު އުވާލާނީ ”ރޫޓިން“ ދިފާއީ ސިޔާސަތަކަށް ބަދަލުވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މި ބަދަލުތައް އަންނަން ފަށާފައިވަނީ ސަރަހައްދީ ގޮތުން ބޮޑެތި މުއާމަލާތްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޖޫން 18 އިން ފެށިގެން އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމާއި، ދަތުރުފަތުރުގެ މިނިވަންކަމާއި ހަކަތަ ފޯރުކޮށްދިނުމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަގާމުތަކަށް ދެކޮޅު ހެދުން

މިފަދަ ލުއިތަކެއް ދޭން ފެށި ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔިސްރާއީލް ކަޓްޒް ވަނީ ލުބުނާނުގެ ”ސެކިއުރިޓީ ޒޯނުން“ އިސްރާއީލު ސިފައިން ނުނިކުންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރު ވަނީ ”ލުބުނާން އަންދާލުމަށް“ ގޮވާލައި ހަރުކަށި ބަހުރުވައިން ވާހަކަ ދައްކަވާފައެވެ.

މިކަމާ ގުޅިގެން ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ނާއިމް ޤާސިމް ވިދާޅުވީ، އިސްރާއީލުން އެއްބަސްވުމާ ޚިލާފުވާ ކޮންމެ ހާލަތެއްގައި އެކަމަށް އެކަށީގެންވާ ރައްދު ދޭނެ ކަމަށެވެ. އަދި އިސްރާއީލަށް އަސްކަރީ ފިޔަވަޅު އެޅުމުގެ މިނިވަންކަން ލިބޭ ގޮތަށް އޮންނަ ކޮންމެ ހަނގުރާމަ ހުއްޓާލުމަކީ އުދުވާނީ އަމަލުތައް ކުރިއަށް ގެންދިއުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ ތާއީދު

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ލުބުނާނުގެ ރައީސް ޖޯސެފް އައުން އާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ މަޝްވަރާ ކުރައްވައި، ހަނގުރާމަ ހުއްޓާލުން ހަރުދަނާ ކުރުމަށް ބާރުއަޅުއްވާފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިހާރު ވަނީ ލުބުނާނުގައި ހިނގާ ކަންކަން މޮނިޓަރ ކުރާނެ މެކޭނިޒަމެއް ވެސް އެކްޓިވޭޓް ކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މާޗް މަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ލުބުނާނުން 4،175 މީހުން މަރުވެ، 12،164 މީހުން ވަނީ ޒަހަމްވެފައެވެ. އަދި އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. މިހާރުގެ ހަމަލާތަކުގައި އިސްރާއީލު ސިފައިން ވަނީ ލުބުނާނުގެ ސަރަހައްދުގެ 10 ކިލޯމީޓަރު އެތެރެއަށް ވަދެފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *