ޣައްޒާ: އަޟްހާ އީދުގެ އުފާވެރިކަން ދުނިޔޭގެ މުސްލިމުން ފާހަގަކުރަމުން ދިޔައިރު، ޣައްޒާގެ ކުޑަކުޑަ ސާރާ ރަޖަބް ހުރީ މީގެ ހަ މަސް ކުރިން އިސްރާއީލު ސިފައިން ޝަހީދުކޮށްލި އޭނާގެ ބައްޕަގެ މަހާނައިގައި ފެން އުނގުޅާށެވެ. އެއީ އޭނާގެ އާއިލާއިން ބާކީ ހުރި ހަމައެކަނި އުންމީދެވެ. ނަމަވެސް، އީދުގެ ފުރަތަމަ ދުވަހުގެ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި، އިސްރާއީލުގެ މިސައިލަކުން ސާރާގެ މުޅި އާއިލާ ސިވިލް ރަޖިސްޓްރީން އެކަލާނގެ ފޮހެލައިފިއެވެ.
ސާރާގެ ވޭންދެނިވި ދަތުރު ފެށުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޒައިޓޫން ސަރަހައްދުގައި ހުރި އެމީހުންގެ އެޕާޓްމަންޓަށް އިސްރާއީލުން ދިން ހަމަލާއަކުންނެވެ. އެ ހަމަލާގައި ސާރާގެ މަންމަ އަޔާ (27 އަހަރު) އާއި ދެ ބޭބެ ކަމަށްވާ އަބްދުއްރަހްމާން (7 އަހަރު) އާއި މަލިކް (4 އަހަރު) ޝަހީދުވިއެވެ. ސާރާ އާއި އޭނާގެ ބައްޕަ ސަމީހު ސަލާމަތްވީ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައި ވަނިކޮށެވެ.
ސާރާގެ ދައްތަ ފާތިމަތު ރަޖަބް ކިޔައިދިން ގޮތުގައި، މަންމަ އާއި ބޭބެއިން ގެއްލުމުން ސާރާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ. އޭނާ ކުރަހާ ކުރެހުންތަކުން ފެންނަނީ އާއިލާގެ މީހުންގެ ހަށިގަނޑަށް މިސައިލްތައް ވަދެ، އެ ހަށިގަނޑުތައް ކޮށާލާފައިވާ މަންޒަރުތަކެވެ. ބައްޕައާ ވަކިން ޣައްޒާގެ ދެކުނުގައި އުޅެން ޖެހުމުން، ސާރާ އޭނާގެ ބައްޕައަށް ލޯބީގެ ވީޑިއޯ މެސެޖުތައް ފޮނުވަމުން ދިޔައެވެ.
އިސްރާއީލުގެ އަޅުވެތިކަމުގެ ސަބަބުން ވަކިވެފައި އޮތުމަށްފަހު، ޖެނުއަރީ 2025 ގައި ބައްޕަ އާއި ސާރާ ބައްދަލުވީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުންނެވެ. ނަމަވެސް އެ އުފާވެރިކަން ދެމިއޮތީ މަދު ދުވަސްކޮޅަކަށެވެ. މާޗް މަހު އަލުން ހަނގުރާމަ ފެށި، ނޮވެމްބަރު 2025 ގައި އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ސާރާގެ ބައްޕަ ޝަހީދުވިއެވެ. އެއާއެކު ސާރާ ވެގެންދިޔައީ އެ އާއިލާއިން ދުނިޔޭގައި ބާކީ ހުރި ހަމައެކަނި މީހާ އަށެވެ.
އޮކްޓޯބަރު 10 ގައި އަލުން ހަނގުރާމަ ހުއްޓާލުމުން، ސާރާ އުންމީދު ކުރީ އަމާން ދިރިއުޅުމަކަށެވެ. އެހެންނަމަވެސް، މެއި 27، އަޟްހާ އީދުގެ ފުރަތަމަ ދުވަހުގެ ހަވީރު، އޭނާގެ ކާފަގެ ގޭގައި ހުއްޓާ އިސްރާއީލުގެ މަތިންދާބޯޓުތަކުން ދިން ހަމަލާއެއްގައި އުމުރުން 9 އަހަރުގެ ސާރާ އާއި، އޭނާގެ ދައްތަ އިސްރާއާ (16 އަހަރު) އަދި ކާފަ އިމާދު (57 އަހަރު) ޝަހީދުވިއެވެ.
މި ހަމަލާއާއެކު، ސާރާގެ މުޅި އާއިލާ ވަނީ ދުނިޔޭގެ ސިވިލް ރަޖިސްޓްރީން ފޮހެވިފައެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 2,700 އަށް ވުރެ ގިނަ އާއިލާ ވަނީ މުޅިން ނައްތާލާފައެވެ. ސާރާގެ ދައްތަ ފާތިމަތު ހިތާމައާއެކު ސުވާލުކުރަނީ، ”މި ހުރިހާ އަނިޔާއެއް ތަހައްމަލު ކުރަންޖެހޭ ވަރުގެ ކޮން ކުށެއްތޯ އެ ކުޑަކުދިން ކުރީ؟“ އެވެ.
ސާރާގެ ވަކިވުމަކީ އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ އާއިލާތައް މުލުން ފުނޑުފުނޑު ކުރަމުންދާ ކަމުގެ ހިތާމަވެރި ހެއްކެކެވެ. އެންމެ ފަހުން ސާރާވެސް ވަނީ އޭނާ އެންމެ ލޯބިވި މަންމަ، ބައްޕަ އަދި ބޭބެއިންނާ އާޚިރަތުގައި ބައްދަލުކޮށްފައެވެ.

