ބުދަ. ޖޫން 3rd, 2026
ނޫސްވެރިޔާ- ތިބާ

”އައި އެމް ސޮރީ. އައި ކެނޮޓް މޫވް އޮން، އައި އޯލްވޭޒް ރިމެމްބަރ ޔޫ.“ މިއީ އަކްސަމްގެ ހިތުގެ ފުންމިނުން އިވޭ އާދެހުގެ އަޑެވެ. އޭނާގެ ހިތުގެ ކޮންމެ ވިންދަކާ ގުޅިފައިވަނީ އެ ހިތި ހަނދާންތަކެވެ. އަކްސަމްއަކީ އެއްއިރެއްގައި މަޖާ މިޒާޖެއްގެ، އަބަދުވެސް ހިނިތުންވުމާއެކު އެހެން މީހުންނާ ބައްދަލުކުރި ހަކަތައިން ފުރިގެންވީ ޒުވާނެކެވެ. ނަމަވެސް މިއަދު އެ ސޫރަ ވަނީ މާޒީގެ ސަފުހާތަކުގެ ތެރެއަށް ގެއްލިފައެވެ. އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހި، މުޅި ދިރިއުޅުން އެއްކޮށް ހަލާކުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.

”އަކްސަމް… އަނެއްކާ ރަނގަޅުތަ؟ މިހާރު ލޮލަށްވެސް ނުފެނޭ. ކިހިނެއް ތި އުޅެނީ؟“ އަކްސަމްގެ އެންމެ ގާތް އެކުވެރިޔާ ދާނިސް ކަންބޮޑުވުމާއެކު އަހާލިއެވެ. ދާނިސްގެ ހިތުގައި ބިރުވެރިކަން އުފެދުނީ އަކްސަމްގެ ހަށިގަނޑަށް އަންނަމުންދިޔަ ބޮޑެތި ބަދަލުތަކުގެ ސަބަބުންނެވެ. ދުވަހަކުވެސް ނުހިކޭ ވަރަށް އަކްސަމް ވަނީ ހިކި އަނަރޫފަވެފައެވެ. ލޯ ކައިރި މުޅިން އެއްކޮށް ކަޅުވެ، ދެލޯ ވަނީ ވަޅުޖަހާފައެވެ. މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ވަރުބަލިކަމެވެ.

”ސޮރީ ބްރޯ… އަހަރެންގެ ދިރިއުޅުން އެއްކޮށް ހަލާކުވެއްޖެ. އަހަރެން އެކަނި އުޅެން ދޫކޮށްލާ…“ އަކްސަމް އިންތިހާއަށް ހިތްވަރުކޮށްލާފައި ދާނިސްއާ ދިމާއަށް ބަލާލުމަށްފަހު މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައި ހުރި ރިހުމުން ދާނިސްގެ ހިތް ކުދިކުދިވިއެވެ.

އަކްސަމްއަކީ އާއިލާގައި ހުރި އެންމެ ހަގު ކުއްޖާއެވެ. އޭނާގެ ދިރިއުޅުމަށް މި ބޮޑު ތޫފާން އަންނަން ފެށީ އޭނާގެ މުޅި ދުނިޔެ ކަމުގައި ދެކުނު ޒީނިޔާ، އޭނާގެ ދިރިއުޅުމުން ވަކިވެގެން ދިޔަ ހިސާބުންނެވެ. ލޯބީގެ އެ ފުން ހިތާމައިގައި އަކްސަމްގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ގެއްލި، މީހާ މުޅިން ބަދަލުވިއެވެ. އެކަން އަކްސަމްގެ މައިންބަފައިންނަށް އެނގުނު ނަމަވެސް، އެކަމާ އެއްވެސް ވަރަކަށް އަޅާލައި، އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާފައެއް ނުވެއެވެ.

އަކްސަމްގެ ހަޔާތަކީ ހިތާމައިގެ ސިލްސިލާއެކެވެ. އުމުރުން އެންމެ ތިން އަހަރުގައި އޭނާގެ ބައްޕަ މި ދުނިޔެއާ ވަކިވެގެން ދިޔުމަކީ އޭނާގެ ދިރިއުޅުމުގެ ބިންގާ ތަޅައިގެން ދިޔަ ކަމެކެވެ. ބައްޕަގެ ލޯބިން މަހުރޫމްވުމުގެ އިތުރުން، މަންމަގެ ފަރާތުން ލިބެންޖެހޭ އޯގާތެރިކަމާއި އަޅާލުން ނުލިބި އޭނާވީ މުޅި ދުނިޔެއަށް ބިކަވެފައިވާ ކުއްޖަކަށެވެ.

އެއްބަނޑު އެއްބަފާ ތިން ބޭބެ ތިބި ނަމަވެސް، އެއިން އެކަކުގެ ފަރާތުންވެސް އަކްސަމްއަކަށް ހިމާޔަތެއް ނުލިބެއެވެ. އަމިއްލަ ހިތާމަތަކާއި ދިރިއުޅުމުގެ ގޮންޖެހުންތައް ހިއްސާކޮށްލާނެ، ބުރަކަށީގައި އަތްޖައްސާލާނެ ބޭބެއެއްގެ ލޯތްބެއް އޭނާގެ ނަސީބަކު ނެތެވެ. މިއަދު އަކްސަމް އެ ހުރީ އަމިއްލަ ހިޔާލުތަކުގެ ޖަލެއްގައި ބަންދުވެ، އެހީތެރިވާނެ އެއްވެސް މަދަދުގާރަކު ނެތް ހާލުގައެވެ. އޭނާގެ ދިރިއުޅުމަކީ ހަމައެކަނި ފާއިތުވަމުންދާ ދުވަސްތަކެއްގެ ހިޔަންޏަކަށް ވެއްޖެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *