”ޕައިރޭޓްސް އޮފް ދަ ކެރީބިއަން“ ފްރެންޗައިޒްގެ އާ ފިލްމެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މި ފަހަރުގެ ފިލްމު ބިނާވެފައިވަނީ ކެޕްޓަން ޖެކް ސްޕެރޯގެ ދަރިފުޅާއި މަޝްހޫރު ބަތަލާ މާގޮޓް ރޮބީގެ ކެރެކްޓާގެ މައްޗަށް ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ފްރެންޗައިޒްގެ ފަހު ފިލްމު ސިނަމާތަކަށް އައިތާ 10 ވަރަކަށް އަހަރު ފަހުން، ޑިޒްނީން މިވަނީ މި ސީރީޒް އަލުން ދިރުވުމުގެ މަސައްކަތް ވަރުގަދަކޮށްފައެވެ. ޑިޒްނީގެ އާ ސީއީއޯ ޖޯޝް ޑި އަމާރޯ އާއި ވޯލްޓް ޑިޒްނީ ކުންފުނީގެ ރައީސް ޑަނާ ވޯލްޑަންގެ އެންމެ ބޮޑު އިސްކަމެއް މިހާރު ދެވިފައިވަނީ މި ޕްރޮޖެކްޓަށެވެ.
މި ފިލްމުގެ ސްކްރިޕްޓް ލިޔުމަށް ހަވާލުކޮށްފައިވަނީ އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވާ ކްރިސްޓީ ވިލްސަން-ކެއާންސްއާއެވެ. އޭނާއަކީ މަޝްހޫރު ފިލްމު ”1917“ ގެ ކޯ-ލިޔުންތެރިޔާވެސް މެއެވެ. މިއީ މި ފިލްމަކީ ހަމައެކަނި ފައިސާ ހޯދުމަށް އުފައްދާ ފިލްމެއްގެ ބަދަލުގައި، ފެންވަރު ރަނގަޅު ”ޕްރިސްޓިޖް ޕްރޮޑަކްޝަން“ އެއްގެ ގޮތުގައި ޑިޒްނީން ބަލާކަމުގެ ހެކިލިބޭ ކަމެކެވެ.
އާ ފިލްމުގައި މާގޮޓް ރޮބީ ކުޅޭ ކެރެކްޓާ ސިފަކުރެވެނީ ޖެކް ސްޕެރޯގެ މިޒާޖާއި ”ކްރޫއެލާ“ ގެ ޕަންކް-ރޮކް ސްޓައިލް އެކުލެވޭ ފޯރިގަދަ ކެރެކްޓާއެއްގެ ގޮތުގައެވެ. ކުރިން މާގޮޓް ރޮބީއާ އެކު އުފައްދަން އުޅުނު ”ސްޕިންއޮފް“ ފިލްމާއި މައި ސީކުއަލް މިހާރު ވަނީ އެއް ޕްރޮޖެކްޓަކަށް ބަދަލުކޮށްފައެވެ
އެންމެންގެ ހިތުގައި އުފެދޭ ސުވާލަކީ ޖޯނީ ޑެޕް އެނބުރި އަންނާނެތޯއެވެ؟ ޕްރޮޑިއުސަރު ޖެރީ ބްރޫކްހައިމަރ ބުނީ ޖެކް ސްޕެރޯގެ ދަރިފުޅުގެ ވާހަކައަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުންދާ ކަމަށާއި، ނަމަވެސް ޑެޕް އެނބުރި އައުމުގެ ދޮރު އަދި މުޅިން ބަންދުނުވާ ކަމަށެވެ. މީގެ އިތުރުން ބްރޫކްހައިމަރ ވަނީ ”ޓޮޕް ގަން 3“ ގެ މަސައްކަތްވެސް ކުރިއަށްދާކަން ކަށަވަރުކޮށްދީފައެވެ.
އާ ލީޑާޝިޕާއި، ހުނަރުވެރި ލިޔުންތެރިން އަދި މާގޮޓް ރޮބީ ފަދަ ތަރިންނާއެކު، ”ޕައިރޭޓްސް އޮފް ދަ ކެރީބިއަން 6“ ވެގެންދާނީ ފްރެންޗައިޒްގެ އޮރިޖިނަލް ރޫހު ދަމަހައްޓަމުން ޒަމާނީ ބަދަލުތަކަކާއެކު އަންނާނެ ވަރުގަދަ ފިލްމަކަށެވެ.
https://www.youtube.com/watch?v=JuXzxx3wi_0

