މަޝްހޫރު ފިލްމު ”ތްރީ އިޑިއަޓްސް“ ގެ ކެރެކްޓާ ”ފުންސުކް ވަންޑޫ“ ގެ އަސްލު ކަމަށް ބެލެވޭ މަޝްހޫރު ތައުލީމީ އެކްޓިވިސްޓް ސޯނަމް ވަންޗުކް، ބޮލީވުޑްގެ ތަރި ސަލްމާން ޚާން އޭނާއަށް އަމާޒުކޮށް ބުނި ”އިޓްސް ޑަން ބްރޯ“ އަށް މަޑުމައިތިރި ރައްދެއް ދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު، އިންޑިއާގެ ނެޝަނަލް އެލިޖިބިލިޓީ އެންޓްރެންސް ޓެސްޓް (ނީޓް-ޔޫޖީ) ގެ ޕޭޕަރު ލީކުވި މައްސަލައިގައި ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން ސޯނަމް ވަންޗުކް ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ތެރޭގައެވެ.
މި މުޒާހަރާތަކަށް ތާއީދުކޮށް، ސަލްމާން ޚާން ވަނީ އެއީ ސުލްހަވެރި އަދި ހިތްވަރުގަދަ ހަރަކާތެއްގެ ގޮތުގައި ސިފަކޮށް، ދަރިވަރުންގެ ހައްގުގައި ވާހަކަ ދައްކައިފައެވެ. އަދި އިންޑިއާއަކީ ބޭރުގެ މީހުން ކިޔަވަން އަންނަ ފަދަ ތައުލީމީ މަރުކަޒަކަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް، އޭގެ 24 ގަޑިއިރުގެ ތެރޭގައި ސަލްމާން ވަނީ އެކްސް (ކުރީގެ ޓްވިޓާ) ގައި ޕޯސްޓެއް ކޮށް، ބޮޑުވަޒީރު މި މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ބުނެ، ދަރިވަރުން ގެއަށް ދިޔުމަށް އެދިފައެވެ. އަދި ވަންޗުކް އަށް އަމާޒުކޮށް، ”ސޯނަމް، އިޓްސް ޑަން ބްރޯ. މިކަން ދިގު ނުދަމާ. ބޭނުންނަމަ އަހަރެން ގެއިން ކާއެއްޗެހި ފޮނުވަފާނަން،“ ކަމަށް ބުނެ ހަޅުތާލު ހުއްޓާލުމަށް ގޮވާލިއެވެ.
ސަލްމާންގެ މި ޕޯސްޓާ ގުޅިގެން ”ސޯނަމް، އިޓްސް ޑަން ބްރޯ“ މި ބަސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، އެ ލިޔެފައިވާ ޓީޝާޓުތައްވެސް އާންމުވިއެވެ. ވަންޗުކް ވަނީ ވަރަށް މަޖާ ގޮތަކަށް އެފަދަ ޓީޝާޓެއް ހަދިޔާއެއްގެ ގޮތުގައި ބަލައިގެންފައެވެ.
މިކަމާ ގުޅޭގޮތުން ޕްރަކާރް ގުޕްތާއާ ވާހަކަދައްކަމުން ސޯނަމް ވަންޗުކް ބުނީ، ”ކޮންމެ މީހަކަށްވެސް މަޖުބޫރީ ހާލަތްތަކެއް ހުންނާނެ“ ކަމަށެވެ. އަދި އޭނާ އެ ވާހަކައިގެ ތެރެއަށް މާ ބޮޑަށް ވަންނަން ބޭނުންނުވާ ކަމަށްވެސް ބުންޏެވެ. ”ހުރިހާ ދިމާލަކަށްވެސް ބަލަންޖެހޭ. އޭނާ (ސަލްމާން) އެއްޗެއް ބުނި ނަމަވެސް އަހަރެން އެކަމަށް އިހުތިރާމް ކުރަން. އޭނާގެ ހުރި މަޖުބޫރީ ކަންކަމާ މެދު އަހަންނަކަށް އެއްޗެއް ނުބުނެވޭނެ،“ ވަންޗުކް ފާހަގަކުރިއެވެ.
ސަލްމާން ޚާންގެ އެދުމާ އެކުވެސް ސޯނަމް ވަންޗުކް އޭރު ހަޅުތާލު ހުއްޓައެއް ނުލައެވެ. އޭނާ ހަޅުތާލު ނިންމާލީ އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ ހިމެނޭހެން، ހުށަހެޅި ޑިމާންޑްތައް ލިޔުމުން ފުއްދައިދޭނެ ކަމަށް ޔޫނިއަން ސަރުކާރުން އެއްބަސްވުމުންނެވެ. ވަންޗުކް ހަޅުތާލު ނިންމާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދްރަ ޕްރަދަން ވަނީ މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައިފައެވެ.

