ކުރިއަށް އޮތް މާވެލްގެ އާ ފިލްމު ”އެވެންޖާސް: ޑޫމްސްޑޭ“ ސިނަމާތަކަށް އައުމުގެ ކުރިން، މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) ގެ ފޭނުންނަށް ސިނަމާތަކަށް އެނބުރި ދިއުމަށް މުހިންމު ސަބަބެއް ފަހިވެއްޖެ އެވެ. އެގޮތުން 2019 ވަނަ އަހަރު ނުކުތް މަގުބޫލު ބްލޮކްބަސްޓާ ”އެވެންޖާސް: އެންޑްގޭމް“ ގެ އާ ވާޝަނެއް ކަމަށްވާ ”އެވެންޖާސް: އެންޑްގޭމް އެންކޯ“ އަންނަ މަހު ސިނަމާތަކަށް ގެނައުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
”އިންފިނިޓީ ސާގާ“ އަށް ފުރިހަމަ ނިމުމެއް ގެނެސްދިން ”އެވެންޖާސް: އެންޑްގޭމް“ ސިނަމާތަކަށް ގެނައިތާ ހަތް އަހަރު ފަހުން އަލުން އަޅުވާ މި ހާއްސަ ވާޝަންގައި، އާ ތަޢާރަފަކާއި އާ މަންޒަރުތަކެއްގެ އިތުރުން، ”އެވެންޖާސް: ޑޫމްސްޑޭ“ އާ ގުޅުވައިދޭ ހާއްސަ މަންޒަރުތަކާއި އާ ފުޓޭޖުތައް ހިމެނޭނެ އެވެ. އަދި ފިލްމަށް އިތުރުކުރެވޭ މި ބައިތަކުގެ ދިގުމިނުގައި ގާތްގަނޑަކަށް ހަތަރު ނުވަތަ ފަސް މިނިޓު ހުންނާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
”އެންޑްގޭމް“ އަދި ”ޑޫމްސްޑޭ“ ގެ ޑައިރެކްޓަރު ޖޯ ރުސޯ، ފަންޑަންގޯ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ފިލްމު ބެލުމުގެ ކުރިން މި ވާޝަން ބެލުމަކީ ”ވަރަށް ބޭނުންތެރި، އަދި ކޮންމެހެން ބަލަން ޖެހޭ“ ކަމެއް ކަމަށެވެ. ސަބަބަކީ މި އާ ތިއޭޓްރިކަލް ވާޝަންގެ ސަބަބުން ދެ ފިލްމުގެ ވާހަކަ ވަރަށް ފުރިހަމައަށް ގުޅުވާލަދޭނެތީ އެވެ.
ޖޯ ރުސޯ އިތުރަށް ފާހަގަކުރި ގޮތުގައި ”އެންޑްގޭމް“ އިން ފެށިގެން ”ޑޫމްސްޑޭ“ އާ ހަމައަށް ވާހަކައިގެ ގުދުރަތީ ކުރިއެރުމެއް (ނެޗުރަލް ޕްރޮގްރެޝަން) ފެނިގެންދާނެ އެވެ. އަދި ”އެންޑްގޭމް“ އަލުން ތިއޭޓަރުތަކުން ފެނުމަކީ ދެ ސަބަބަކަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށާއި، އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ”ޑޫމްސްޑޭ“ ގެ ވާހަކަ އެންމެ ފުރިހަމައަށް ފޮލޯކޮށް ދެނެގަތުމަށް މި ފިލްމު ބަލަން ޖެހޭތީ ކަމަށް އޭނާ ބުންޏެވެ.

