ފަލަސްތީނުގެ ރައްޔިތުންނަށާއި، އިނގިރޭސި ސަރުކާރުން މަނާކޮށްފައިވާ ”ފަލަސްތީން އެކްޝަން“ ޖަމާއަތަށް ތާއީދުކޮށް ލަންޑަނުގައި ހޮނިހިރު ދުވަހު ބޭއްވި ބޮޑު މުޒާހަރާއަކުން 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް މެޓްރޮޕޮލިޓަން ޕޮލިސްއިން ހާމަކޮށްފިއެވެ. މި މުޒާހަރާގައި ޣައްޒާއަށް ކުރަމުންދާ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނަށް ފުރިހަމަ ތާއީދު ފާޅުކޮށްފައިވެއެވެ.
ލަންޑަންގެ ޕާލިމެންޓް ސްކޮއަރއަށް އެތައް ސަތޭކަ ބަޔަކު އެއްވެ، ޣައްޒާއަށާއި ފަލަސްތީން އެކްޝަނަށް ތާއީދުކޮށް ވަރުގަދަ އަޑުއުފުލާފައިވެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަތަކާއި، ”އަހަރެން ނަސްލު ނައްތާލުމާ ދެކޮޅު، އަހަރެން ފަލަސްތީން އެކްޝަނަށް ތާއީދުކުރަން“ ފަދަ ޝުއޫރުތައް ފާޅުކޮށްފައިވާ ބޯޑުތައް ހިފައިގެން މުޒާހަރާކޮށްފައެވެ.
”ޑިފެންޑް އަވަރ ޖޫރީސް“ ޖަމާއަތުން އިންތިޒާމުކުރި މި މުޒާހަރާ ކުރިއަށް ދިޔަ ސަރަހައްދުގައި ފުލުހުންގެ ވަރުގަދަ ހަރާކާތެއް ފެނިގެންދިޔައެވެ. މެޓްރޮޕޮލިޓަން ޕޮލިސް އިން ވަނީ މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ފަހުން ނެރުނު ބަޔާނެއްގައި ބުނީ، މަނާކޮށްފައިވާ ޖަމާއަތަކަށް ތާއީދުކުރުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ރޭގަނޑު 3:40 (ޖީއެމްޓީ 14:40) އާ ހަމައަށް 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އިތުރު މީހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުލުހުންގެ ކުރީގެ ބަޔާނެއްގައި ވެސް ވަނީ މިހާރު ވެސް ބައެއް މީހުން ފަލަސްތީން އެކްޝަނަށް ތާއީދުކުރާ ލިޔުންތައް ހިފައިގެން ތިބިކަން ފާހަގަކޮށް، އެފަދަ ފަރާތްތައް ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ހަރަކާތަކީ ފަލަސްތީނުގެ މައްސަލަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާވަމުން އަންނަ މައްސަލައެއްކަން އަނެއްކާވެސް ހާމަކޮށްދިން ހަރަކާތެކެވެ.

