އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން ފިޔަވަޅު ނޭޅުމަކީ، އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕްގެ ގައުމުތަކުން އެހެން ގައުމުތަކާ ދެކޮޅަށް ބަސްބުނެ ފާޑުކިޔުމުގެ ބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ކާޔާ ކަލާސް ވިދާޅުވެއްޖެއެވެ. މިކަމުގެ އިތުރުން، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީ އިސްރާއީލާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ ފައުންޑޭޝަން އަކީ، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށް އިސްރާއީލު ސިފައިންނާ ގުޅިގެން މަސައްކަތްކުރާ ވަރަށް ހީލަތްތެރި މުއައްސަސާއެއްކަމަށް، އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ހުޅަނގުގެ ޖަމްއިއްޔާ އެއްކަމަށްވާ، ޑޮކްޓާސް ވިތުއައުޓް ބޯޑާސް (MSF) އިން ހާމަކޮށްފިއެވެ.
ބްރަސަލްސްގައި ދެއްވި ބަޔާނެއްގައި ކާޔާ ކަލާސް ވިދާޅުވީ، އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ”ސޮފްޓް ޕަވާ“ ގެއްލި، އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕްގެ ގައުމުތަކުން ދައްކާ ވާހަކަތަކުގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ. މިއީ ވަރަށް ދެރަ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކާޔާގެ ބަޔާނުގައި އިސްރާއީލުގެ ޖަރީމާތަކަށް ޔޫރަޕްވަނީ ބީރުކަންފަތެއް ދީފައިވާކަން ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޣައްޒާގެ މަދަނީ ތަންތަނަށް ބޮންއަޅައިގެންނާއި އާންމުން ބަނޑަށް ޖައްސައި މެރުމުގައި އިސްރާއީލުން އެއްވެސް ގާނޫނަކަށް، ގަވައިދަކަށް އަދި ޕްރިންސިޕަލްއަކަށް ނުބަލާއިރު، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ޔޫރަޕްގެ އިއްތިޙާދު ނާކާމިޔާބު ވެފައިވާކަމީ ދުނިޔެއަށް ހާމަވެފައިވާ ހަގީގަތެއް ކަމަށެވެ.
މިކަމަށް ޔޫރަޕް ލޯމަރާލައިގެން އޮތްއިރު، ދެން ޔޫރަޕުން އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކުމުން ޖަހާނީ ޖޯކު ކަމަށް ކާޔާ ވިދާޅުވިއެވެ. މި ހަގީގަތް މިގޮތަށް އޮތްއިރު، އިސްރާއީލުން އާދަޔާ ޚިލާފަށް އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާއިރު އެކަމަށް ބީރު ކަންފަތެއް ދީގެން އޮވެފައި، ދެން އިންސާނީ ހައްގުތަކުގެ ދިފާއުގައި ޔޫރަޕްގެ ގައުމުތަކަށްވެސް އަދި ޔޫރަޕްގެ އިއްތިހާދަށްވެސް ދެއްކޭނެ ވާހަކައެއް އަދި ދޭނެ ފިލާވަޅެއް އޮތްކަމަށް ނުލެވޭކަމަށް ކާޔާ ވަނީ ހާމަކުރައްވާފައެވެ.
މިދަނޑިވަޅުގައި، ފަރަންސޭސިވިލާތުގައި މަރުކަޒު ހުންނަ ޑޮކްޓާސް ވިތުއައުޓް ބޯޑާސް (MSF) އިން ޣައްޒާގެ ހާލަތު ބެލުމަށްފަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުން ހައިހޫނުކަމުގައި ޖެއްސުމުގައާއި ހައިހޫނުކަން ތަހައްމަލްކުރާ ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ބަހާ މަރުކަޒުތަކަށް ދިޔުމުން ކާއެތިކޮޅެއް ދީފައި އޭތިކޮޅު ކާލުމުގެ ކުރިން ރަހުމެއްނެތި އެ މީހުން މަރާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ފަރާތަކީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި އިސްރާއީލާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ ”ޣައްޒާ ހިޔުމަނިޓޭރިއަން ފައުންޑޭޝަން“ ކަމަށެވެ.
MSF އިން ހާމަކޮށްފައިވަނީ، ”ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމާއި ބަނޑަށް ޖެއްސުމަށްފަހު ކާބޯތަކެތީގެ ދަޅަ ދައްކައިގެން ވަކި ސަރަހައްދުތަކަށް ޣައްޒާގެ ރައްޔިތުން ޖަމާކުރުމަށްފަހު އެމީހުން މަރާލުމުގައި ޣައްޒާ ހިޔުމަނިޓޭރިއަން ފައުންޑޭޝަންއިން ވަރަށް ލާއިންސާނީ އަދި ރަހުމެއްނެތް ދައުރެއް އަދާކުރަމުން ގެންދޭ.“ ޑޮކްޓާރސް ވިތުއައުޓް ބޯޑާސްއަކީ ޣައްޒާގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދިނުމުގައި ވޮލަންޓިއާ ޖަމާއަތެއްގެ ގޮތުގައި ޣައްޒާގައި މިހާރުވެސް ހަރަކާތްތެރިވަމުން ދާ ޖަމާއަތެކެވެ.

