އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން ފިޔަވަޅު ނޭޅުމަކީ، އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕްގެ ގައުމުތަކުން އެހެން ގައުމުތަކާ ދެކޮޅަށް ބަސްބުނެ ފާޑުކިޔުމުގެ ބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ކާޔާ ކަލާސް ވިދާޅުވެއްޖެއެވެ.
ބްރަސަލްސްގައި ދެއްވި ބަޔާނެއްގައި ކާޔާ ކަލާސް ވިދާޅުވީ، އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ”ސޮފްޓް ޕަވާ“ ގެއްލި، އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕްގެ ގައުމުތަކުން ދައްކާ ވާހަކަތަކުގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ. މިއީ ވަރަށް ދެރަ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކާޔާގެ ބަޔާނުގައި އިސްރާއީލުގެ ޖަރީމާތަކަށް ޔޫރަޕްވަނީ ބީރުކަންފަތެއް ދީފައިވާކަން ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޣައްޒާގެ މަދަނީ ތަންތަނަށް ބޮންއަޅައިގެންނާއި އާންމުން ބަނޑަށް ޖައްސައި މެރުމުގައި އިސްރާއީލުން އެއްވެސް ގާނޫނަކަށް، ގަވައިދަކަށް އަދި ޕްރިންސިޕަލްއަކަށް ނުބަލާއިރު، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ޔޫރަޕްގެ އިއްތިޙާދު ނާކާމިޔާބު ވެފައިވާކަމީ ދުނިޔެއަށް ހާމަވެފައިވާ ހަގީގަތެއް ކަމަށެވެ.
މިކަމަށް ޔޫރަޕް ލޯމަރާލައިގެން އޮތްއިރު، ދެން ޔޫރަޕުން އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކުމުން ޖަހާނީ ޖޯކު ކަމަށް ކާޔާ ވިދާޅުވިއެވެ. މި ހަގީގަތް މިގޮތަށް އޮތްއިރު، އިސްރާއީލުން އާދަޔާ ޚިލާފަށް އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާއިރު އެކަމަށް ބީރު ކަންފަތެއް ދީގެން އޮވެފައި، ދެން އިންސާނީ ހައްގުތަކުގެ ދިފާއުގައި ޔޫރަޕްގެ ގައުމުތަކަށްވެސް އަދި ޔޫރަޕްގެ އިއްތިހާދަށްވެސް ދެއްކޭނެ ވާހަކައެއް އަދި ދޭނެ ފިލާވަޅެއް އޮތްކަމަށް ނުލެވޭކަމަށް ކާޔާ ވަނީ ހާމަކުރައްވާފައެވެ.
ކާޔާ ކަލާސްގެ ބަޔާނުން ދުނިޔެއަށް ހާމަވެގެން މިދިޔައީ، އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކަށް ޔޫރަޕް ވަނީ ލޯމަރާލައި ބީރުކަންފަތެއް ދީފައިވާކަމުގެ ހަގީގަތެވެ.

