އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއި އިސްރާއީލާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އަމަލުކުރަން ފަށާފައިވާ ކަމަށް އިއުލާންކޮށް، އެ އެއްބަސްވުމާ ހިލާފު ނުވުމަށް ދެ ފަރާތުން ވެސް އިލްތިމާސް ކުރައްވާފަ އެވެ.
ޓްރަމްޕް މިއަދު ހެނދުނު ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”ހަނގުރާމަ ހުއްޓާލުމުގެ އަމަލު މިހާރު ތަންފީޒު ކުރަމުން އަންނަނީ. އެކަމާ ހިލާފު ނުވުމަށް އެދެން“ ކަމަށެވެ.
އެންބީސީ ނިއުސްއަށް މިއަދު ފޯނުން ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ރައީސް ވަނީ އޭނާ އަމިއްލައަށް އިއުލާން ކުރެއްވި އިސްރާއީލާއި އީރާނާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ”މުއްދަތެއް ނެތް އަދި އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް“ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ”އެމެރިކާއަށް ބޮޑު ދުވަހެއް އަދި މެދުއިރުމައްޗަށް ވެސް ބޮޑު ދުވަހެއް. އަޅުގަނޑު ވަރަށް އުފާވޭ (ހަނގުރާމަ) ނިންމާލެވުނީތީ،“ ޓްރަމްޕް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ކޯޅުން ”މުޅިން ނިމިފައިވާ“ ކަމަށާއި ”އިސްރާއީލާއި އީރާނުން ދެން ދުވަހަކުވެސް އެކަކު އަނެކަކަށް ހަނގުރާމަ ނުކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލޯކަލް ގަޑިން ރޭގަނޑު ދަންވަރު ފަހުން އިއުލާން ކުރެއްވީ ސޯޝަލް ޕްލެޓްފޯމުގައި އިއުލާން ކުރެއްވީ އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ހަ ގަޑިއިރުގެ ތެރޭގައި (ލޯކަލް ގަޑިން 7:00 އަދި ޖީއެމްޓީ 4:00) އަމަލުކުރަން ފަށާނެ ކަމަށާއި ހަނގުރާމަ ހުއްޓާލުން ފުރަތަމަ 12 ގަޑިއިރު ވަންދެން ދެމިގެންދާނެ ކަމަށާއި އޭގެ ފަހުން ހަނގުރާމަ ރަސްމީކޮށް ނިމޭނެ ކަމަށެވެ.
ރަސްމީކޮށް އިރާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަކްޗީ ވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އިސްރާއީލާ އެކު އަދި އެއްބަސްވުމަކަށް އައިސްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.


sb5kzx