ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބަނަކަމަކީ އެއްކަމަކަށް ވުރެ ގިނަކަންތައްތަކެއް ރޭވިގެން ނޫންގޮތެއްގައި ހައްލު ނުކުރެވޭނޭ ވަރަށްބޮޑު އިޤްތިޞާދީ ކާރިޘާ އެއްކަން އިޤްތިޞާދީ މާހިރުންގެ ލަފާއާއި ކެނޑިނޭޅި އައިއެމްއެފް އާއި ވޯލްޑްބެންކުން ދޭ ނަޞޭހަތްތަކުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަހަރެމެން އެންމެނަށް އެބައިނގެއެވެ.
އަސްލު މައްސަލަ
އަސްލު ހަޤީޤީ މައްސަލަ އަކީ ކުރުގޮތަކަށް ބުނާނަމަ ސަރުކާރުގެ ޚަރަދު އިންތިހާ އަށް ބޮޑުވެގެން ދިއުމެވެ. ސަރުކާރަށް އާމްދަނީ ނުލިބޭ މިންވަރަށް ވަޒީފާތަކަށް މީހުން ވެއްދުމާއި، ފައިސާ އާއި ބޭރުގައުމުތަކުގެ އެހީލިބޭތޯ ކުރެވޭ ދަތުރުތަކަށް ޚަރަދު ކުރެވުނު ވަރާއި ގާތަށްވެސް އެ ދަތުރުތަކުން އެއްވެސް ފައިސާއެއް ދައުލަތުގެ ބަޖެޓަށް ލިބޭނޭ ގޮތެއްނުވުމެވެ.
މައްސަލަ ހައްލު ކުރުން:
މައްސަލަ ހައްލު ކުރުމަށް އެޅި ފިޔަވަޅު ތަކަކީ މައްސަލައިގެ ހައްލު ކަމުގައި ނުވުމުގެ ނަތީޖާ އަކީ އިތުރަށް މައްސަލަ ގޯސްވަމުން ދިއުމެވެ. މިގޮތުން މައްސަލަ ހައްލު ކުރުމަށް އެޅި ފިޔަވަޅު ތަކަށް ބަލައިލާނަމެވެ.
ޑޮލަރު ބޭންކު ރޭޓުން ސެންޓްރަލް ބޭންކަށް މާރު ކުރުމަށް މަޖުބޫރު ކުރުން:
ގެސްޓްހައުސް ތަކަށް އަންނަ ގެސްޓެއްގެ ބޮލަކަށް 5 ޑޮލަރާއި ރިސޯޓަކަށް އަންނަ ގެސްޓެއްގެ ބޮލަކަށް 500 ޑޮލަރު ބޭންކު ރޭޓުން މާރު ކުރުމަށް ސަރުކާރުން ވަނީ ޓޫރިޒަމް އިންޑަސްޓްރީގައި އޮޕަރޭޓް ކުރާ ގެސްޓްހައުސް ތަކަށާއި ރިސޯޓުތަކަށް އަންގާ އަމުރެއް ކޮށްފައެވެ. އާއްމު ވަކިފަރުދަކު ކުރާ މަސައްކަތުން ލިބޭ އާމްދަނީގެ ފައިސާ ވަކި ގޮތަކަށް ހަރަދު ކުރުމަށް ، އެންގުމަކީ ސަރުކާރުން އާއްމު ވިޔާފާރި ތަކަށް އަރައިގަތުމެވެ. މިތަނުގައި ބޮލަކަށް 1 ޑޮލަރު ބޭންކު ރޭޓަށް ސެންޓްރަލް ބޭންކަށް މާރު ކުރަން އެންގި ނަމަވެސް އެއީ ވިޔާފަރި ތަކުގައި ސަރުކާރުން ހިފައިގަތުމެވެ.
ރާއްޖޭގެ ޓޫރިޒަމް ވިޔާފާރި ބައްޓަން ވެފައި އޮތްގޮތް:
- ވިޔާފަރި އެއް ފެށެނީ ކުންފުންޏެއް ނުވަތަ ސޯލްޕްރޮޕަރޭޓަރ ރެޖިސްޓްރީ އެއް ހެދުމަށް ފަހުގައެވެ. މިކަމަށްޓަކައި ސަރުކާރަށް ދައްކަން ޖެހޭ އުޖޫރަ ދެއްކުމުން ސަރުކާރުގެ ކަމާއި ގުޅޭ އިދާރާއިން ( އެކޮނޮމިކް މިނިސްޓްރީ އިން ) އެ ވިޔާފަރި އެއް ރަޖިސްޓްރީ ކޮށްދެއެވެ. އެ ހިސާބުން އެބަޔަކަށް ވިޔާފާރި ކުރުމުގެ މިނިވަން ކަމެއް ލިބުނީއެވެ.
- ރިސޯޓެއް ހެދުމަށްޓަކައި ބޭނުންވާ ރަށެއް ސަރުކާރުން ދިގުމުއްދަތަށް ކުއްޔަށް ނަގަން ޖެހެއެވެ. އަދި މިގޮތުން އިކިއުސިޝަން ފީއެއްގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ދައްކަން ޖެހެއެވެ. މި ހާ ހިސާބުން ދިގުމުއްދަތަކަށް ނެގުމުން ރިސޯޓް ޑިވެލޮޕް ކުރުމުގެ ފުރުޞަތު ހުޅުވެއެވެ. އަދި އެއްބަސްވާ ކުއްޔެއް ، ރަށުގެ ކުޑަބޮޑު މިނަށްބަލާފައި ހެކްޓަރަކަށް ބޭސްރޭޓަކާއި ޕްރިމިއަމް ރޭޓެއް އެއްކުރުމަށްފަހު އެ އަންނަ އަދަދެއް ސަރުކާރަށް ދައްކަން ޖެހެއެވެ. 30 ހެކްޓަރުގެ ރަށެއްގެ އިކިއުޝިޝަން އަށް ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުވަރެވެ.
- ކުލީގެ ގޮތުގައި އަހަރަކަށް 8 ޑޮލަރު ސްކުއަރ މީޓަރަކަށް ދައްކަން ޖެހޭނެއެވެ. ކުރިން މިދެންނެވި 30 ހެކްޓަރުގެ ރަށަކީ 300،000 ސްކުއަރ މީޓަރުގެ ރަށެކެވެ. އެހެންވީމާ އަހަރީ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭނީ ( 8×300,000 ) 4 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ބޭންކު ރޭޓުން ބަލާއިރު 37 މިލިއަން ދިވެހި ރުފިޔާއެވެ. މި ކުލި ދެއްކުމަކީ ރިސޯޓް ހިންގާ ފަރާތަށް ލާޒިމް ކުރާކަމެކެވެ. އެއީ ދައުލަތަށް އަންޒަމާނުއްސުރެ ވަންނަ އާމްދަނީގެ ގޮތުގައި ބެލޭ ރިސޯޓްތަކުގެ ކުލީގެ އާމްދަނީއެވެ.
- 2010 ވަނަ އަހަރު ޓެކްސް ތަޢާރަފް ކުރެވުމުން ޓޫރިޒަމްގެ ވިޔާފާރިން ދެ ޓެކްސެއް ދައުލަތަށް އާމްދަނީގެ ގޮތުގައި ނެގެއެވެ. އެއީ
- ޓީޖީއެސްޓީ ( ޓޫރިޒަމް ގުޑްސް އެންޑް ސާވިސްޓެކްސް): 1 ޖެނުއަރީ 2023 އިން ފެށިގެން ޓޫރިޒަމް ޓެކްސްގެ ގޮތުގައި 16% ނަގަމުން ގޮސް އަދި 1 ޖޫން 2024 ން ފެށިގެން މި ސަރުކާރުންވަނީ %17 އަށް ޓީޖީއެސްޓީ ބަދަލުކޮށްފައެވެ. 2023 ގެ ކުރިން ނަގަމުން ގޮސްފައިވާ %8 އެވެ.
- ގްރީން ޓެކްސް – މިހާރު ނަމަގަމުން ދަނީ 6 ޑޮލަރެވެ. މި ސަރުކާރުން ވަނީ ގެސްޓެއްގެ އަތުން ނަގާނެ އަދަކީ 12 ޑޮލަރު ކަމަށް ހަމަޖައްސާފައެވެ. އަދި މި އަދަދު ނަގަން ފަށާނީ 1 ޖެނުއަރީ 2025 އިން ފެށިގެންނެވެ.
މަތީގައިބަޔާން ކޮށްފައި އުޞޫލުން ރަޖިސްޓްރީ ކުރެވި އަދި ދައްކަން ޖެހޭ ފީތައް ދައްކުމާއި އެކު ޓެކްސް ދައްކަމުން ދާނަމަ ވިޔާފާރި އަކީ މިނިވަން ވިޔާފާރި އެކެވެ. އެވިޔާފާރި އަކުން ލިބޭ އާމްދަނީ ވަކި މުއްދަތެއް ވަންދެން ބޭންކުގައި ބެހެއްޓުމާއި ވަކި ފިހާރަތަކަކުން ވިޔާފާރި ކުރުން ( މިސާލަކަށް އެސްޓީއޯއިން ނޫނީ މުދާ ނުގަތުމާއި އެމްޓީސީސީ ސްޕީޑް ބޯޓަށް ނޫނީ ގެސްޓުން ނޭރުވުމާއި ، މޯލްޑިވިއަންއެއަރ ލައިންއިން ނޫނީ ދަތުރު ނުކުރުމާއި ބޭންކް އޮފްމޯލްޑިވިސްގައި ނޫންގޮތަކަށް ފައިސާ ޖަމާ ނުކުރުން) ފަދަ އަމުރު ތައް ނެރުމަކީ މިނިވަން ވިޔާފާރި ފުނޑާލާ ރާއްޖެއާއި މެދު އިންވެސްޓަރުން ގެ ހިތުގައި ބިރުވެރިކަން އުފެދޭނޭ ޢަމަލަތަކެވެ.
ސަރުކާރު މުއައްޒަފުންނަށް ޑިސްކައުންޓް ދޭންޖެހޭނެ ކަމަށް ކަންމަތީ ފިހާރަތަކަށް މަޖުބޫރުކޮށް ސަރުކާރުން އެންގުމާއި ، ހޮޓާ ކެފޭ ތަކުން ކައިފާ ލާރިނުދީ ސަރުކާރު ހިންގާ ޕާޓީކުދިންނަށް ދެވިދާނެކަމަށް އެންގުމަކީ މިފަދަ ދަށުދަރަޖައިގެ ތަންދޮރު ނުދަންނަ ރުންކުރު އެންގުންތަކެވެ.
ޑޮލަރު ގެ ބޭންކް ރޭޓަކީ ކޮބާ؟
2011 ވަނަ އަހަރު ޑޮލަރު މާރުކުރުމަށް ފިކްސް ކޮށްފައި އޮންނަ ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 15.42 ރުފިޔާ އާއި 10.28 އާއި ދެމެދު ޑޮލަރު މާރު ކުރުމަށެވެ. މީގެ މާނައަކީ ރިސޯޓް އޯނަރުން ސަރުކާރުގެ ސެންޓްރަލް ބޭންކަށް ޑޮލަރު މާރުކުރާ އަދަދު 15.42 ން 10.28 އަދަދަށް ދަށް ކުރުމުގެ އިޙްތިޔާރު އޮތްކަމާއި އެކަމުގެ ސަބަބުން މާދަމާ ”ހަމަ ޑޮލަރު މާރު ކުރަން ޖެހޭނީ 10.28 އަށޭ“ ބުނެ ރިސޯޓްތަކުގެ އޯނަރުންނަށް އިންޒާރު ދީފާނެކަމެވެ. މިކަމަކީ މުޅިޓޫރިޒަމް އިންޑަސްޓްރީ އަށް އޮތް ބޮޑު ނާމާން ކަމަކަށް ވާނެއެވެ.
ޑޮލަރު ވަކިރޭޓެއްގައި މާރުކުރުމަކީ ދައުލަތުން އަރައިގަތުމަކަށް ވަނީ ކިހިނެތް ؟
ވިޔާފަރި ކުރުމަށް ވަކި ހުއްދަތަކެއް ދިނުމަށްފަހު ، އަދި ވިޔާފަރިން ދައްކަން ޖެހޭ ފީ އާއި ޓެކްސް އިންތިޒާމް ކުރެވި ތަރުތީބު ކުރެވިފައިވާ ރާއްޖޭގެ އެންމެބޮޑު އިންޑަސްޓްރީ އަށް އާމްދަނީ ހޯދުމާއި އެ އާމްދަނީ ހޭދަކުރުމުގެ މިނިވަންކަން ލިބިދެވިފައި އޮންނަންޖެހޭނެއެވެ. އެއީ ދުނިޔޭގެ ވިޔާފާރިތަކުން ލާޒިމް ކުރާކަންކަމެވެ. އާމްދަނީ ވަކިގޮތަކަށް ހޭދަކުރުމަށް ނުވަތަ ވަކި ތަނަކަށް ވިއްކުމަށް އެންގުމަކީ މިބުނާ މިނިވަންކަމަށް އަރައިގަތުމެވެ. އެހެންނަމަ ޓެކްސް ނެގުމާއި ، އަދި އިތުރު ކުލިތަކާއި ފީތައް ދެއްކުމުގެ ބޭނުމެއްނެތެވެ.
ވިޔާފާރި ދައުލަތް
ވިޔާފާރިތައް ކުރާނޭ މަގުފަހިކޮށްދިނުމަކީ ދައުލަތެއް ޤާއިމްކޮށްފައި އޮތް އޮތުމުގެ އެންމެ ބޮޑު ބޭނުންމަކަށް ވެފައިވީނަމަވެސް ދައުލަތް މަސައްކަތް މިކުރަނީ ނަފާއާއި މަންފާ ހޯދާ ވިޔާފާރިއެއްގެ ބީދައިންނެވެ.
ދައުލަތުން މަޑުމަޑުން އާންމުވިޔާފަރިތަކަށް ވަންނަމުން ގޮސް ، ފަރުދުންގެ ވިޔާފާރި ( ފަރުދުންގެ އާމްދަނީ ހޯދާ މަސައްކަތްތައް) ނިގުޅައިގަތުމާ ހަމައަށް ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ފަރުދުންގެ މަސައްކަތް ކަމުގައި ބެލެވޭ ޓެކްސީ ކުރުމުގެ ވިޔާފާރި ދައުލަތުން ފަށާނެކަމަށް ވަނީ އިއުލާނު ކުރެވިފައެވެ.