ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް ނާހިލް އަހްމަދު ސިއްދީގު އައްޔަންކޮށްފިއެވެ.
އުމުރުން 24 އަހަރުގެ ނާހިލް އަކީ މީގެކުރިން ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މަޤާމުގައި ހުރި ބޭފުޅެކެވެ. އޭނާ އަކީ ކުރިންވެސް އެފްއޭއެމްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2017 ވަނަ އަހަރުގެ ފެބްރުއަރީގައި އިންޓާންއެއްގެ ގޮތުގައި އެފްއޭއެމްއާ ގުޅިވަޑައިގަތް ނާހިލް، 2022 ވަނަ އަހަރުގެ ޖެނުއަރީގައި ކޮމްޕްޓީޝަން އޮފިސަރުގެ މަޤާމުގައި ރަސްމީކޮށް މަސައްކަތް ފައްޓަވާފައިވެއެވެ.
ނާހިލް، އެފްއޭއެމްގެ ވަޒީފާއިން މިއަހަރުގެ ފެބްރުއަރީ މަހު ވަކިވެވަޑައިގަތްއިރު ހުންނެވީ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ އެކްޓިން ހެޑްގެ މަޤާމުގައެވެ. މީގެ އިތުރުން، ނާހިލް ވަނީ 16 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށާއި މާޒިއާ ސްޕޯޓްސްގެ ޔޫތު ޓީމަށްވެސް ކުޅެފައެވެ.
ތަޢުލީމީ ގޮތުން ނާހިލް ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޭއެފްސީ އިން ކުރިއަށް ގެންދިޔަ ފުޓްބޯޅަ މެނޭޖްމެންޓްގެ ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމެއްވެސް ފުރިހަމަކުރައްވާފައިވެއެވެ.
އެފްއޭއެމްގެ އެންމެ ޒުވާން ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި ނާހިލް ރަސްމީކޮށް މަޤާމުގެ މަސްއޫލިއްޔަތާ ހަވާލުވާނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ މުޙައްމަދު ޖައުޝަން ޝަރީފެވެ.