ހޯމަ. ޑިސެމް 23rd, 2024

މާލެއިން ފުޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން ހުސްނުވާކަމަށް އާކޭ ބުނެފި

މާލެއިން ފުޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން ހުސްނުވާ ކަމަށާއި ގޯލްޑް ކަޕުން އެކަން ފެންނާނެ ކަމަށް މުބާރާތުގައި ވާދަކުރާ މާލޭ ޓީމުގެ ކޯޗު އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހްމަދު ނާޒު (އާކޭ) ބުނެފިއެވެ.

މިހާރު ގައުމީ ޓީމުގެ ބޮޑު ޕަސެންޓެއް ނިސްބަތްވަނީ އަތޮޅުތެރެއަށް ކަމަށާއި، ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި ވެސް ގިނައީ ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިން ކަމަށް އާކޭ ފާހަގަކުރިއެވެ. އެހެންނަމަވެސް، 80 އާއި 90 ގެ އަހަރުތަކުގައި ފުޓްބޯޅައިގައި ނަގާ ކިޔަން ތިބީ މާލޭގެ ކުޅުންތެރިންނެވެ.

2000 ވަނަ އަހަރުގެ ފަހުން މި ކަން ބަދަލުވަމުން އައިސް، ބައެއް ފަހަރު މާލެއަށް ނިސްބަތްވާ އެންމެ ކުޅުންތެރިޔަކު ވެސް ގައުމީ ޓީމަށް ނާރާ ހާލަތްތައް ވެސް މެދުވެރިވެފައިވެއެވެ. މިސާލަކަށް، 2018 ގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދިވެހި ޓީމުގައި މާލެއަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ކުޅެން ލިބުނީ އެންމެ 22 މިނެޓެވެ.

ނަމަވެސް، އާކޭ ބުނީ މާލޭގައި އޮތް ފުޓްބޯޅައިގެ ހުނަރު ގޯލްޑް ކަޕުން ފެންނާނެ ކަމަށެވެ. ”ފުޓްބޯޅައިގެ އެންމެ ވަރުގަދަ ރަށްރަށާއި ވާދަކޮށްލެވޭ ވަރުގެ ޓީމެއް އިރާދަކުރެއްވިއްޔާ ފެންނާނެ،“ އޭނާ ބުންޏެވެ. އަދި ކޮންމެ މަގާމަކަށް ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ތިބިކަމަށާއި، ވަރުގަދަ ފައިޓެއް ދެވޭނެ ކުވޭނެ ކުޅުންތެރިން ފެންނާނެ ކަމަށް އާކޭ އުންމީދުކުރިއެވެ.

ގޯލްޑް ކަޕަކީ ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ މަގުސަދުގައި ނައިންޓީ ޕްލަސްއިން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ހާއްސަކޮށްފައިވަނީ ސިޓީތަކާއި ރަށްތަކަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށާއި، އަންނަ މަހުގެ 25 ގެ ނިޔަލަށް ގަލޮޅު ދަނޑުގައި ކުރިއަށްދާނެ ކަމަށް ވެސް މަޢުލޫމާތު ދީފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *