ހޯމަ. ޑިސެމް 23rd, 2024

ރިވަޕްލޭޓާއި ރެއާލް މެޑްރިޑްގެ ޓްރާންސްފަރ މަޝްވަރާތައް ”ލީކު“ ކުރުމުން މައްސަލަ ޖެހިއްޖެ

އާޖެންޓީނާގެ ކްލަބް ރިވަޕްލޭޓާއި ސްޕެއިންގެ ރެއާލް މެޑްރިޑާ ދެމެދު ކުރިއަށްދިޔަ ޓްރާންސްފަރ މަޝްވަރާތައް އެހެން ކްލަބްތަކަށް ”ލީކު“ ކުރުމާ ގުޅިގެން މައްސަލަ ޖެހިއްޖެއެވެ.

މި މައްސަލަ ޖެހުނީ ރިވަޕްލޭޓްގެ 17 އަހަރުގެ މިޑްފީލްޑަރު ފްރެންކޯ މަސްޓަންޓުއޯނޯ ސޮއިކުރުވުމަށް ދެ ކްލަބުން ކުރިއަށްގެންދިޔަ މަޝްވަރާތަކާ ގުޅިގެންނެވެ. ސްޕެއިންގެ މާކާ ނޫހުން ބުނެފައިވަނީ މި ޓްރާންސްފަރ ހަމަޖެހުމާ ދާދި ގާތަށް ދެ ކްލަބުގެ މަޝްވަރާތައް ގޮސްފައިވާ ކަމަށެވެ.

ނަމަވެސް، މި މަރުޙަލާގައި ވަނިކޮށް ރިވަޕްލޭޓުން މި ޓްރާންސްފަރގެ މަޢުލޫމާތު، ފްރެންކޯއަށް ޝައުޤުވެރިވާ އެހެން ކްލަބްތަކަށް ހާމަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ރެއާލް މެޑްރިޑަށް ވުރެ މަތީ އަގެއް އެހެން ކްލަބްތަކުން ހުށަހެޅުމުގެ ފުރުޞަތު އޮތެވެ.

ރެއާލް މެޑްރިޑުން ތުހުމަތުކުރާ ގޮތުގައި، ރިވަޕްލޭޓުން މިފަދައިން ޢަމަލުކޮށްފައިވަނީ ޕަބްލިކް ބިޑަކަށް ގޮސް މަތީ އަގެއް ހޯދުމުގެ މަޤްޞަދުގައެވެ. މާކާ ނޫހުގައި ބުނެފައިވަނީ ރެއާލް މެޑްރިޑުން ޕަބްލިކް ބިޑަކަށް ދާން ބޭނުންނުވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ރެއާލް މެޑްރިޑުން ވަނީ ފްރެންކޯގެ ޓްރާންސްފަރގެ މަސައްކަތް މި ވަގުތަށް ހުއްޓާލާފައެވެ. ރެއާލް މެޑްރިޑުން އާންމުކޮށް ޢަމަލުކުރާ ގޮތަކީ ޕަބްލިކް ބިޑަކަށް ނުގޮސް، ކުޅުންތެރިން ކުޅޭ ކްލަބްތަކާއެކު ސީދާ މަޝްވަރާކޮށްގެން މެދުމިނުގެ ފީއަކަށް އެއްބަސްވުމެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *