ފްރާންސްގައި ބާއްވާ ޕެރަލިމްފިކް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޓީމާ، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު، އަބްދުﷲ ރާފިއު މިއަދު ހެނދުނު ބައްދަލުކުރައްވައި ހިތްވަރުދެއްވައިފިއެވެ. މި ބައްދަލުވުން އޮތީ ކުޅިވަރާ ހަށިހެޔޮ ކަމާބެހޭ ވުޒާރާގައެވެ.
ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒާއި، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރައީސް އައިޝަތު ނަޒްހަތު ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ޓީމަށް ޖާޒީ ހަވާލު ކޮށްދެއްވާފައެވެ.
ޓީމަށް ހިތްވަރުދެއްވަމުން ވަޒީރު އެދިވަޑައިގެންނެވީ ރަނގަޅު ނަތީޖާތަކެއް ލިބޭނެކަމަށް އުއްމީދު ކުރައްވާ ނަތީޖާ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށެވެ.
މި ޓީމުގައި ހިމެނޭ ޕެރަ އެތުލީޓުންނަކީ، ފާތިމަތު އިބްރާހީމް، އޭނާގެ ގައިޑް ރަނާ ފާތިމަތު ޝަމްހާ އާއި އަބްދުލް ރައްޒާގު އަދި އޭނާގެ ގައިޑް ރަނާ ހުސެއިން ޝިފާޒެވެ. މިޓީމު ބައިވެރިވުމަށް ހަމަޖެހިފައިވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުގައެވެ.
މިޓީމުގެ ކޯޗެއްގެ ގޮތުގައި ވަޑައިގަންނަވާނީ އަބްދުﷲ މަސްއޫދުއެވެ. އަދި ކޮންޓިންޖެންޓުގެ ޗެފް ޑެ މިޝަންގެ ގޮތުގައި ވަޑައިގަންނަވާނީ މޯލްޑިވްސް ޕެރެލިމްޕިކް ކޮމިޓީގެ ސެކެރެޓަރީ ޖެނެރަލް، އަހްމަދު މުހައްމަދެވެ.
މިއީ ޕެރެ އެތުލީޓު ފާތިމަތު އިބްރާހިމް ވާދަކުރާ ދެވަނަ ޕެރަލިމްޕިކް ގޭމްސްއެވެ. މިފަހަރުގެ ޕެރެ ޓީގައި ހިމެނޭ ދެ އެތުލީޓުން ވަނީ އެންމެ ފަހުން މަޑަގަސްކަރައިގައި ބޭއްވުން އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއިން ރާއްޖެއަށް ލޯ މެޑަލް ހޯދައި ދީފައެވެ. އެހެންކަމުން މިފަހަރުގެ ޕެރަލިމްޕިކް މުބާރާތުގައި ވެސް އެދެވޭ ނަތީޖާއެއް ހޯދާނެކަމަށް އުއްމީދު ކުރެވެއެވެ.