ޔަމަންގެ ކައިރިން ރަތްކަނޑުން ދަތުރުކުރި އާގު ބޯޓަކަށް މިއަދު ހަމަލާތަކެއް އަރައިފި ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ބުނެފިއެވެ.
މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ނެރުނު ގައިޑެންސް ނޯޓެއްގައިވާ ގޮތުން:
– ހަމަލާ އެރީ ޔަމަންގެ ހުދައިދާއާ 70 މޭލު ދުރުން ދަތުރުކޮށްފައި ދަނިކޮށް
– ދެ ގޮވުމެއް އާގު ބޯޓުގެ ތެރެއިން އިވުނު
– ތިންވަނަ ގޮވުން އިވުނީ އާގު ބޯޓުން ބޭރުގައި
– ބޯޓަށް ލިބުނު ގެއްލުމާ ގުޅިގެން ކައިރީގައިވާ ބަނދަރަކަށް ދިޔުމަށް މަސައްކަތްކުރަމުންދޭ
ޔަމަންގެ ހޫޘީންގެ ތަރުޖަމާނަކު ވަނީ މެރިޓައިމް ޓާގެޓަކަށް ހަމަލާތަކެއް ދިން ކަމަށް ބުނެފައެވެ. ނަމަވެސް، އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ހޫޘީންވަނީ ރަތްކަނޑާއި އަރަބި ކަނޑު އަދި އިންޑިއާ ކަނޑުގެ ހުޅަނގުން ދަތުރުކުރުން އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އަސްކަރީ އަދި މަދަނީ އުޅަނދުތަކަށް މަނާކޮށްފައެވެ. މިހާތަނަށް ހޫޘީންވަނީ މި ތިން ގައުމުގެ ނުވަތަ މި ތިން ގައުމުގެ މަސްލަހަތު އޮންނަ 250 އަށްވުރެ ގިނަ އާގު ބޯޓުތަކަށް ސީދާ ގޮތެއްގައި ހަމަލާދީފައެވެ.
ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ހޫޘީންގެ އެތައް އަމާޒުތަކަކަށް ހަމަލާދީފައިވެއެވެ. ނަމަވެސް، ހޫޘީންގެ ހަމަލާތަކަށް އަސަރެއްކުރާވަރުގެ ކަމެއް އެމެރިކާއާއި އިނގިރޭސިވިލާތަށް އަދި ކުރެވިފައެއް ނުވެއެވެ.
މި ހާދިސާއަކީ ރަތްކަނޑު ސަރަހައްދުގައި ހިނގަމުންދާ ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާހަގަކުރަމުންދެއެވެ.