އަން. ޑިސެމް 24th, 2024

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖޫނިއަރ ބައިގެ ސެމީ ފައިނަލަށް ދިވެހި ސާފަރު ކަޔާން ޒަކީ ގޮސްފި

ފޮޓޯ: ފަޔާޒު މުސާ | މިހާރު

ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖޫނިއަރ ބައިގެ ސެމީ ފައިނަލަށް ދިވެހި ސާފަރު ކަޔާން ހަމްދާން ޒަކީ ގޮސްފިއެވެ. މިއަދު މެންދުރުފަހު ބޭއްވުނު ކުއާޓަރ ފައިނަލް އިވެންޓުތަކުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރި ހަމައެކަނި ދިވެހި އެތުލީޓަކީ ކަޔާންއެވެ.

ކަޔާން ވާދަކުރި ދެވަނަ ހީޓުގައި 9.64 ޕޮއިންޓް ސްކޯކޮށް ދެވަނަ ހޯދިއެވެ. މި ހީޓުގައި އެއްވަނަ ހޯދީ ފިލިޕީންސްގެ ސާފަރު ޓްރޮއީ އެސްޕެޖޯން 11.10 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނަ ހޯދި ސްރީލަންކާގެ ކަނަޕަތީ ޖޭ އަށް ލިބުނީ 8.06 ޕޮއިންޓެވެ.

ރާއްޖޭގެ އެހެން ސާފަރުންގެ ތެރެއިން، ޖޫނިއަރ ކެޕްޓަން ސައްޔިދު ސަލާހުއްދީން ވާދަކުރި ތިންވަނަ ހީޓުގައި 7.90 ޕޮއިންޓް ހޯދައި ހީޓުގެ އެންމެ ފަހަތަށް ދިޔައެވެ. ހަތަރުވަނަ ހީޓުގައި ވާދަކުރި ކަޔާން އަބްދުﷲ އަރީފަށް 9.17 ޕޮއިންޓް ލިބުނު ނަމަވެސް، ސެމީ ފައިނަލުގެ ޖާގައެއް ނުލިބުނެވެ.

ސެމީ ފައިނަލުގައި ކަޔާން ޒަކީ ވާދަކުރާނީ ޖަޕާނުގެ ޓާރޯ ޓަކައި، އިންޑިއާގެ ކިޝޯރު ކުމާރު އަދި ޗައިނާގެ ޗެންގް ޒެންގްއާ އެކުގައެވެ. ކުއާޓަރ ފައިނަލުގެ ހުރިހާ ހީޓުތަކުން އެންމެ މަތީ ސްކޯ ކުރި ސާފަރަކީ 18.10 ޕޮއިންޓް ހޯދި ޖަޕާނުގެ ޓާރޯ ޓަކައިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ބާއްވާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *