އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވު އެލްބިއަންއިން އެ ކުލަބުގެ ރިކޯޑު އަގަކަށް ފަރަންސޭސި ފޯވަޑް ޖޯޖީނިއޯ ރުޓާ އެ ޓީމަށް ގެނެސްފިއެވެ. ކުޅިވަރު ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، ބްރައިޓަންއިން ރުޓާގެ ސޮއި ހޯދާފައިވަނީ 40 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިއީ ބްރައިޓަންއިން މިހާތަނަށް އެންމެ އަގުބޮޑުކޮށް އެ ޓީމަށް ސޮއިކުރުވި ކުޅުންތެރިޔާއެވެ.
އުމުރުން 22 އަހަރުގެ ރުޓާ ބްރައިޓަންއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރުޓާ ބްރައިޓަންއަށް ބަދަލުވުމުގެ ކުރިން ކުޅެމުންދިޔައީ ޗެމްޕިއަންޝިޕްގެ ލީޑްސް ޔުނައިޓެޑަށެވެ. މިދިޔަ އަހަރު ޖަރުމަނު ބުންޑެސްލީގާގެ ހޯފެންހައިމްއިން ލީޑްސްއަށް ބަދަލުވި ރުޓާވަނީ އެ ޓީމަށް 66 މެޗު ކުޅެދީ އަށް ލަނޑު ޖަހައިދީފައެވެ.
ބްރައިޓަންގެ ޓެކްނިކަލް ޑިރެކްޓަރ ޑޭވިޑް ވެއާ ބުނެފައިވަނީ ރުޓާއަށް އެ ކުލަބުން ފާރަލަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި ރުޓާއަކީ ވަރަށް ޓެކްނިކަލް ކުޅުންތެރިއެއް ކަމަށާއި އޭނާ ކުލަބަށް ގެނެވުމުން ހިތްހަމަޖެހުން ލިބިއްޖެކަމަށް އޭނާ ބުންޏެވެ.
ބްރައިޓަންގެ ކޯޗު، ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކޯޗު ކަމަށްވާ އުމުރުން 31 އަހަރުގެ ފެބިއަން ހާޒެލާ ބުނެފައިވަނީ ރުޓާއަކީ އެ ކުލަބުގެ ސަޕޯޓަރުން މެޗު ބަލަން ތިބޭއިރު ގޮނޑިން ތެދުވާވަރު ކުރާނެ ކުޅުންތެރިއެއް ކަމަށެވެ.
ލީޑްސްއިން ވަނީ ރުޓާ އެ ޓީމުގައި ބެހެއްޓޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. ރުޓާ ބްރައިޓަންއަށް ބަދަލުވުމުގެ ކުރިން މި ސީޒަންގައި ލީޑްސްގެ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗާއި ލީގު ކަޕްގެ މެޗެއްގައި ކުޅެފައިވެއެވެ.