ހޯމަ. ޑިސެމް 23rd, 2024

ގެސްޓުހައުސް ވިޔަފާރި ކުރިއެރުވުމަށް އެމްއައިބީން އޮކްޓޯބަރުގައި ސިންޕޯޒިއަމެއް ބާއްވަނީ

ސަން ފޮޓޯ/ މޫސާ ނަދީމް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ގެސްޓުހައުސް އަދި އެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް ’ގެސްޓު ހައުސް ސިންފޯޒިއަމް‘ އެއް އަންނަ އޮކްޓޯބަރު 10 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވި ގޮތުގައި، މި ފޯރަމްގެ މަޤްޞަދަކީ ގެސްޓްހައުސްތަކާއި، ލިވަބޯޑްސްތަކާއި ސަޕްލަޔަރުން އެއްތަނަކަށް ގެނެސް، ދާއިރާއާ ގުޅުންހުރި ކަންކަމާ މަޝްވަރާކޮށް، ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މަގުފަހިކުރުމެވެ.

ކްރޮސްރޯޑްގައި ބޭއްވޭ މި ފޯރަމްގައި ބައިވެރިންގެ އުފެއްދުންތައް ޝޯކޭސްކުރުމާއި، ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެވޭނެއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕާޓްނަރޝިޕްތައް ބިނާކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގެސްޓު ހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަޙުމަދު ވަހީދު ވިދާޅުވި ގޮތުގައި، މި ހަރަކާތުން އުފެއްދުންތައް މާކެޓުކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްވާނެއެވެ. އަދި ރާއްޖޭގެ ހުރިހާ ގެސްޓުހައުސް ހިންގާ ފަރާތްތަކާއި އަތޮޅުތެރޭގެ އޯނަރުން މި ފޯރަމްގައި ބައިވެރިވުމަކީ އެ އެސޯސިއޭޝަންގެ އެދުމެއް ކަމުގައި ވިދާޅުވިއެވެ.

ފޯރަމްގައި ބައިވެރިވުމަށް 150 ފަރާތަކަށް ފުރުޞަތު ލިބޭނެ ކަމަށް އެމްއައިބީން ބުނެފައިވެއެވެ. އަދި ރަޖިސްޓްރޭޝަން އަވަހަށް ހުޅުވާލާނެ ކަމަށްވެސް ބުނެފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *