ޔޫއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ޕޯޗުގަލް ގައުމީ ޓީމުގެ ސްކޮޑުން، އެ ޓީމުގެ ކެޕްޓަން އަދި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަކިވުމާ ގުޅިގެން، ޕޯޗުގަލްގެ ލެޖެންޑަރީ 7 ނަންބަރު ޖާޒީ ތުރުކީ ލީގުގެ ގަލަޓަސަރޭއަށް ކުޅެމުން އަންނަ ފޯވާޑް ލިއާއޯ އަށް ދީފިއެވެ.
ބުރާސްފަތި ދުވަހު ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް (ޔޫއެފާ) އިން ވަނީ ޔޫރަޕިއަން ނޭޝަންސް ލީގުގެ ލީގު އޭ، ގްރޫޕް ޑީގެ ތިންވަނަ ބުރުގައި ކޮޕަންހޭގަންގައި ޑެންމާކާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ޕޯޗުގަލް ޓީމުގެ ސްކޮޑް ލިސްޓް ރަސްމީކޮށް އާންމުކޮށްފައެވެ.
މި ލިސްޓް އާންމުކުރިއިރު، ކުރިން 17 ނަންބަރު ޖާޒީ ބޭނުންކުރަމުން އައި ގަލަޓަސަރޭގެ ފޯވާޑް ލިއާއޯ ވަނީ 7 ނަންބަރު ޖާޒީއަށް ބަދަލުކޮށްފައެވެ. އަދި އޭނާ ކުރިން ބޭނުންކުރި 17 ނަންބަރު ޖާޒީ ދީފައިވަނީ އަލަށް ގައުމީ ޓީމާ ގުޅުނު އޭނާގެ ޓީމު މޭޓް ފަބިއޯ ސިލްވާ އަށެވެ. މީގެއިތުރުން، އަނިޔާގެ ސަބަބުން ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެވުނު މުހިންމު މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ވެސް ވަނީ އަނިޔާއިން ސަލާމަތްވެ ޓީމަށް އެނބުރި އައިސްފައެވެ.
ލިއާއޯ އަށް 7 ނަންބަރު ޖާޒީ ލިބުނު މައިގަނޑު ސަބަބަކީ ޔޫއެފާ ނޭޝަންސް ލީގުގެ ގަވާއިދު ބުނާގޮތުން، މެޗުގައި ބައިވެރިވާ ކުޅުންތެރިންގެ ޖާޒީ ނަންބަރު އެޕްރޫވްޑް ލިސްޓުގައި ރަސްމީކޮށް ރެކޯޑް ކުރަން ޖެހޭތީއެވެ. އެހެންކަމުން ރޮނާލްޑޯ ސްކޮޑުގައި ނެތުމުން ހުސްވި 7 ނަންބަރު ޖާޒީ ލުމުގެ ފުރުސަތު ލިއާއޯ އަށް ލިބިގެންދިޔައީއެވެ.
ފާއިތުވި ގަޑިއިރުތަކުގައި ރޮނާލްޑޯއާ ގުޅޭގޮތުން އެކި ވާހަކަތައް ދެކެވިފައިވަނިކޮށް، އޭނާ ވަނީ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ގޮސްފައިވާކަން އަމިއްލައަށް ކަށަވަރުކޮށްދީ، ހިމޭންކަން މުގުރާލާފައެވެ. ރޮނާލްޑޯ އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ބުނެފައިވަނީ، ޔޫރަޕިއަން ނޭޝަންސް ލީގުގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ބައިވެރިނުވާނެ ކަމަށެވެ.

