ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން 2026 ވަނަ އަހަރާ އަލްވަދާއު ކިޔުމަށް ތައްޔާރުވަމުންދާއިރު، އިތިއޮޕިއާ އިން މިވަނީ ތަފާތު އަދި ހައިރާންކުރުވަނިވި ގޮތަކަށް އެގައުމުގެ އާ އަހަރު ފާހަގަކޮށްފައެވެ. ދުނިޔެއަށް 2026 ވަނަ އަހަރު ހިނގަމުންދާއިރު، އިތިއޮޕިއާ އިން އިއްޔެ، ސެޕްޓެމްބަރު 11 ވީ ހުކުރު ދުވަހު މަރުހަބާ ކިޔާފައިވަނީ އެގައުމުގެ ކަލަންޑަރުން 2019 ވަނަ އަހަރަށެވެ. މިއީ އެގައުމުގައި އަހަރު ފެށުން ފާހަގަކުރާ ”އެންކުޓަޓަޝް“ ގެ ނަމުން މަޝްހޫރު މުނާސަބަތެވެ.
މި ތަފާތަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ އިތިއޮޕިއާ ތަރައްގީގެ ގޮތުން ފަހަތުގައި އޮތުމުން ދިމާވާ ކަމެއް ނޫނެވެ. މިއީ ތާރީޚީ އަދި ސަގާފީ ފުން އަސްލުތަކެއް ހުރި، އެގައުމަށް ޚާއްސަ ވަކި ކަލަންޑަރެއް ބޭނުންކުރާތީ އަންނަ ތަފާތެކެވެ. އިތިއޮޕިއާގެ އާ އަހަރު މިއަހަރު މިއައީ ވިއްސާރަ މޫސުމަށް ފަހު އެގައުމުގެ ގުދުރަތީ ދިރުންތައް އަލުން އާލާވަމުންދާ އުފާވެރި ދަނޑިވަޅެއްގައެވެ.
އިތިއޮޕިއާގެ ކަލަންޑަރުގެ ސިއްރަކީ ކޮބާ؟
އާންމުކޮށް މުޅި ދުނިޔޭގައި ބޭނުންކުރަނީ 12 މަސް ހިމެނޭ ގްރެގޯރިއަން ކަލަންޑަރެވެ. ނަމަވެސް އިތިއޮޕިއާގައި ބޭނުންކުރަނީ 13 މަސް އެކުލެވޭ ”ގޭޒް“ ކަލަންޑަރެވެ. މި ކަލަންޑަރުގައި ހިމެނޭ ފުރަތަމަ 12 މަހުގައި އޮންނަނީ ކޮންމެ މަހަކު 30 ދުވަހެވެ. އަދި އަހަރު ނިމުމުން އަންނަ 13 ވަނަ މަސް ކަމަށްވާ ”ޕަގޯމް“ ގައި އޮންނަނީ އާދައިގެ އަހަރުތަކުގައި 5 ދުވަސް، އަދި ލީޕް އަހަރެއްގައި 6 ދުވަހެވެ. އެހެންކަމުން އަހަރެއްގެ ޖުމްލަ ދުވަހަކީ 365 ނުވަތަ 366 ދުވަހެވެ.
މި ކަލަންޑަރަކީ ތާރީޚީ ގޮތުން ޤަދީމީ ކޮޕްޓިކް ކަލަންޑަރުގެ އާދަކާދަތަކާ ގުޅިފައިވާ އެއްޗެކެވެ. އެގައުމުގެ ކަލަންޑަރުން އިއްޔެއާ ހަމައަށް އޮތީ 2018 ވަނަ އަހަރެވެ. އަދި މިއަދު ”މެސްކެރެމް“ މަހުގެ ފުރަތަމަ ދުވަހަށް އިރުއެރުމާއެކު އެގައުމު ވަދެފައިވަނީ 2019 އަށެވެ.
އާ އަހަރު ސެޕްޓެމްބަރު މަހު އަންނަނީ ކީއްވެ؟
އިތިއޮޕިއާގެ އާ އަހަރު ފާހަގަކުރާ ”އެންކުޓަޓަޝް“ ދިމާވަނީ ”މެސްކެރެމް“ މަހުގެ ފުރަތަމަ ދުވަހަށެވެ. މިއީ އާންމު ގްރެގޯރިއަން ކަލަންޑަރުން ސެޕްޓެމްބަރު 11 ނުވަތަ ބައެއް އަހަރުތަކުގައި ސެޕްޓެމްބަރު 12 ވަނަ ދުވަހެވެ. މި ދުވަސްވަރަކީ ވިއްސާރަ މޫސުން ނިމި، އުޑުމަތި ސާފުވެ، ދުނިޔެމަތި އުޖާލާވާ ދުވަސްވަރެކެވެ. މި ދުވަސްވަރު ”އަދީ އަބަބްސާ“ ގެ ނަމުން ނަންދެވިފައިވާ ރީނދޫ ކުލައިގެ މާތައް ފޮޅި، ގުދުރަތީ ރީތިކަމުން ގައުމު ޒީނަތްތެރިވެގެންދެއެވެ.
އިތިއޮޕިއާގެ ރައްޔިތުންނަށް މި މުނާސަބަތަކީ ހަމައެކަނި ތާރީޚީ އަދަދެއް ބަދަލުވުމެއް ނޫނެވެ. މިއީ އާއިލީ ގުޅުންތައް ބަދަހިކޮށް، ވޭތުވެދިޔަ އަހަރާ މެދު ވިސްނައި، އުންމީދާއެކު ކުރިމަގަށް ތައްޔާރުވާ މުހިންމު ސަގާފީ އީދެކެވެ.
އުފާފާޅުކުރުންތަކާއި ސޯޝަލް މީޑިއާގެ ސަމާލުކަން
އާ އަހަރުގެ މުނާސަބަތުގައި އިތިއޮޕިއާގެ އެކި ސަރަހައްދުތަކުގައި ވަނީ ބޮޑެތި ޖަލްސާތަކާއި ސަގާފީ ހަރަކާތްތައް ބާއްވާފައެވެ. އާއިލާތަކުން އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ހަދިޔާ ބަދަލުކޮށް، ސަގާފީ ކެއުންތަކާއި ނެށުންތަކުގައި ބައިވެރިވިއެވެ. ހާއްސަކޮށް އަންހެން ކުދިންނާއި ކުޑަކުދިން ސަގާފީ ހެދުންތަކުގައި ލަވަކިޔައި އުފާފާޅުކުރި މަންޒަރު ފެނިގެންދިޔައެވެ.
މި އުފާފާޅުކުރުންތައް ސޯޝަލް މީޑިއާގައި ވެސް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. މަޝްހޫރު ފޮޓޯގްރާފަރު އަދި ކޮންޓެންޓް ކްރިއޭޓަރު ޔޫސުފް ފިކިރީ އޭނާގެ އިންސްޓަގްރާމްގައި ރަޑްސެކް މަރިޔަމް ޗާޗުގައި އޮތް ހަރަކާތްތައް، ”ޒެމާރީ މައެޑޯޓް“ ލަވައިގެ ރާގާއެކު ހިއްސާކޮށްފައިވެއެވެ. މިއާއެކު ބޭރުގެ ގިނަ ބްލޮގަރުންނާއި އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ވަނީ، ދުނިޔެ 2026 ގައި އޮއްވައި އިތިއޮޕިއާ އިން 7 އަހަރު ފަހަތުން 2019 ފާހަގަކުރާ ސަބަބާ މެދު ހައިރާންކަން ފާޅުކޮށް ސުވާލު އުފައްދާފައެވެ.
އިތިއޮޕިއާ އިން ކުރިއަށްދާ ތަރައްގީގެ މަގުގައި އުފެއްދުންތެރިކަން އިތުރުކުރަން މަސައްކަތް ކުރަމުންދާއިރު، އެގައުމުން ދައްކުވައިދެނީ ތަރައްގީއާއެކު ވެސް އެމީހުންގެ ގަރުނުތަކީ ސަގާފަތާއި ތާރީޚީ އައިޑެންޓިޓީ ބަދަލެއް ނެތި ދަމަހައްޓަމުންދާ ކަމެވެ. ދުނިޔެ ކޮންމެ އަހަރެއް ގުނަމުން ދިޔަޔަސް، އިތިއޮޕިއާ އިން ފަޚުރުވެރިކަމާއެކު މި ފެށީ އެމީހުންގެ އަމިއްލަ 2019 ވަނަ އަހަރެވެ.

