މީގެ ދިހަވަރަކަށް އަހަރު ކުރިން އުފެއްދި ފަންނީ މަސައްކަތްތަކެއްގެ ސަބަބުން، ޗައިނާގެ މަޝްހޫރު ފަންނާނު ގާއޯ ޗެން ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
އުމުރުން 70 އަހަރުގެ ގާއޯ ޗެން އަކީ ބައިނަލްއަޤްވާމީ ގޮތުން މަޤްބޫލުކަން ހޯދާފައިވާ ”ގާއޯ ބްރަދާސް“ ގެ އެކަކެވެ. އޭނާއާއި އޭނާގެ ބޭބެ މަޝްހޫރުވެފައިވަނީ ޗައިނާގެ ތާރީޚާއި، ދައުލަތުގެ ބާރާއި، އަދި އިޖުތިމާޢީ ބަދަލުތަކާ ގުޅޭގޮތުން ހަދާފައިވާ ސްކަލްޕްޗަރތަކާއި އާޓްވޯކްތަކުގެ ސަބަބުންނެވެ. ނަމަވެސް، ހެބޭ ޕްރޮވިންސްގެ ސަންހޭ ސިޓީގެ ކޯޓަކުން އޭނާގެ މައްޗަށް މި ޙުކުމް އިއްވީ ”ޗައިނާގެ ބަޠަލުންނާއި ޝަހީދުންގެ އަބުރު ކަތިލުމުގެ“ ކުށް ސާބިތުވުމާ ގުޅިގެންނެވެ. މި ޙުކުމުގެ ދަށުން އޭނާގެ ޖަލު ބަންދުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ހާމަކުރި ގޮތުގައި މި މައްސަލަ ފެށިފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު، ގާއޯ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ޗައިނާގައި އުޅުނު ދުވަސްވަރުއެވެ. ސަންހޭ ސިޓީގެ ޔަންގްޖިއާއޯގައި ހުންނަ އޭނާގެ ސްޓޫޑިއޯއަށް 30 ވަރަކަށް ފުލުހުން ވަދެ، މަސައްކަތްތަކުގެ ފޮޓޯ ނަގައި ބައެއް ސްކަލްޕްޗާތައް އަތުލައިގަތުމަށްފަހު އޭނާ ހައްޔަރުކުރިއެވެ. ދަޢުވާގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި ސަގާފީ އިންގިލާބާއި ޗައިނާގެ ކުރީގެ ލީޑަރު މައޯ ޒެޑޮންގް އަށް ފާޑުކިޔާފައިވާ ކުރީގެ މަސައްކަތްތައް ހިމެނެއެވެ.
އެމްނެސްޓީން ފާހަގަކުރާ ގޮތުގައި މި ޤާނޫނަކީ އޭނާގެ މަސައްކަތްތައް އުފެއްދިތާ މާފަހުން ވުޖޫދުވި ޤާނޫނަކަށް ވާއިރު، މާޒީގައި ހިނގާފައިވާ ކަންކަމަށް މިފަދަ ޤާނޫނުތައް ހިންގުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެ ޖަމިއްޔާގެ ޗައިނާ ޕްރޮގްރާމް ޑިރެކްޓަރު ސާރާ ބްރޫކްސް ވިދާޅުވީ ތާރީޚާ މެދު ފާޑުކިޔުންތެރިކަމާއެކު ވިސްނުމަށް މަސައްކަތްކުރާ ފަންނާނުންނަށް ޖިނާއީ އަދަބު ދިނުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ.
މީގެއިތުރުން، މި މައްސަލައިގައި ގާއޯގެ އާއިލާއަށް ވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅު ޗައިނާއިން ފުރުން މަނާކޮށްފައިވާއިރު، އެމްނެސްޓީން ވަނީ މިއީ ޤައުމީ ސަލާމަތުގެ ނަމުގައި މުޅި އާއިލާއަށް ދެމުންދާ ”ޖަމާޢަތުގެ އަދަބެއް“ ކަމަށް ސިފަކޮށްފައެވެ.
ގާއޯގެ ސިއްހީ ހާލަތު ދަށްވަމުންދާތީ، އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއާއި ޙުކުމް ވަގުތުން ބާތިލްކޮށް، އެއްވެސް ޝަރުތަކާ ނުލައި އޭނާ ދޫކޮށްލުމަށް އެމްނެސްޓީ އިން ވަނީ ޗައިނާ ސަރުކާރަށް ގޮވާލާފައެވެ. އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޗައިނާގެ ޤާނޫނުތައް އިސްލާހުކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ ބާރުއަޅާފައެވެ.

