ބުދަ. ސެޕްޓެ 2nd, 2026

އީރާނަށް ހަމަލާދިނުމުން ޓްރަމްޕް ކުއްލިއަކަށް ފަހަތަށް ޖެހުނީ ކީއްވެ؟

ނޫސްވެރިޔާ.ކޮމް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ދޭން ލަފާކުރި ވަރުގަދަ އަސްކަރީ ހަމަލާ ކުއްލި ގޮތަކަށް ކެންސަލް ކުރެއްވުމާ ގުޅިގެން، ބައިނަލްއަގުވާމީ މައިދާނުގައި ސުވާލުގެ ރާޅެއް ވަނީ އުފެދިފައެވެ. ސްޓްރެއިޓް އޮފް ހޯރމުޒްގެ ރައްކާތެރިކަމާއި އީރާނުގެ ނިއުކްލިއާ ފައިލާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ޓްރަމްޕް މި ނިންމެވި ނިންމެވުމުގެ ސަބަބުން، ވޮޝިންޓަނާއި ތެހެރާނުގައި ދަނީ ތަފާތު މާނަތަކެއް ކުރެވެމުންނެވެ.

ވޮޝިންޓަންގައި ހުންނަ އަލްޖަޒީރާގެ މުވައްޒަފު ނާސިރު އަލް ހުސެއިނީ ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕްގެ މި ނިންމެވުމާއެކު އެމެރިކާގެ ސިޔާސީ އަދި މީޑިއާގެ ދާއިރާތަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ. ޓްރަމްޕް މި ނިންމެވުން އިއުލާން ކުރެއްވީ އޭނާ އާންމުކޮށް ބޭނުންކުރައްވާ ”ޓްރޫތު ސޯޝަލް“ މެދުވެރިކޮށް ނުވަތަ ނޫސްވެރިންގެ ބައްދަލުވުމެއްގައެއް ނޫނެވެ. މިއީ އެމެރިކާގެ އާންމު ރައްޔިތުންނާ މުޚާތަބު ކުރެއްވުމުގައި އޭނާ ގެންގުޅުއްވާ އާންމު އުސޫލާ ޚިލާފު ކަމެކެވެ

ފާއިތުވި ދުވަސްތަކުގެ އިންޑިކޭޓަރުތަކުން ދައްކަމުން ދިޔައީ އީރާނުގެ ހަކަތަ އުފައްދާ ތަންތަނާއި، ފެން ޑީސެލިނޭޝަން ސެންޓަރުތަކާއި، ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށް ބޮޑު ހަމަލާއެއް ދޭން އުޅޭ ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ޓްރަމްޕް ފަހަތަށް ޖެހިވަޑައިގަތުމުން، މިއީ މަޝްވަރާއަށް ފުރުސަތު ދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށް ބެލެވެއެވެ. އަލް ހުސެއިނީ ވިދާޅުވި ގޮތުގައި، ގަތަރާއި، ސައުދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުން އިސްކޮށް ތިބެގެން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ސަބަބުން، ސިޔާސީ ހައްލަކަށް ފުރުސަތު ދިނުމަށް ވައިޓް ހައުސްއަށް ބާރު އެޅުނު ކަމަށް ބެލެވެއެވެ.

އަލްޖަޒީރާގެ ތެހެރާން ބިއުރޯގެ ވެރިޔާ ނޫރު އެޑިން ދާގަރް ސިފަކުރެއްވި ގޮތުގައި، މިހާރު ފެންނަނީ ”ހަނގުރާމަވެރިއެއްގެ އަރާމު“ (warrior’s rest) ފަދަ 48 ގަޑިއިރުގެ ވަގުތީ ހަމަހިމޭންކަމެކެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާކްޗީ ސަރަހައްދީ ގައުމުތަކުގެ ވެރިންނާ ކުރެއްވި މަޝްވަރާތަކަށްފަހު، މަސްލަހަތު ވަނީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. އީރާނުން ބޭނުންވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ސްޓްރެއިޓް އޮފް ހޯރމުޒްގެ އުތުރު މަގުން ބޯޓުފަހަރު ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ. އީރާނުގެ ދިރާސާވެރިޔާ ހުސެއިން ރޫއިވަރަން ގަބޫލުކުރައްވާ ގޮތުގައި، އަސްކަރީ ޕްރެޝަރަށްފަހު އަލުން މަޝްވަރާގެ މޭޒަށް ދިއުމަކީ އީރާނަށް ލިބުނު ކާމިޔާބީއެކެވެ.

މެދުއިރުމަތީގެ ސިޔާސަތުގެ މާހިރު ޑރ. މަހުޖޫބް އަލްޒުވައިރީ ވިދާޅުވާ ގޮތުގައި، ޓްރަމްޕްގެ މި ވާހަކަތަކަކީ ބޮޑަށް އެމެރިކާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށްފައިވާ ވާހަކަތަކެކެވެ. ޓްރަމްޕް ބޭނުންވަނީ އޭނާއަކީ ހަނގުރާމަ ފެށުމާއި ހުއްޓުވުމުގެ ފުރިހަމަ ބާރު އޮތް ވަރުގަދަ ލީޑަރެއްގެ ގޮތުގައި ދައްކާލުމަށެވެ. ނަމަވެސް އީރާނުގެ ނިއުކްލިއާ މައްސަލައިގައި ލިބުނު ކުރިއެރުމެއް ނެތް ކަމަށާއި، ޓްރަމްޕްގެ ވާހަކަތަކަކީ އޭނާގެ ސިޔާސީ މަގުބޫލުކަން އިތުރުކުރުމަށް ދައްކަވާ ވާހަކަތަކެއް ކަމަށް އަލްޒުވައިރީ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަގުބޫލުކަން %32 އަށް ދަށްވެފައިވާ ދަނޑިވަޅެއްގައި، %70 އެމެރިކާ މީހުން ބޭނުންވަނީ ހަނގުރާމައަކަށް ނުގޮސް މައްސަލަ ހައްލުކުރުމަށެވެ. ޓްރަމްޕް އިއުލާން ކުރެއްވި ގޮތުގައި، އީރާނުން ވަނީ ހޯރމުޒް ކަނޑުއޮޅި ހުޅުވައި، ނިއުކްލިއާ އެއްބަސްވުމަކަށް ދިއުމަށް ”ގްރޭސް ޕީރިއަޑެއް“ ދިނުމަށް އެދިފައެވެ. ނަމަވެސް އީރާނުގެ މީޑިއާތަކުން މި ވާހަކަތައް ދޮގުކޮށް، މިއީ ގަލްފް ގައުމުތައް ބްލެކްމެއިލް ކުރުމަށް ޓްރަމްޕް ހެއްދެވި އިތުރުފުޅެއް ކަމަށް ވަނީ ސިފަކޮށްފައެވެ.

ޖުމްލަގޮތެއްގައި ބަލާއިރު، ޓްރަމްޕް ފަހަތަށް ޖެހިވަޑައިގަތީ ސަރަހައްދީ ޑިޕްލޮމެޓިކް ޕްރެޝަރާއި، އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްލަހަތަށް ބަލާފައި ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ ދާއިމީ ހައްލެއްތޯ ނުވަތަ ވަގުތީ މަޑުޖެހުމެއްތޯ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެނގިގެންދާނެއެވެ.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *