ހޮނި. މާރޗް 14th, 2026

އިސްރާއީލްއާއި އީރާންގެ ހަނގުރާމަ: އެމެރިކާ، ޗައިނާ އަދި ރަޝިޔާއިން އެ ޤައުމުތަކުގައި ތިބި އެމީހުންގެ ރައްޔިތުން ނެރުމަށް މަސައްކަތްކުރަނީ

އިސްރާއީލުގައި ހުންނަ އެމެރިކާ އެމްބަސީން މިއަދު އަންގާރަ ދުވަހު އިޢުލާންކޮށްފައިވަނީ އެމީހުންގެ ރައްޔިތުން އެތަނުން ނެރެވޭނެ ގޮތެއް ނެތްކަމަށެވެ. އަދި ހަމައެއާއެކު، ޗައިނާއިން އެމީހުންގެ ރައްޔިތުންނަށް އެ ޤައުމުން ފުރައިގެން ދިއުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ރަޝިޔާއިން ވަނީ އެމީހުންގެ ރައްޔިތުން އީރާނުން ނެރެފައެވެ. މިހުރިހާ ކަމެއް ވެގެން މިދަނީ ތެހެރާނާއި ޓެލްއަވީވްއާ ދެމެދު އަސްކަރީ ގޮތުން ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ހުޅަނގު ގުދުސްގައި ހުންނަ އެމެރިކާގެ އެމްބަސީން ރޮއިޓަރސްއަށް ބުނެފައިވަނީ އެތަން މިއަދު ބަންދުކުރާނެ ކަމަށާއި، މިވަގުތު އެމެރިކާ މީހުން ނެރުމަށް ނުވަތަ އިސްރާއީލުން ފުރުމަށް ސީދާ އެހީތެރިވެދެވޭނެ ހާލަތެއްގައި ނެތްކަމަށެވެ.
އިސްރާއީލުގައި ހުންނަ އެމެރިކާ އެމްބަސީން އިއްޔެ ހޯމަ ދުވަހު އިޢުލާންކޮށްފައިވަނީ ޓެލްއަވީވްގައި ހުންނަ އެމްބަސީގެ ގޮތްޕެއް ކައިރިއަށް އީރާނުގެ މިސައިލެއް ވެއްޓި، ކުދިކުދި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުވާކަން ކަށަވަރުކޮށްދީފައިވެއެވެ. އިސްރާއީލުގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ސަލާމަތީ ހާލަތު ގޯސްވެ، އިސްރާއީލުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުމާއެކު، ވީހާވެސް އަވަހަކަށް ބިމުގެ ބޯޑަރު ހުރަސްތަކުން އިސްރާއީލުން ދޫކޮށްލުމަށް އެމީހުންގެ ރައްޔިތުންނަށް ލަފާދީފައެވެ. އެމްބަސީން ޗައިނާގެ ރައްޔިތުންނަށް ލަފާދީފައިވަނީ އުރުދުންއާ ދިމާލަށް ހުންނަ އެއްގަމު މަގުން ފުރުމަށެވެ.

ރަޝިޔާއިން ވަނީ ޓެލްއަވީވްއާއި ތެހެރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ބޮޑުވުމާއެކު، އެމީހުންގެ ރައްޔިތުން އީރާނުން ނެރެފައެވެ. ރަޝިޔާގެ އިންސާނީ ޙައްޤުތަކުގެ ކޮމިޝަނަރު ތަތިޔާނާ މޮސްކަލްކޮވާ އިޢުލާންކުރެއްވި ގޮތުގައި 86 މީހުންގެ ގްރޫޕެއް ވޭތުވެދިޔަ ހޮނިހިރު ދުވަހު އަޒަރުބައިޖާނަށް ނެރެވުނެވެ.
އަދި އިހަށްދުވަހު އާދީއްތަ ދުވަހު، 238 ރަޝިޔާ މީހުން ހިމެނޭ އިތުރު ގްރޫޕެއް ބޯޑަރު ހުރަސްކުރުން އިންތިޒާމުކުރެވުނެވެ. މީގެ ތެރޭގައި ޑިޕްލޮމެޓުންގެ ޢާއިލާތައްވެސް ހިމެނެއެވެ.
ވޭތުވެދިޔަ ހުކުރު ދުވަހުގެ ފަތިހު، އެމެރިކާގެ ސިއްރު އެހީތެރިކަމާއެކު އިސްރާއީލުން އީރާނަށް ފުޅާ ދާއިރާއެއްގައި ހަމަލާއެއް ދިނެވެ. މި ހަމަލާގައި ނިއުކްލިއަރ ފެސިލިޓީތަކާއި މިސައިލް ބޭސްތަކަށް ބޮންއެޅުމާއި، އަސްކަރީ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުން އަވަހާރަކޮށްލުން ހިމެނެއެވެ. އީރާނުގެ ޓެލެވިޜަނުން ބުނާގޮތުގައި މި ހަމަލާގައި ޖުމްލަ 224 މީހުން މަރުވެ، 1277 މީހުންނަށް އަނިޔާވިއެވެ.
ހަމަ އެދުވަހުގެ ރޭ، އީރާނުން ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކުން ޖަވާބުދޭން ފެށިއެވެ. އަދި އިއްޔެ ހޯމަ ދުވަހުގެ މެންދުރު ވަންދެން 24 މީހުން މަރުވެ، ސަތޭކަ އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި މީގެ އިތުރުން ބޮޑެތި މާއްދީ ގެއްލުންތައްވެސް ލިބިފައިވެއެވެ. މިއީ އިސްރާއީލުގެ ޞިއްޙަތު މިނިސްޓްރީއާއި އިސްރާއީލުގެ މީޑިއާއިން ބުނާ ގޮތެވެ.

 

 

Related Post

Leave a Reply

Your email address will not be published. Required fields are marked *