އޮސްޓްރިއާގެ އެލްޕައިން ސަރަހައްދުތަކާއި ވިއެނާގައި މިދިޔަ ހަފްތާ ނިމުނު އިރު ބޯކޮށް ވާރޭވެހި، ބޮޑެތި ފެންބޮޑުވުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ. މީގެ ސަބަބުން ގިނަ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބި، މަގުތަކާއި ރޭލް ދަތުރުފަތުރަށް ބުރޫއަރައިފައިވާ ކަމަށް އޮތޯރިޓީތަކާއި ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ހުކުރު ދުވަހު އޮސްޓްރިއާގެ ހުޅަނގު ސަރަހައްދުގައި ހުންނަ ސެންޓް އެންޓަން ސްކީ ރިސޯޓުގައި ވަރުގަދައަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކާރުތައް ދައުރުވެފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ. އަދި ހޮނިހިރު ދުވަހު ވިއެނާގެ އިރުމަތީ ސަރަހައްދުގައި ރެކޯޑު އަދަދަކަށް ވާރޭވެހިފައިވާ ކަމަށް ސްޓޭޓް ބްރޯޑްކާސްޓަރ އޯއާރްއެފްއިން ބުނެފައިވެއެވެ.
ހޮނިހިރު ދުވަހު ވިއެނާގެ އުތުރުގައި އޮންނަ ޑޮބްލިންގ ސަރަހައްދުގައި އަންހެނަކު ފެންބޮޑުވުމުގެ ސަބަބުން ބަހެއްގެ ދަށަށް ވެއްޓި، ނާޒުކު ހާލަތެއްގައި ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އޯއާރްއެފްއިން ބުނެފައިވެއެވެ. އަދި މި ދުވަހު ވިއެނާގެ ފަޔަރ ސަރވިސްއިން 450 އަށްވުރެ ގިނަ ފަހަރު ކުއްލި ހާލަތުގައި ނުކުންނަން ޖެހުނު ކަމަށްވެސް ބުނެފައިވެއެވެ.
އޮސްޓްރިއާގެ ޗާންސެލަރ ކާލް ނެހަމަރ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައި، ”ބޮޑެތި ވިއްސާރަތަކުގެ ސަބަބުން އޮސްޓްރިއާގެ ގިނަ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައި“ ކަމަށް ވިދާޅުވެ، ގެއްލުންތައް ސާފުކުރުމުގައި އުޅޭ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
ވިއެނާގެ ޑޮބްލިންގ ސަރަހައްދުގައި އަކަމީޓަރަކަށް 110 ލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. މިއީ ވިއެނާގައި އޯގަސްޓު މަހު ވެހުނު އެންމެ ގިނަ ވާރޭގެ ރެކޯޑު ކަމަށް އޯއާރްއެފް ވިއެނާގެ މޫސުމާބެހޭ މާހިރު ކެވިން ހެބެންސްޓްރައިޓް ވިދާޅުވެފައިވެއެވެ.