ދެކުނު އެމެރިކާގެ ތާރީޚުގައި އަލަށް ތައާރަފްކުރި ”ސިޓީޒަންޝިޕް ބައި އިންވެސްޓްމަންޓް“ ޕްރޮގްރާމެއްގެ ދަށުން، ފައިސާ އިންވެސްޓްކޮށްގެން އެ ގައުމުގެ ރައްޔިތުކަން ހޯދުމުގެ ފުރުސަތު އާޖެންޓީނާއިން ހުޅުވާލައިފިއެވެ.
އާޖެންޓީނާގެ އިކޮނޮމީ މިނިސްޓަރު ލުއިސް ކަޕޫޓޯ ހުކުރު ދުވަހު އިއުލާން ކުރެއްވި ގޮތުގައި، މި ޕްރޮގްރާމަކީ އެ ގައުމުގެ އިގްތިސާދަށް ބޭރުގެ ފައިސާ ވެއްދުމުގެ މަގުސަދުގައި ފެށި ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ރައްޔިތުކަން ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 2026 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ރަސްމީކޮށް ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން އާޖެންޓީނާގެ ޕާސްޕޯޓާއި ރައްޔިތުކަން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް މައިގަނޑު ދެ ގޮތެއް ވަނީ ކަނޑައަޅާފައެވެ. އެއީ:
އެ ގައުމުގެ ދައުލަތުގެ ޚަޒާނާއަށް ސީދާ، އަނބުރާ ނުލިބޭ ގޮތަށް (ނޮން-ރިފަންޑަބަލް) 350،000 އެމެރިކާ ޑޮލަރުގެ ކޮންޓްރިބިއުޝަނެއް ދިނުން.
ނުވަތަ މި ޕްރޮގްރާމަށް ޚާއްސަކޮށްގެން ދޫކުރާ ސަރުކާރުގެ ބޮންޑުން މަދުވެގެން 800،000 އެމެރިކާ ޑޮލަރުގެ ބޮންޑް ގަތުން.
މި އާ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ސިޓީޒަންޝިޕް އަދި ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ޚާއްސަ ކުންފުންޏެއް ކަމަށްވާ ”މިލިއަނަރ މައިގްރެންޓް ކޮންސަލްޓިންގ“ ގެ ސީއީއޯ ޖެރެމީ ސޭވަރީ ވިދާޅުވީ، އާޖެންޓީނާއިން ފެށި މި ޕްރޮގްރާމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ޝައުގުވެރިކަމެއް ލިބެމުންދާ ކަމަށެވެ. އަދި ކުރިން މިފަދަ އެހެން ޕްރޮސެސްތައް ކުރިއަށް ގެންގޮސްފައިވާ ތަޖުރިބާކާރު އިންވެސްޓަރުން ހިމެނޭހެން، މިކަމަށް އެދި ކުރިމަތިލާން ބޭނުންވާ އެތައް ބަޔަކު މިހާރުވެސް ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއީ ދެކުނު އެމެރިކާ ބައްރުގެ ގައުމަކުން މިފަދަ ގޮތަކަށް އިންވެސްޓްމަންޓް މެދުވެރިކޮށް ރައްޔިތުކަން ވިއްކުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

