ހޯމަ. އޮކްޓޯ 19th, 2026

އައުޓްޕާފޯމިންގ ޗެއިންސޯސް: ދުނިޔޭގެ އެންމެ އަޑުގަދަ ދޫންޏެއްގެ ލަގަބަށް ވާދަކުރަނީ ދެ ދޫންޏެ

ފޮޓޯ އަލް ޖަޒީރާ

ދޫނީގެ ލަވައަކީ ނުވަތަ އަޑަކީ ހަމައެކަނި ގުދުރަތީ ރީތި މިއުޒިކެއް ކަމުގައި ހީވިޔަސް، ކޮންމެ ގޮވާލުމެއްގެ ފަހަތުގައި އަޑު ކިހާ ބާރަކަށް ވެދާނެ ކަމާއި އެ އަޑެއް ދަތުރުކުރެވޭނެ ދުރުމިނެއް ކަނޑައަޅާ ފިޒިކަލް ވަރުގަދަ އިކުއެޝަނެއް އޮވެއެވެ. މިކަމާ ގުޅޭގޮތުން ދާދިފަހުން ކުރެވުނު ދިރާސާއަކުން ދުނިޔޭގެ އެންމެ އަޑުގަދަ ދޫނީގެ ލަގަބު ހޯދުމަށް ދެ ބާވަތެއްގެ ދޫނި ވާދަކުރާކަން މިވަނީ ހާމަވެފައެވެ.

ސެޕްޓެމްބަރު 29 ވަނަ ދުވަހު މަޝްހޫރު ސައިންޓިފިކް ޖާނަލެއް ކަމަށްވާ ”އިވޮލޫޝަން“ ގައި ޝާއިއުކުރި މި ދިރާސާގައި، ސައިންސްވެރިން ވަނީ 39 އާއިލާއަކަށް ނިސްބަތްވާ 123 ދޫނީގެ ވައްތަރެއްގެ އަޑުތަކުގެ ބާރުމިން ވަޒަންކޮށްފައެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ ދޫނިތަކުގެ އަޑުގެ ބާރުމިން ދެނެގަނެ، އެންމެ އަޑުގަދަ ދޫނިތައް ހޯދުމެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ޓީމުން ވަނީ ޑިސެމްބަރު 2018 އާއި ޖެނުއަރީ 2025 އާ ދެމެދު އެމެރިކާގެ މެސެޗުސެޓްސް އާއި ބްރެޒިލްގެ ބައެއް ސްޓޭޓްތަކުގައި ފީލްޑް ރެކޯޑިންތައް އެއްކޮށްފައެވެ. މި މަސައްކަތުގައި އެމީހުން ބޭނުންކުރީ ޚާއްޞަ މިންގަނޑުތަކަށް ފައްތައި ކެލިބްރޭޓް ކޮށްފައިވާ ސައުންޑް ޕްރެޝަރ ގޭޖްތަކެވެ. އަދި ދޫންޏާއި ދިރާސާކުރާ ފަރާތާ ދެމެދުގެ ދުރުމިން ރެކޯޑްކޮށް، ސައިންސްވެރިން ވަނީ ދޫންޏާ އެއް މީޓަރުގެ ދުރުމިނެއްގައި ލަފާކުރެވޭ އަޑުގެ ބާރުމިން ދައްކުވައިދޭ ގޮތަށް މިންކުރުންތައް އިސްލާހުކޮށްފައެވެ. އެކަށީގެންވާ ވަރަށް ވަޒަން ނުކުރެވޭ ބާވަތްތައް އުނިކުރުމަށްފަހު، އެންމެ ފަހުގެ ތަޙުލީލުތަކަށް ނަގާފައިވަނީ 123 ވައްތަރެކެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި ޖޯއާއޯ ސީ އަލްޖަޒީރާ ނެޓަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދޫނީގެ އެކި ބާވަތްތަކުގެ މެދުގައި އަޑުގެ ބާރުމިނުގައި ފާހަގަކޮށްލެވޭ ބޮޑެތި ތަފާތުތަކެއް ހުރި ކަމަށެވެ. އެގޮތުން އެންމެ އަޑުގަދަކޮށް ރެކޯޑް ކުރެވިފައިވަނީ ”ހުސް ކަރު ބެލްބާރޑް“ (Bare-throated Bellbird) އެވެ. މި ދޫނީގެ އަޑުގެ ބާރުމިން 122.4 ޑެސިބެލް އަށް ވުރެ މައްޗަށް އަރައެވެ. މިއީ އާންމުކޮށް ޗެއިންސޯ (މަރުތޭލަ ކީސް) އަކުން ނުކުންނަ އަޑަށް ވުރެވެސް ބާރު އަޑެކެވެ. މީގެ އިތުރުން ”ރެޑް ލެގްޑް ސެރިމާ“ (Red-legged Seriema) ގެ އަޑުގެ ބާރުމިން ވެސް 120 ޑެސިބަލް އަށް ވުރެ މަތި ކަމަށް ރެކޯޑް ކުރެވިފައިވާތީ، ދުނިޔޭގެ އެންމެ އަޑުގަދަ ދޫނީގެ ޝަރަފަށް މި ދެ ބާވަތް ދަނީ ވަރުގަދައަށް ވާދަކުރަމުންނެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *