1. ޕާސްވޯޑްތަކާއި ލޮގިން ކޯޑްތައް:
ޕާސްވޯޑް، ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ކޯޑް، ސިއްރު އެކްސެސް ކީ އަދި އެކައުންޓް މައުލޫމާތުތަކަކީ އެއައި ބޮޓްތަކާ ހިއްސާކޮށްގެން ވާނެ އެއްޗެއް ނޫން ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޓޭންޑަޑްސް އެންޑް ޓެކްނޮލޮޖީ (އެންއައިއެސްޓީ) އިން އިންޒާރުދެއެވެ. އެކައުންޓާ ގުޅުންހުރި މައްސަލައެއް ހައްލުކުރަން ބޭނުންވި ނަމަވެސް، އަސްލު ޑޭޓާގެ ބަދަލުގައި ފޭކް ޑޭޓާ ބޭނުންކުރުން މުހިންމެވެ.
2. ބޭންކިންގ އަދި މާލީ މައުލޫމާތު:
ބޭންކް ކާޑު ނަންބަރު، ޕިން ކޯޑް، އެކައުންޓް ނަންބަރު އަދި އީ-ވޮލެޓް ޑޭޓާ ފަދަ ތަފްސީލުތަކަކީ އާންމު ލަފައެއް ހޯދުމަށް ޖަހަންޖެހޭ އެއްޗެއް ނޫނެވެ. އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ބަޔާންކުރާ ގޮތުގައި ވަގަށް ނަގާ މިފަދަ މައުލޫމާތުން އެހެން މީހުންގެ ނަމުގައި މުއާމަލާތްތައް ހިންގުމުގެ ނުރައްކާ އޮވެއެވެ. އެހެންކަމުން މާލީ ލިޔުމެއް ތަހުލީލުކުރަން ބޭނުންވި ނަމަވެސް އައިޑެންޓިޓީ ހާމަވާ ނަންބަރުތައް ފޮހެލަން ޖެހެއެވެ.
3. އައިޑެންޓިޓީ ޑޮކިއުމަންޓްތަކާއި ޒާތީ މައުލޫމާތު:
ޕާސްޕޯޓް، އައިޑީ ކާޑު، ޑްރައިވިންގ ލައިސަންސް، އެޑްރެސް އަދި ސަރުކާރުގެ އައިޑެންޓިފިކޭޝަން ނަންބަރުތައް އެއްކޮށްލުމުން މީހާގެ މުޅި ޕްރޮފައިލް އެކުލަވާލެވި، އައިޑެންޓިޓީ ވަގަށް ނެގުމުގެ ފުރުސަތު ބޮޑުވެއެވެ. ލިޔެކިޔުންތައް އެނަލައިޒް ކުރަން ޖެހޭ ހާލަތްތަކުގައި ވެސް ނަމާއި، އެޑްރެސް އަދި ޑޮކިއުމަންޓް ނަންބަރު ފޮރުވުން މުހިންމެވެ.
4. ސިއްހީ މައުލޫމާތު:
މެޑިކަލް ރެކޯޑްތަކާއި، ޓެސްޓް ރިޕޯޓްތަކާއި، މެޑިކަލް އިމޭޖް އަދި އިންޝުއަރެންސް ނަންބަރުތަކަކީ ވަރަށް ނާޒުކު މައުލޫމާތެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް (އެޗްއެޗްއެސް) އިން ވެސް އިރުޝާދު ދެނީ މިފަދަ ޑޭޓާތައް ހާމަނުކުރުމަށެވެ. އެއައި ބޭނުންކޮށްގެން ސިއްހީ ލަފައެއް ނުވަތަ ޓާމެއްގެ މާނަ ހޯދަން އެދުނު ކަމުގައި ވިޔަސް، ޒާތީ މައުލޫމާތު ނުހިމެނުމަށާއި މިއީ ޑޮކްޓަރެއްގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫންކަން ދެނެގަންނަން ޖެހެއެވެ.
5. ވިޔަފާރީގެ ސިއްރުތަކާއި ޝާއިއު ނުކުރާ ޑޭޓާ:
ކުންފުނިތަކުގެ ސިއްރު މައުލޫމާތު، ކަސްޓަމަރުންގެ ލިސްޓު، ޝާއިއު ނުކުރާ ކޮންޓްރެކްޓްތައް، ޕްރޮޑަކްޓް ޕްލޭންތައް އަދި ޓްރޭޑް ސީކްރެޓްސް ފަދަ ތަކެތި ޗެޓްޖީޕީޓީއަށް އެޅުމަކީ ސެކިއުރިޓީ ބޮޑު ނުރައްކަލަކަށް ވެދާނެ ކަމެކެވެ. ކޮންޓްރެކްޓެއް ޚުލާސާކުރަން ބޭނުންވި ނަމަވެސް، ސިއްރު މައުލޫމާތު އުނިކޮށް ނުވަތަ ޑަމީ ޑޭޓާ ބޭނުންކުރުން ބުއްދިވެރިއެވެ.
”ޗެޓްޖީބީޓީ“ އަށް ހަގީގަތުގައި ހުރިހާ ކަމެއް އެނގޭ ހެއްޔެވެ؟
ޗެޓްޖީޕީޓީއަށް އެނގެނީ ޔޫޒަރު އަމިއްލައަށް ފޯރުކޮށްދޭ މައުލޫމާތުތަކެވެ. އެގޮތުން ނަމާއި، ވަޒީފާއާއި، ލޮކޭޝަނާއި، ހޮބީތަކުގެ އިތުރުން އުޅުމުގެ ވައްޓަފާޅި ދެނެގަނެވެއެވެ. ސްވިޒަލޭންޑްގެ ”ލެ ޓެމްޕްސް“ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކި ދުވަސްމަތިން ދެކެވޭ ކުދިކުދި ވާހަކަތައް އެއްކޮށްލުމުން، ޔޫޒަރ ހީކުރާ ވަރަށް ވުރެ ފުރިހަމަ ޕްރޮފައިލެއް އެއައި އަށް އުފެއްދިދާނެއެވެ.
ރައްކާތެރިކަމާއެކު ބޭނުންކުރާނީ ކިހިނެއް؟
އޯޕަންއޭއައިގެ ޑޭޓާ ކޮންޓްރޯލް ސެޓިންގްސް އިން ”އެންމެންނަށް މޮޑެލް ރަނގަޅުކުރުން“ ނިއްވާލުމުން، އާ ވާހަކަތައް މޮޑެލް ތަމްރީނުކުރަން ބޭނުމެއް ނުކުރާނެއެވެ. އަދި ހަނދާނުގައި ބަހައްޓަން ބޭނުން ނުވާ ވާހަކަތަކަށް ”ވަގުތީ ޗެޓް“ (Temporary Chat) ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން، ސެޓިންގްސް މެދުވެރިކޮށް ކުރީގެ ހަނދާންތައް ޑިލީޓްކޮށް އެކްސްޕޯޓް ވެސް ކުރެވެއެވެ.
އެހެންކަމުން، އޭއައި ބޭނުންކުރާއިރު އެންމެ މުހިންމު ކަމަކީ ”ފޮނުވުމުގެ“ (Send) ބަޓަނަށް ފިތާލުމުގެ ކުރިން، މި ސުވާލަށް ޖަވާބު ހޯދަން މި މައުލޫމާތު ދިނުން ކޮންމެހެން މުހިންމުތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުމެވެ. ރައްކާތެރިކަން ފެށެނީ ހަމައެކަނި ސެޓިންގްސް އަކުން ނޫނެވެ؛ އެއީ ތިމާ ހިއްސާކުރާ މައުލޫމާތު ކޮންޓްރޯލް ކުރުމުންނެވެ.