ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ހުއްޓިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕަލްގެ ޚާއްސަ އިވެންޓަށެވެ. ”ސަޕްރައިޒް އެންޑް ޝައިން“ ގެ ޝިއާރުގެ ދަށުން ބާއްވާ މި އިވެންޓް ފެށޭނީ ޕެސިފިކް ގަޑިން ހެނދުނު 10:00 ގައެވެ. މި އިވެންޓް އެޕަލްގެ ރަސްމީ ވެބްސައިޓާއި، އެޕަލް ޓީވީ އެޕް އަދި ޔޫޓިއުބް މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެ އެވެ.
މި އަހަރުގެ ކޮންފަރެންސް ވެގެންދާނީ ތާރީޚީ އިވެންޓަކަށެވެ. ސަބަބަކީ، ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން އެޕަލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ޓިމް ކޫކް އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް ބަދަލުވެ، އެ ކުންފުނީގެ އައު ސީއީއޯގެ ގޮތުގައި ކުރީގެ ހާޑްވެއާ އިންޖިނިއަރިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޖޯން ޓާނޯސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބާއްވާ ފުރަތަމަ ބޮޑު ލޯންޗިން އިވެންޓަށް ވާތީ އެވެ. އެމެރިކާގެ ’ދަ ވާޖް‘ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހަކީ ބޮޑު ލޯންޗަކަށް ތައްޔާރުވާ ދުވަހެއް ކަމަށް ޓާނޯސް ވަނީ އެތެރޭގެ މެމޯއެއްގައި މުވައްޒަފުންނަށް އަންގަވާފަ އެވެ.

