ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިދިޔަ ހޯމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އުފެއްދި ވަގުތީ ސަރުކާރުގެ ލީޑަރު، ސުލްހައިގެ . އިނާމު ލިބުނު މުހައްމަދު ޔޫނުސް، 83، ސަރުކާރާއި ހަވާލުވެ މަގާމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ކެބިނެޓުގައި 16 ބޭފުޅަކު ހިމެނޭއިރު، އޭގެ ތެރޭގައި، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝޭހު ހަސީނާގެ، އަވާމީ ލީގް ޕާޓީއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ނުހިމެނުމަކީ ސިޔާސަތް އެކަށައަޅާ ހަމަޖެހުން ގެނުމަށް އޮތް ހިތްހަމަ ޖެހުމެއްކަމުގައި ގިނަމީހުން ޤަބޫލު ކުރެއެވެ. .
”ބަންގްލަދޭޝްއަކީ އާއިލާއެއް. މި އާއިލާ ބަދަހި ކުރުވަން ޖެހޭ އަޅުގަނޑުމެން. އެކަމަށް މަސައްކަތް ކުރެވޭނީ އެންމެން އެއްކޮށް ގުޅިގެން. އެކަން ކުރެވޭނެ،“ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވަމުން ޔޫނުސް މިއަދު ވިދާޅުވިއެވެ. .
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން ހަސީނާ އިސްތިއުފާ ދެއްވީ ވަޒީފާގެ ކޯޓާގެ މައްސަލައިގައި ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމާ ގުޅިގެންނެވެ. އަދި އެއަށްފަހު ހަމަޖެހުން ގެނުމަށް ކޯޓާއަށް ބޮޑެތި ބަދަލުތަކެއް ގެނައިނަމަވެސް ހަމަނުޖެހުމުގައި ހިނގާދިޔަ ކަންތައްތަކުން އުފެދުނު ނުތަނަވަސްކަމަށް ހައްލެއްނުވާނޭކަން ކަށަވަރު ކުރެވުމާއިއެކު ހަސީނާ ވަނީ ގައުމު ދޫކުރައްވާ އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންފަ އެވެ.
ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އެ މަރުގެ މައްސަލަތަކާއި މުޒާހަރާތަކުގައި ހިނގި ގާނޫނާ ހިލާފު ކަންތައްތައް ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވަނީ ދީފަ އެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު އެކުލަވާލުމުގެ ކުރިން އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން ވަނީ ގައުމުގައި ހަމަޖެހުން ގާއިމުކުރަން ގާނޫނު ހަދާ މަޖިލިސް އުވާލައި، ހައްޔަރުކޮށްފައި ތިބި ހުރިހާ ދަރިވަރުން ދޫކޮށްލައި، އިދިކޮޅު ލީޑަރު ޝަހާދާ ޒިޔާ ވެސް މިނިވަންކުރައްވައިފަ އެވެ.