2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު ބުރުގައި މިސްރާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 1-1 އިން އެއްވަރުވުމަށްފަހު، އީރާނުގެ ގައުމީ ޓީމުގެ ކުޅުންތެރިން ލޮކަރު ރޫމުގައި އަތުން ލިޔެފައިވާ ވަރަށް އަސަރުގަދަ މެސެޖެއް ދޫކޮށްލައިފިއެވެ. މި މެސެޖުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކާމިޔާބީއަށްވުރެ ބޮޑަށް ޝަރަފާއި، އިހުތިރާމާއި، އަދި އިންސާފުވެރި ކުޅުމުގެ މައްޗަށެވެ.
ސީއެޓްލްގައި ކުޅުނު މި މެޗަކީ ދެ ޓީމަށްވެސް ނޭވާލާން އުނދަގޫވި ވަރުގެ ވަރުގަދަ ކުރިމަތިލުމެކެވެ. މެޗުގެ 5 ވަނަ މިނެޓުގައި މިސްރުގެ މަހްމޫދު ސާބްރޭ ޖެހި ގޯލާއެކު އީރާނު ޑެފިސިޓަކަށް ދިޔަ ނަމަވެސް، ކޯޗު އަމީރު ކަލްނޫއީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އީރާނު ޓީމުން ވަނީ ފަހަތުން އަރައި މެޗު އެއްވަރުކޮށްފައެވެ. މި ނަތީޖާއާއެކު އީރާނު މިހާރު އޮތީ ގްރޫޕް ޖީގެ ތިންވަނައިގައެވެ. ނަމަވެސް، ގްރޫޕް ސްޓޭޖުގައި އެއްވެސް މެޗަކުން ބަލިނުވެ ތިން ޕޮއިންޓް ހޯދާފައިވުމުން، އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނި 32 ވަނަ ބުރަށް ދިއުމުގެ ފުރުސަތު އެ ޓީމަށް ވަނީ ވަރަށް ބޮޑުވެފައެވެ. އޮޕްޓާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އީރާނު ކޮލިފައިވުމުގެ ފުރުސަތު %86.23 އަށް އަރައެވެ
މެޗަށްފަހު އީރާނުގެ ކުޅުންތެރިން ލޮކަރު ރޫމުގައި ދޫކޮށްލި މެސެޖުގައި ބުނެފައިވަނީ، ”އަހަރެމެން މިއީ އީރާނުން، އެތައް ހާސް އަހަރެއް ވަންދެން ކާމިޔާބީއަށް ވުރެ އަބަދުވެސް ޝަރަފު އިސްކަންދޭ ބިމަކުން. އަހަރެމެންނަށް ފުޓްބޯޅައަކީ ހަމައެކަނި ނަތީޖާ ހޯދުމުގެ ވާދަވެރިކަމެއް ނޫން، އަޚްލާޤުގެ އިމްތިހާނެއް. އެތައް ގޮތަކުން ޕޮއިންޓް ލިބިދާނެ ނަމަވެސް އިހުތިރާމް މި ގޮތްގޮތަށް ނުލިބޭނެ،“ ކަމަށެވެ.
މީގެ އިތުރުން އެ މެސެޖުގައި ޝިފާ ބަޔާންކޮށްފައިވާ ގޮތުގައި، ޓީމަކަށް ގްރޫޕް ސްޓޭޖުން ކޮލިފައި ވެވިދާނެ ނަމަވެސް، ތާރީހުގައި ނަން އަމަރު ކުރެވޭނީ ނަޒާހަތްތެރިކަމާއި ޝަރަފުވެރިކަމާއެކުގައެވެ. އަދި ފެއާ ޕްލޭ އަކީ ހަމައެކަނި ފުޓްބޯޅައިގެ ގާނޫނުތަކުގައި ހިމެނޭ މާއްދާއެއް ނޫން ކަމަށާއި، އެއީ ކުޅުމުގެ އަސްލު ރޫހު ކަމަށްވެސް އެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ.
މެސެޖު ނިންމާލަމުން އީރާނު ޓީމުން ވަނީ ސީއެޓްލްގެ ރައްޔިތުން ދެއްވި ފުރިހަމަ މެހެމާންދާރީއަށް ޝުކުރު އަދާކޮށްފައެވެ. އަދި އީރާނަށްޓަކައި ހިތާއި، އަޑާއި، ފުރާނައިން ސަޕޯޓުދިން ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަމުން، ”އީރާން، އަބަދަށްޓަކައި ފަޚުރުވެރިވާ،“ ކަމަށް ބުނެފައިވެއެވެ.

