މެކްސިކޯ ސިޓީ: ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި މެކްސިކޯ އިން ދެކުނު އެފްރިކާގެ މައްޗަށް ކުރި ހޯދައި، މުބާރާތުގެ ފެށުން ކާމިޔާބުކަމާއެކު އިއްޔެ އިރުއޮއްސުނު ވަގުތު އިއުލާންކޮށްފިއެވެ. މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗު މެކްސިކޯ އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ހާވިއާ އަގުއިރޭގެ އިރުޝާދުގެ ދަށުން ކުޅުނު މެކްސިކޯ ޓީމުން މެޗު ފެށީ ވަރަށް ވަރުގަދަ އަޒުމެއްގައެވެ. މެޗުގެ ފުރަތަމަ ލަނޑު 9 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޫލިއަން ކިނޮނޭސްއެވެ. މި ލަނޑު އޭނާ ޖެހީ އެރިކް ލީރާ، ދެކުނު އެފްރިކާގެ ސިތޯލް އަތުން ބޯޅަ ހޯދައި ދިން ފުރުސަތެއްގައެވެ. މެކްސިކޯގެ ދެވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރައުލް ޖިމެނޭޒްއެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ރޮބަޓޯ އަލްވަރާޑޯއެވެ.
މި މެޗުގައި ތާރީޚީ ކަމެއްވެސް ވަނީ ފެނިގެންގޮސްފައެވެ. އެއީ އުމުރުން އެންމެ 17 އަހަރާއި 240 ދުވަހުގެ ގިލްބަޓޯ މޯރާ ކުޅެން ނުކުތުމެވެ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ކުޅުނު 6 ވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
މެޗުގެ ފޯރިގަދަވެގެން ދިޔައިރު، ރަތް ކާޑުގެ ތިން ހާދިސާއެއް ވަނީ ފެނިފައެވެ. ދެކުނު އެފްރިކާގެ ސިތޯލޭ އާއި ބަދަލު ކުޅުންތެރިޔާ ތެމްބާ ޒްވާނޭއަށް ރަތް ކާޑު ދެއްކިއިރު، މެކްސިކޯގެ ސެންޓަރ ބެކް ސީސާ މޮންޓެސްއަށް ވެސް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން މެކްސިކޯގެ ކިނޮނޭސް ބުނީ އަމިއްލަ ގައުމުގައި، މިފަދަ ހިތްގައިމު ސަޕޯޓަރުންގެ ކުރިމަތީގައި ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑު ޖެހުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. މެކްސިކޯގެ ވިންގާ ރޮބަޓޯ އަލްވަރާޑޯ ބުނީ މިއީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް ކަމަށެވެ.
ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ދެކުނު އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސް ބުނީ، މި ފެންވަރުގެ މުބާރާތެއްގައި ހެދޭ ކުދިކުދި ގޯސްތަކަށްވެސް ބޮޑެތި އަދަބު ލިބޭނެކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޓީމު ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މި މުބާރާތުގެ ފޯރިގަދަ މެޗުތައް ކުރިއަށްދާއިރު، ދެން އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކް އާއި ސައޫތު ކޮރެޔާ ބައްދަލުކުރާ މެޗެވެ. މި މެޗު އޮންނާނީ 12 ޖޫން 2026 ވާ ހުކުރު ދުވަހު ރާއްޖެ ގަޑިން ހެނދުނު 7:00 ގައެވެ.

