ހޮނި. މެއި 16th, 2026

މެކްސިކޯ ސިޓީގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ގެ ފެށުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަ އަދި ފޯރިގަދަ ހަރަކާތްތަކަކާއެކު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

11 ޖޫންވާ ބުރާސްފަތި ދުވަހު، މުޅި ދުނިޔޭގެ ސަމާލުކަން މެކްސިކޯއަށް ހުއްޓިގެންދާނީ، އަޑާއި ކުލައިގެ މުއްސަނދިކަމާއެކު ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ގެ ފެށުމުގެ ރަސްމިއްޔާތަށެވެ. މިއީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާ ގުޅިގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ ފެށުމެވެ.

މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ބާއްވާ މި ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މެޗު ފެށުމުގެ 90 މިނެޓު ކުރިންނެވެ. މި ހަފުލާގައި ދުނިޔޭގެ މަޝްހޫރު މިއުޒިކީ ފަންނާނުން ކަމަށްވާ އަލެހަންދްރޯ ފެނާންޑޭޒް، ބެލިންޑާ، ޑެނީ އޯޝަން، ޖޭ ބަލްވިން، ލީލާ ޑައުންސް، ލޮސް އަންހެލްސް އަޒޫލްސް، މަނާ އަދި ޓައިލާ ފަދަ ތަރިން ފީފާ ވޯލްޑް ކަޕް 2026 ގެ ރަސްމީ އަލްބަމްގެ ލަވަތައް ހުށަހަޅައިދޭނެއެވެ.

މުބާރާތް ހުޅުވައިދޭ ފުރަތަމަ ގައުމުގެ ހައިސިއްޔަތުން، މެކްސިކޯއިން މި ފަށައިދެނީ ތިން ގައުމެއްގައި ބާއްވާ ތަފާތު ތިން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ފުރަތަމަ ރަސްމިއްޔާތެވެ. ’ބަލިޗް ވޮންޑާ ސްޓޫޑިއޯ‘ އާ ގުޅިގެން ތައްޔާރުކޮށްފައިވާ މި ހަރަކާތްތަކުގައި، ކޮންމެ ގައުމެއްގެ ސަގާފަތުގެ ތެރެއިން ވޯލްޑް ކަޕް ތަށި ސިފަކޮށްދޭނެއެވެ. މެކްސިކޯގައި މިކަން ފެނިގެންދާނީ އެ ގައުމުގެ ސަގާފީ އަދި ފަންނުވެރި މަސައްކަތެއް ކަމަށްވާ ’ޕަޕެލް ޕިކާޑޯ‘ (ކަރުދާހުން ތައްޔާރުކުރާ ކުރެހުންތައް) މެދުވެރިކޮށެވެ.

ފީފާގެ ރައީސް Gianni Infantino ވިދާޅުވި ގޮތުގައި، ވޯލްޑް ކަޕަކީ މުޅި ދުނިޔެ ބައިވެރިވާ އުފާވެރި ވަގުތެއް ކަމަށާއި، މެކްސިކޯ ސިޓީން ފެށިގެން ޓޮރޮންޓޯ އަދި ލޮސް އެންޖެލިސްގައި ބާއްވާ މި ރަސްމިއްޔާތުތަކުން މިއުޒިކާއި، ސަގާފަތާއި ފުޓުބޯޅަ އެކުވެގެންދާނެއެވެ. މިއީ މުޅި ދުނިޔެއަށް ހުޅުވާލެވިގެން ބާއްވާ ބޮޑު އީދެއްގެ ފެށުމެވެ

ސްޓޭޑިއަމަށް ވަންނަ ސަޕޯޓަރުންނަށް ވެސް މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ރަސްމިއްޔާތު ފެށޭނީ މެކްސިކޯ ގަޑިން 11:30 ގައެވެ. މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިން ސްޓޭޑިއަމްގެ ދޮރުތައް ހުޅުވާލެވޭނެ ކަމަށާއި، މެޗުގެ ކުރިން ސަޕޯޓަރުންނަށް ހާއްސަ ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ. މި މެޗު ކުޅޭ ސްޓޭޑިއަމަކީ ތިން ވޯލްޑް ކަޕެއްގެ މެޗުތައް ބޭއްވުމުގެ ޝަރަފު ލިބޭ ދުނިޔޭގެ ފުރަތަމަ ސްޓޭޑިއަމެވެ.

ޖުމްލަ 104 މެޗު ހިމެނޭ މި މުބާރާތް 16 ސިޓީއެއްގައި ކުރިއަށްދާނެއެވެ. 11 ޖޫންގައި މެކްސިކޯގައި ފަށާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 19 ޖުލައިގައި ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައެވެ. މުބާރާތުގެ ޓިކެޓާއި އެހެނިހެން ޕެކޭޖުތައް FIFA.com/tickets މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *