ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ވެރިރަށް ދިމިޝްގް ހިފުމާއެކު، ރައީސް ބައްޝާރުލް އަސަދު ގައުމު ދޫކޮށް ފިއްލަވައިފިއެވެ. މި ކުއްލި ބަދަލާއެކު، އިދިކޮޅު ލީޑަރު އަބޫމުހައްމަދުލް ޖޫލާނީ (އަހްމަދުއްޝަރުއު) ވަނީ ގައުމުގެ ވެރިކަން ހިފައި، އައު ސިޔާސަތުތަކެއް އިޢުލާނުކޮށްފައެވެ.
42 އަހަރުގެ ޖޫލާނީއަކީ ކުރިން ޖަބްހަތުއްނުސްރާގެ ވެރިއެއްގެ ގޮތުގައި ހުރި މީހެކެވެ. އޭނާގެ މާޒީގައި އަލްގާއިދާ އަދި އައިއެސްއާ ގުޅުން އޮތްކަމަށް ބެލެވުނު ނަމަވެސް، މިހާރު އޭނާ ވަނީ ކުރީގެ ހަރުކަށި ވިސްނުން ދޫކޮށް، މެދުމިނުގެ އިސްލާމީ އަދި ގައުމީ ފިކުރަކަށް ބަދަލުވެފައެވެ.
ޖޫލާނީ ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމުގައި ސޫރިޔާގައި ބިނާކުރަނީ ކުރިން އޭނާ ގެންގުޅުނު ސަލަފީ ތަކްފީރީ ވިސްނުމުގެ ޚިލާފަތުގެ ވެރިކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އިސްލާމީ އާންމު ފިކުރުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ މުއައްސަސާތަކުގެ ދައުލަތެއް ބިނާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ސޫރިޔާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ސުންނީންނާއި ޝިޔައީންނާއި އަލަވީން އަދި ދުރުޒީން ފަދަ ތަފާތު މަޒްހަބުތަކުގެ މީހުންނަށްވެސް އަމާންކަމާއެކު ސުލްހަވެރި ގޮތުގައި ދިރިއުޅެވޭނެ ގައުމެއްގެ ގޮތުގައި ސޫރިޔާ ބިނާކުރާނަމެވެ,“ ޖޫލާނީ ވިދާޅުވިއެވެ.
މިހާރު ޖޫލާނީގެ ފަހަތުގައި ތިބި ހަނގުރާމަވެރިންގެ ތެރޭގައި އިލްމާނީ ފިކުރާއި އަރަބި ގައުމީ ފިކުރުގެ ޖަމާއަތްތަކުގެ މީހުންވެސް ހިމެނެއެވެ. މިއީ އޭނާގެ ސިޔާސީ ވިސްނުމަށް އައިސްފައިވާ ބޮޑު ބަދަލެއްގެ ހެއްކެއް ކަމުގައި ބެލެވެއެވެ.
ބައްޝާރުގެ ވެރިކަމުގެ ނިޒާމުގައި ބައިވެރިވި އެއްވެސް ފަރާތަކުން އޭނާއާ ދެކޮޅަށް ނުނުކުންނަނަމަ އެމީހަކަށް ރައްކާތެރިކަން އޮންނާނެކަމަށް ޖޫލާނީ ވިދާޅުވެފައިވެއެވެ. މި ވަޢުދާ ގުޅިގެން، ސޫރިޔާގެ ބޮޑުވަޒީރާއި އެނޫންވެސް ބައްޝާރުގެ ވެރިކަމުގެ އިސްވެރިން ވަނީ އެމީހުން ތިބީ އިދިކޮޅަށް ވާގިވެރިވެ އެއްބާރުލުން ދޭން ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.
ބައިނަލްއަޤްވާމީ މަޝްރަޙުގައި، ޖޫލާނީގެ ފަހަތުގައި ވާކަމަށް ބެލެވެނީ ތުރުކީއެވެ. އަދި ރަޝިއާއާއި އީރާންވެސް ވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. މިއީ ސޫރިޔާގެ އައު ވެރިކަމަށް ލިބިގެންދާނެ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
ކުރިން އެމެރިކާއިން ޖޫލާނީ އަކީ ޓެރަރިސްޓެއްކަމަށް ސިފަކޮށް، އޭނާ މަރާލާ މީހަކަށް 10 މިލިޔަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައިވީ ނަމަވެސް، މިހާރު ސީއެންއެން ފަދަ އެމެރިކާގެ މަޝްހޫރު މީޑިއާތަކުން ޖޫލާނީގެ އިންޓަވިއުތައްވެސް ގެނެސްދެއެވެ. މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނަޒަރުގައި އޭނާގެ ސިފަ ބަދަލުވަމުންދާކަމުގެ ހެއްކެއް ކަމުގައި ބެލެވެއެވެ.
މި ބަދަލުތަކާއެކު، ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ވަނީ މީގެ ދިހަވަރަކަށް ދުވަސްކުރިން ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ޒަމާނީ ހަތިޔާރާއި ހަނގުރާމައިގެ ވަސީލަތްތައް ބޭނުންކޮށްގެން ސޫރިޔާގެ އުތުރުގެ ބޮޑު ދެ ޕްރޮވިންސް ކަމަށްވާ އިދްލިބްއާއި ހަލަބް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. އޭގެފަހުން، ހަމާ އަދި ހިމްސް ޕްރޮވިންސްތައްވެސް ވަނީ ހަނގުރާމައަކާ ނުލައި އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށަށް ގެނެވިފައެވެ.
ސޫރިޔާގެ މި އައު ބަދަލާއެކު، ގައުމުގެ މުސްތަޤުބަލާމެދު އުއްމީދީ ވިސްނުންތަކެއް އުފެދިފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ކަމާ ގުޅޭގޮތުން ފަރުވާތެރިކަމާއެކު ބަލަމުންދާނެ ކަމަށް ބެލެވެއެވެ. ޖޫލާނީގެ އާ ސިޔާސަތުތަކާއި ވަޢުދުތައް ތަންފީޒުކުރެވޭ މިންވަރު ދުނިޔޭގެ އެކި ފަރާތްތަކުން ގާތުން ދިރާސާކުރަމުންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.
މި ބަދަލަކީ 2011 އިން ފެށިގެން ހިނގަމުން އައި ސޫރިޔާގެ ހަނގުރާމައިގެ އެންމެ ފާހަގަކޮށްލެވޭ ބަދަލު ކަމުގައި ބެލެވެއެވެ. މި ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެ، މިލިއަނުން މީހުން ގައުމުން ބޭރަށް ހިޖުރަކޮށްފައިވެއެވެ. ޖޫލާނީގެ ވެރިކަމުގައި މި ހާލަތު ރަނގަޅުވެ، ސޫރިޔާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްހަވެރިކަން ލިބިގެންދާނެކަމަށް ގިނަ ބަޔަކު އުއްމީދުކުރެއެވެ.