އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން އޮސްޓްރޭލިއާއިން ބުރާސްފަތި ދުވަހު ބިލެއް ފާސްކޮށްފި އެވެ.
ހޫނު ބަހުސްތަކަކަށް ފަހު މި ބިލް ފާސްކޮށްފައި ވާއިރު މިއީ ބޮޑެތި ޓެކް ކުންފުނިތަކަށް އަމާޒުކޮށްގެން ހަރުކަށި އުސޫލުތަކެއް ހުރި އަދި އެހެން ގައުމުތަކުން ބެންޗު މާކެއްގެ ގޮތުގައި ބަލާނެ ގާނޫނަކަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އިންސްޓަގްރާމާއި ފޭސްބުކާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް، މި ގާނޫނުގައި ބުނާ އުމުރަށް ވުރެ ކުޑަ ކުދިންނަށް ލޮގިން ވެވޭ ގޮތަށް ދޫކޮށްލާފައި ހުންނަ ނަމަ 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (32 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުމަށް ބިލްގައި ކަނޑައަޅާފައިވެ އެވެ. މި ބިލް ގާނޫނަކަށް ވުމާ އެކު އަންނަ ޖެނުއަރީ މަހުން ފެށި ގާނޫނު ތަންފީޒުކުރަން ފަށާނީ އަޖުމަ ބެލުމުގެ މަރުހަލާއަކުންނެވެ. ގާނޫނަށް އެއްކޮށް އަމަލުކުރަން ފަށާނީ އަހަރު ދުވަހުންނެވެ.
”ސޯޝަލް މީޑިއާ މިނިމަމް އޭޖް ބިލް“ އޮސްޓްރޭލިއާގައި ހެދީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލި ހާލަތު ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުމާ އެކުގަ އެވެ.
ފްރާންސާއި އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި، ބެލެނިވެރިންގެ ހުއްދަނެތި ކުޑަކުދިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެކްސެސްވުން މަނާވާ ގޮތަށް ގާނޫނުތައް ފާސްކުރި ނަމަވެސް އޮސްޓްރޭލިއާގައި މަނާކޮށްފައިވަނީ ޖުމްލަކޮށް، ހުރިހާ ކުޑަކުދިންނަށެވެ. އެމެރިކާގެ ފްލޮރިޑާގައި 14 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައި ވާއިރު މިއީ ހިޔާލް ފާޅުކުރުމަށް ހުރަސްއެޅުން ކަމަށް ބުނެ އެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
މެޓަގެ ތަރުޖަމާނަކު ވިދާޅުވީ ފޭސްބުކްގެ ވެރިޔާ އޮސްޓްރޭލިއާގެ ގާނޫނަށް އިހުތިރާމް ކުރާނެ ކަމަށާއި ނަމަވެސް ޓެކް އިންޑަސްޓްރީގައި، ޕްލެޓްފޯމްތައް ބޭނުންކުރާ ކުދިންގެ އުމުރު ކަށަވަރުކުރުމަށް މިހާރު ވެސް ކުރަމުން އަންނަ މަސައްކަތާއި ޒުވާނުންގެ ހިޔާލު ރަނގަޅަށް ނުބަލައި އަވަސްއަރުވާލައިގެން ބިލް ފާސްކުރީތީ ކަންބޮޑުވާ ކަމަށެވެ.
މި ބިލާ މެދު އޮސްޓްރޭލިއާގެ އާންމުންގެ މެދުގައި ވެސް ހިޔާލް ތަފާތުވެ ބައިބައި ވެފައި ވާއިރު އެންމެ ބޮޑު ސުވާލެއް އޮތީ ގާނޫނު ތަންފީޒުކުރާނެ ގޮތަކާ މެދުގަ އެވެ.