އދ. ގެ ސަލާމަތީ މަޖިލީހަށް އިއްޔެ ހުށަހެޅުނު، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ސަރަހައްދުގައި ހިންގަމުންދާ ހަނގުރާމަ އެއްވެސް ޝަރުތަކާ ނުލައި ދާއިމީކޮށް ހުއްޓާލުމަށް ގޮވާލާ ގަރާރު އެމެރިކާއިން އަނެއްކާވެސް ވީޓޯކޮށް ބޭރުކޮށްލައިފިއެވެ.
ސަލާމަތީ މަޖިލީހުގެ އިންތިޚާބީ މެންބަރުންގެ ގޮތުގައި ހިމެނޭ 9 ޤައުމަކުން ހުށަހެޅި މި ގަރާރަށް 14 ވޯޓު ލިބުނު ނަމަވެސް، އެމެރިކާއިން ވީޓޯކުރުމާ ގުޅިގެން ގަރާރު ބޭރުވެގެން ދިޔައެވެ. އެމެރިކާއިން މި ގަރާރު ވީޓޯކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ”ޝަރުތުތަކާ ނުލައި“ ހަނގުރާމަ ހުއްޓާލުމަށް އޮތް އޮތުމާ ދެކޮޅު ހެދުމެވެ.
”މުޅި މަޝްވަރާތަކުގައި އަޅުގަނޑުމެން ސާފުކޮށްދިނީ ރަހީނުކުރި މީހުން ދޫކޮށްލުމަށް ޝަރުތުނުކޮށް ހަނގުރާމަ ހުއްޓާލުމަށް ތާއީދު ނުކުރެވޭނެ ކަމަށް,“ އެމެރިކާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނާއިބު ރޮބާޓް ވުޑް ވިދާޅުވިއެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރު އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި ވީޓޯ ކުރި ހަތަރުވަނަ ފަހަރެވެ. އެމެރިކާއިން އަހަރަކު މަދުވެގެން 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އިސްރާއީލަށް ފޯރުކޮށްދޭއިރު، ޣައްޒާގެ ހަމަނުޖެހުން ފެށުނު ފަހުން ބައިޑެންގެ ވެރިކަމުގައި ވަނީ އެގައުމަށް އިތުރު އެހީގެ ގޮތުގައި 14 ބިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ނިންމާފައެވެ.
މި ސްޓޭންޑާ ގުޅިގެން އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ ފާޑުކިޔުން ބައިޑަންއަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.