ހޯމަ. ޑިސެމް 23rd, 2024

ހަމާސްގެ އާ ލީޑަރު ސިންވާރު އަވަހާރަކޮށްލައިފި

އިޒްރޭލްގެ އަސްކަރިއްޔާއިން، ހަމާސްގެ އާ ލީޑާރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލައިފި އެވެ.

ސިންވާރު އަވަހާރަކޮށްލިކަން ރަސްމީކޮށް ކަށަވަރުކޮށްދިނުމުގެ ކުރިން އިޒްރޭލްގެ މީޑިއާގައި ވަނީ އެކަން ރިޕޯޓްކޮށްފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ސިންވާރް އަވަހާރަކޮށްލާފައިވަނީ ބުދަ ދުވަހު ޣައްޒާގެ ދެކުނުގައި އިޒްރޭލުގެ ސަދަން ކޮމާންޑުން ދިން ހަމަލާތަކެއްގައި ކަމަށެވެ.

”ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އައިޑީއެފް އާއި އައިއެސްއޭ (ޝިން ބެޓް އިންޓާނަލް ސެކިއުރިޓީ އެޖެންސީ) އިން ހިންގި އެތައް އޮޕަރޭޝަނެއްގައި އަދި އޭނާ [ސިންވާރް] އަށް ހަމަލާދީ ނައްތާލި ސަރަހައްދުގައި ހިންގި އޮޕަރޭޝަންތަކުގެ ސަބަބުން ޔަހްޔާ ސިންވާރުގެ އޮޕަރޭޝަނަލް މޫވްމަންޓަށް ހުރަސް އެޅިގެން ދިޔަ. އަދި ސިފައިން ފަހަތުން ގޮސް އޭނާ ނައްތާލަން މަގުފަހިވި،“ އަސްކަރިއްޔާއިން ބުންޏެވެ.

އަސްކަރިއްޔާއިން ބުނީ ތިން މީހެއްގެ ހަށިގަނޑުގެ ތަހުލީލުތައްކޮށްފައި ވާއިރު އޭގެ ތެރޭގައި ސިންވާރު ހިމެނޭކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އުމުރުން 61 އަހަރުގެ ސިންވާރު އަވާހަރަކޮށްލިކަން ރަސްމީކޮށް އިއުލާނުކުރީ އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އެވެ.

ސިންވާރް އަވަހާރަކޮށްލާފައި ވަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯތަކާއި ވީޑިއޯތައް ވަނީ އާންމުވެފަ އެވެ. އެއިން ފެންނަ ގޮތުގައި ސިންވާރު އޮންނެވީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެފަ ވަޑައިގެން އަސްކަރީ ހެދުންކޮޅުގަ އެވެ. ހަށިގަނޑު އޮތީ ފުނޑުފުނޑު ވެފައިވާ އިމާރާތެއްގެ ބައިތަކުގެ ތެރޭގަ އެވެ. އެއް ފައި ކަކުލު ހުޅާ ދިމާލުން ބިނދި ވަރަށް ބޮޑަށް ޒަހަމްވެފައި އޮތް އިރު ބޮލަށް ވެސް ހަމަލާއެއް އަމާޒުވެފައިވެ އެވެ.

ހަމާސްގެ ލީޑަރު ކަމަށް ސިންވާރު އައްޔަންކުރީ ކުރީގެ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް، އިޒްރޭލުން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި އޭނާ މިދިޔަ ޖުލައި މަހު އަވާހާރަކޮށްލުމުންނެވެ.

އިޒްރޭލްގެ ޖަލުގައި ގިނަ އަހަރުތަކެއް ވަންދެން ބަންދު ވެސް ކުރި ސިންވާރަކީ ހިބްރޫ ބަހަށް ފަރިތަ މީހެކެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާއަކީ އޭނާގެ ރޭވުންތެރިކަމުގެ ދަށުން ދިން ހަމަލާއެކެވެ.

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލް އާންމުގައި މިހާތަނަށް 41،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *