އައްޑޫ އާއި ފުވައްމުލަކު ނޭޗާ ޕާކްތައް މަރާމާތު ކުރުމަށް ޔޫއެންޑީޕީ އާއި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލާއެކު އެންވަޔަރަމަންޓް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގިނަ ދުވަސްތަކަކަށް މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން އެ ދެ ޕާކު ވަނީ ހަލާކުވެފަ އެވެ.
ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޔޫއެންޑީޕީ އާއި އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލާއެކު ވަނީ އެމްޔޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓަކީ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް (ޖީއެފްސީއާރު) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މޯލްޑިވްސް އާރްއާރްއީއެފް ޕްރޮޖެކްޓްތަކުގެ ދަށުން ނޭޗާ ޕާކްތައް މަރާމާތު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކު ނޭޗަރ ޕާކުތަކުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ޙިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާކަމަށެވެ.
ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ)ގެ ދަށުން ސަރުކާރުން 2018 ވަނަ އަހަރު އިމާރާތްކުރި މި ޕާކަކީ ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ ޕާކެކެވެ.
އައްޑޫގެ ނޭޗާ ޕާކު ހެދީ އެ ސިޓީގައި އޮންނަ އައްޑޫ އީދިގަލި ކިޅި އާއި ކޯއްޓޭ ފަރުގެ ސަރަހައްދުގަ އެވެ. ސަރުކާރުން ހިމާޔަތް ކޮށްފައިވާ އީދިގަލި ކިޅި އާއި ކޯއްޓޭއަކީ ގުދުރަތީ ދިރުންތައް ކައިރިން ބަލާލުމުގެ ފުރުސަތު ލިބޭ ސަރަހައްދުތަކެކެވެ.
އީދިގަލި ކިޅިއަކީ ރާއްޖޭގައި ހުރި ޗަސްބިންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޗަސްބިމެވެ. އެތަން މަޝްހޫރު ވެފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ތަފާތު ބާވަތްތަކުގެ ކަނޑުމަތީ ދޫނިތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި މާކަނަ އާއި އިރުވާހުދާއި އަހަރުގެ ހުރިހާ އިރެއްގައި ވެސް އެ ސަރަހައްދުން ފެންނަ ރާބަނދި ހިމެނެ އެވެ.
އެއާ ހިލާފަށް ކޯއްޓޭއަކީ ފީނުމަށް ރީތި ތަނެކެވެ. އެ ސަރަހައްދުގައި އެކި ބާވަތްތަކުގެ މުރަކަ އާއި ވެލަޔާއި މިޔަރު އަދި އެހެނިހެން ބާވަތްތަކުގެ އެކި ކުލަކުލައިގެ މަސްތައް އުޅެ އެވެ.
މި ދެ ތަނަކީ ވެސް ގުދުރަތާއި ތަފާތު ބާވަތްތައް ބަލާލުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ތަނެކެވެ.
ފުވައްމުލަކު ނޭޗަރ ޕާކް ހުންނަނީ އެރަށުގެ އެންމެ ބޮޑު ގިރާ ސަރަހައްދު ކަމަށްވާ ދަޑިމަގު ކިޅީގައެވެ.